Roadha Mihaaru
ބިދޭސީންގެ ވަގު ވިޔަފާރިތައް ހޯދައި ފިޔަވަޅު އަޅަނީ

ބިދޭސީން ކުރާ ވަގު ވިޔަފާރިތައް ފުލުހުންނާ ގުޅިގެން ދެނެގަނެ ފިޔަވަޅު އަޅަނީ

25 ޖެނުއަރީ 2024

ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތްތައ ފުލުހުންނާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތްތައ ފުލުހުންނާ ގުޅިގެން މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ފަސް ވަޒީރަކާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް ސަޕްޓަން ޕާކުގައި ބޭއްވި ޕަބްލިކް ފޯރަމްގަ އެވެ.

"އަހާ ފޯރަމް" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބިދޭސީން ކުރުން މަނާ ވިޔަފާރިތަކުގައި އުޅޭކަން ފާހަގަކުރެވިފައިވާތީ، އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ހުއްދަ ނެތް ވިޔަފާރިތައް ހޯދައި އެކަން އިކޮނޮމިކް މިނިސްޓްރީ އަށް އެންގުމަށް ފުލުހުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެދިފައިވާނެ ކަމަށެވެ. ސައީދު ވިދާޅުވީ، އެއްވެސް ބިދޭސީއަކަށް ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ. އެފަދަ ވިޔަފާރިތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެން ހުއްދަ ނެތި ބިދޭސީންކުރާ ވިޔަފާރިތަކާ އެއްވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި ފުލުހުންނާ އެކު ކަންތައްތަކެއް މި ރޭވީ. އިރާދަކުރެއްވިއްޔާ ފުލުހުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާ ގުޅިގެން މި މަސައްކަތް އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ވަރަށް ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އަހާ ފޯރަމްގައި ބައިވެރިވި ކެބިނެޓް މިނިސްޓަރުން -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަހާ ފޯރަމްގައި ބައިވެރިވި ކެބިނެޓް މިނިސްޓަރުން -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބިދޭސީންނަށް ކުދި ވިޔަފާރިތައް ހިންގުމުގެ ހުއްދަ ނެތް ނަމަވެސް، މާރުކޭޓު ގޮޅިތަކުން ފެށިގެން ކަންމަތީ ފިހާރަތަކާއި މޯބައިލް ފޯނު ވިއްކާ ފިހާރަތަކާއި އަންނައުނު ވިއްކާ ފިހާރަތައް ހިންގާ ކަމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން އިތުރުވެ އެވެ. މިފަދަ ވިޔަފާރިތައް ބިދޭސީން ގިނަ ފަހަރަށް ހިންގަނީ ދިވެއްސެއްގެ ނަން މަތީގަ އެވެ. އެހެންވެ، އެ ވިޔަފާރިއަކީ ބިދޭސީން ހިންގާ ވިޔަފާރިއެއް ކަން ސާބިތުކުރަން އިކޮނޮމިކް މިނިސްޓްރީއަށް ވެސް ދަތިތަކާ ކުރިމަތިވެ އެވެ.

ސައީދު މިރޭ ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތައް އިންސްޕެކްޓް ކުރުމަށް ދިއުމުން ވެސް، އެކަންކަން ނުހޯދޭ އެންމެ ބޮޑު އެއް ސަބަބަކީ، ދިވެއްސަކާ ގުޅިގެން އެފަދަ ވިޔަފާރިތައް ހިންގާތީ ކަމަށެވެ. ވިދާޅުވީ، ބިދޭސީން ދިވެހިންގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީ ކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރުމުގައި އުޅުމުގައި މިނިސްޓްރީގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލު ކުރާނެ ކަމަށެވެ.

ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ލޯކަލް ގަވަނެންސް މިނިސްޓްރީއާ ގުޅިގެން ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވައިލާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.