ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ އަދި ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
09 ޑިސެމްބަރ 2025
ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުން ނިސްބަތްވާ ގުރޫޕްތަކާއި އެ މީހުންގެ އާއިލާ އަދި ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނީ އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ދައުވާ ލިބުނު ހަމްދޫން ހަމްޒަތުގެ މައްޗަށް މަރުގެ އަދަބު އިއްވައި ކުރި ހުކުމްގަ އެވެ.
އެ މައްސަލާގައި ދައުލަތުން ސިއްރު ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ހެއްކަކީ "ސިއްރު ހެކިވެރިޔާ 8" އެކެވެ. އޭނާ އަކީ ހަމްދޫން، އާގިލްއަށް ހަމަލާދޭ މަންޒަރު ހަމަލޮލުން ފެނުނު، އެކަން ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހެކެވެ.
އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ އާގިލްގެ މެޔަށް ވަޅި ހެރި މަންޒަރު ފެނުނު ކަމަށާއި އެއާ އެކު ހަޅޭއްލަވައިގަނެ އޭނާ ދުވައިގަތް މަންޒަރު ފެނުނު ކަމަށެވެ. މެޔަށް ހެރި ވަޅީގައި ހުރި ލޭތައް ފޮޅާލުމަށް ފަހު ހަމްދޫން ސައިކަލެއްގެ ފަހަތުގައި އެ ސަރަހައްދުން ދިޔަ މަންޒަރު ވެސް ހެކިވެރިޔާއަށް ސާފުކޮށް ފެނުނެވެ. އެހެންވެ، މި މައްސަލައިގެ އެންމެ މުހިންމު ހެކިވެރިޔާއަކަށް އޭނާވި އެވެ.
އޭނާ ވަނީ މިކަން މައްސަލައިގެ ތަހުގީގަށް ވެސް ކިޔައިދީފަ އެވެ. ނަމަވެސް، ސެޕްޓެމްބަރު 20، 2021 ގައި ޝަރީއަތުގައި ހެކިބަސް ދިނުމަށް ފަހު މައްސަލަ ނޮވެމްބަރު 2، 2023 ގައި އޭނާ ވަނީ ހެކިބަސް ދިނީ އެއީ ކޮން ބައެއްކަން ނޭނގޭ ހާލަތުގައި ކަމަށާއި އެހެންވެ ހެކިބަސް ބާތިލްކޮށްދޭން އެދޭ ކަމަށް ބުނެ ސިޓީއެއް ކޯޓަށް ފޮނުވައިފަ އެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލަތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް އިންޒާރުދޭ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އިއްވެވި ހުކުމްގައި ފާހަގަކުރައްވާފައިވެ އެވެ.
"...މިކަމަކީ ހިނގާކަމެއްކަމާއި އަދި މިއީ ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް މިވަނީ ވެފަ އެވެ." ހުކުމްގައިވެ އެވެ.
ގާޒީ އަލީ އާދަމް ނިންމެވީ ހެކިވެރިޔާ އެގޮތަށް ސިޓީ ފޮނުވި ކަމަށްވިޔަސް، އެ ހެކިބަހަށް ޝަރީއަތުގައި ބުރަދަން ދޭށެވެ. ގާޒީ ވިދާޅުވީ އެ ހެކިބަސް ދީފައިވަނީ ބުއްދި ސަލާމަތުން ހުރެ އެއްވެސް ފަރާތެއްގެ މަޖުބޫރުކުރުމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. އަދި ހެކިވެރިޔާ ހެކިބަސް ދީފައިވަނީ ތަހުގީގީ ބަޔާނާ ވެސް އެއްގޮތަށްކަން ފާހަގަކުރެއްވި އެވެ.
ހެކިވެރިޔާ ހެކިބަސް އަދާކުރިއިރު އޭނާގެ އަދުލުވެރިކަމާ މެދު ސުވާލެއް އުފެދޭ ފަދަ ކަމެއް ނެތް ކަމަށާއި އޭނާގެ ހެކިބަސް ޝަރީއަތަށް ގަބޫލުކުރުމުގައި ގާނޫނީ އަދި ޝަރުއީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މީހުންގެ ފުރާނައާ ގުޅުންހުރި މައްސަލަތަކަކީ އޭގެ ހައްސާސްކަން ބޮޑު މައްސަލަތަކަށްވާއިރު، އެފަދަ މައްސަލަތައް އަވަސް މިނެއްގައި ހިންގައި ނިންމޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. މި މައްސަލަ ނުނިމި ދިގުލައިގެން ދިޔައީ ވެސް ގިނަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވި އެވެ.
ސިއްރު ހެކިންގެ ގޮތުގައި ހެކިން ހުށަހަޅާއިރު، ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުގައި އެ ސިއްރުވެރިކަން ހިފެހެއްޓޭނެ، މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮންނަންޖެހެ އެވެ. ހެކިންނަށް ރައްކާތެރިކަން ކަށަވަރުވާން ޖެހެ އެވެ. ޝަރީއަތްތައް އަވަސް ކުރުމަށްޓަކައި ގުޅިގެން ހުރިހާ މުއައްސަސާތަކެއް މަސައްކަތްކުރަން ވެސް ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ފުރައްސާރަ އޮއްބާލި ފަނޑިޔާރަށް މިފަހަރުވެސް ހިމާޔަތް؟
ގާޒީ އަލީ އާދަމްގެ މައްސަލަ ޖޭއެސްސީއަށް
ގާޒީ ފާއިޒު ވަކިކުރަން ކޮމިޓީން ނިންމައިފި
ގާޒީ ފާއިޒް ވަކިކުރަން މަޖިލިހަށް ހުށަހަޅަން ނިންމައިފި
ޝަރީއަތްތައް ލަސްވާތީ އިހުސާންގެ ރައްދެއް!
ޝަރީއަތްތައް އަވަސްކުރަން ސުއޫދުގެ ހުށަހެޅުންތަކެއް
ވާނުވާއެއް ނެތް، މައްސަލައަކީ ކޯޓުގައި ލަސްވުން: ޕީޖީ
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި
ހައިކޯޓުން ސުވާލެއް: ކޯޓު އަޅަންވީ ވެސް ފަނޑިޔާރުންތޯ