Roadha Mihaaru
ފުރައްސާރަ އޮއްބާލި ފަނޑިޔާރަށް މިފަހަރުވެސް ހިމާޔަތް؟

ފުރައްސާރަ މައްސަލަ އޮއްބާލި ފަނޑިޔާރަށް މިފަހަރު ވެސް ހިމާޔަތް؟

15 ފެބުރުއަރީ 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލުމުގައި "ގޯހުން" އެތައް ކަމެއް ހިނގައިފި އެވެ. މިކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، ޕީޖީ ވިދާޅުވާ ގޮތުގައި، ކުރިން އެ ކޯޓުން އަމަލުކުރާ އުސޫލްތަކާ ވެސް ޚިލާފަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލުމުގައި "ގޯހުން" އެތައް ކަމެއް ހިނގައިފި އެވެ. މިކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، ޕީޖީ ވިދާޅުވާ ގޮތުގައި، ކުރިން އެ ކޯޓުން އަމަލުކުރާ އުސޫލްތަކާ ވެސް ޚިލާފަށެވެ.

މި މަގަށް ކަން ހިނގާފައިވާނެ ކަން މިހާތަނަށް މި މައްސަލައިގައި ފެންމަތިވި ވާހަކަތަކުން އެނގެ އެވެ. އަލީ ވަހީދު ކޯޓަށް ވަޑައިގަތް އިރު އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ "ޑީލް" ނިމި، ދަތުރަށް ހުންނެވީ ތައްޔާރުވެގެންނެވެ. ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަދުވަހު އަމުރު ނެރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ހައްދަވައި ނެގެޓިވް ޕީސީއާރު ޓެސްޓުގެ ލިއުން ވެސް އޮތެވެ. އޭނާ ވަޑައިނުގެންފި ނަމަ ޒިންމާވާނީ ގާތް އެކުވެރިޔާ، އަދިި ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަމަށް ކަނޑައަޅުއްވައި، ކޯޓުގައި ޖާމިނުކުރެއްވި އެވެ.

ބޭނުން ގައުމަކަށް ދެވޭ ގޮތަށް ފަނޑިޔާރު ހަސަން ސައީދު އެ ދުވަހު ހަވީރު އަމުރު ނެރުއްވުމާ އެކު އަލީ ވަހީދު ފުރާވަޑައިގަތީ އެވެ. ޕީޖީ ޝަމީމް ވިދާޅުވާ ގޮތުގައި، އެކަން ހިނގީ އިސްތިއުނާފު ކުރުމުގެ ލިއުންތައް ކޯޓުން ނުލިބެނީހެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގަތް ވާހަކަ އާއްމުވުމާ އެކު ކްރިމިނަލް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖުގައި އޮތީ ބަލި ހާލަތު ހުރި ގޮތުން ޕާސްޕޯޓު ދޫކޮށްލީ ކަމަށެވެ. އެކަމުގައި ދައުލަތުގެ ވެސް އިއުތިރާޒެއް ނެތް ކަމަށް އޮތުމުން އަލީ ވަހީދު ފުރުވައިލީ ޕީޖީ ޝަމީމް ބޭނުންވެގެންތޯ ސުވާލު އުފެދުނެވެ.

މި ވާހަކަތަކުން ދިފާއުވާން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ކްރިމިނަލް ކޯޓާއި ފަނޑިޔާރު ހަސަން ސައީދު އަމަލުކުރެއްވި ގޮތާ މެދު ވަނީ ސުވާލުތަކެއް އުފައްދައިފަ އެވެ. މި ހިސާބުން ދެން އޮތީ ބާރު ސްޕީޑުގައި މުއައްސަސާތަކުގެ ހިންގުން ގެންގޮސް އެންމެންގެ ވެސް ވަގުތު ސަލާމަތްކުރަން ބާރުއަޅުއްވާ ޕީޖީ، ޝަމީމް އަމަލުކުރައްވާ ގޮތުން އުފެދޭ ސުވާލެކެވެ.

ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަނާޅަނީ ކީއްވެ؟

އަލީ ވަހީދު ފުރުވައިލުމާ ގުޅިގެން ފަނޑިޔާރު ހަސަން ސައީދާ މަތިކޮށް، ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަަމަށް ތުހުމަތުކުރާއިރު ވެސް މި މައްސަލަ ޖޭއެސްސީ އަށް މިހާތަނަށް ހުށައެއްނާޅަ އެވެ.

ޕީޖީ އޮފީހުން އިއްޔެ ބުނިގޮތުގައި މައްސަލަ ޖޭއެސްސީ އަށް ހުށަހަޅަން އަދި ނިންމާފައެއް ނުވެ އެވެ.

އެކަމަކު އެމްއެމްޕީއާރުސީ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޕީޖީން ޖޭއެސްސީ އަށް ހުށަހެޅި އެވެ. އެއީ، ދައުވާތައް ބޭރުކޮށްލުމުގައި ރިޝްވަތާއި ކޮރަޕްޝަނާއި ނުފޫޒު ހިމެނޭ ކަމަށް ތުހުމަތުކޮށެވެ.

މި އުސޫލުން ބަލާއިރު ޖޭއެސްސީ އަށް ހުށަހަޅައި ބަލަން ޖެހޭ ވަރުގެ ކަންކަން ހަސަން ސައީދު ކުރައްވާފައި އޮތް ކަން ޕީޖީގެ ބަޔާނުން ސާފެވެ. އަލީ ވަހީދު މީގެ ކުރިން ވެސް "ތަހުގީގަށް ފިލާފައި ވުމުން ދެން ވެސް އެ ނިޔަތް އޮވެދާނެ" ކަމަށް ކޯޓުގައި ޕީޖީން ބުނެފައިވެ އެވެ. އަލީ ވަހީދުގެ ބައްޔަށް ރާއްޖެ އިން ވެސް ފަރުވާ ކުރެވޭނެ ކަމާއި އެހެންކަމުން އަލީ ވަހީދުގެ މަސްލަހަތު އިސްކޮށް ބޭރަށް ފޮނުވަން ނުޖެހޭ ކަމާއި ޕާސްޕޯޓުގެ ބަދަލުގައި ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރަން ދައުލަތުން ހުށަހެޅުމުން އެ ކަންކަމަށް ފަނޑިޔާރު ހަސަން ސައީދު ރިއާޔަތް ކުރައްވާފައެއް ނުވެ އެވެ. ރާއްޖެ އިން އަލީ ވަހީދު ފުރާވަޑައިގަންނަވާ ހިސާބުން އަމުރު ތަންފީޒު ނުކުރެވޭނެ ކަން ވެސް އަޑުއެހުމުގައި ދައުލަތުން ފާހަގަކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ދައުލަތުގެ ކަންބޮޑުވުންތަކެއް ހުއްޓަސް އަލީ ވަހީދަށް ފަނޑިޔާރު ހަސަން ސައީދު ވެސް މާ ބޮޑަށް "ހަމްދަރުދީ ވެވަޑައިގަތް" ކަމަށް ފެންނަން އެބަ އޮތެވެ.

ވަކިކުރަން ނިންމާފައި ވަނިކޮށް "ޕްރޮމޯޝަނެއް"!

ފެމިލީ ކޯޓުގައި ކުރިމަތިވި އެފަދަ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތު ފަނޑިޔާރު ހަސަން ސައީދުގެ ބޮލުގައި އެޅުނެވެ. އެ ތުހުމަތުތައް ޖޭއެސްސީން ތަހުގީގޮށް ނިންމީ ފަނޑިޔާރުގެ މަގާމުން ވަކިކުރާށެވެ.

ނމަވެސް އޭގެ ބަދަލުގައި ކްރިމިނަލް ކޯޓަށް ބަދަލުކުރީ އެވެ. މިއީ ރާއްޖޭގެ ކޯޓުތަކުގެ ޒިންމާތަކަށް ބަލާ ނަމަ ފަނޑިޔާރަކަށް ލިބިވަޑައިގަންނަވާނެ ޕްރޮމޯޝަންއެކެވެ. ކްރިމިނަލް ކޯޓުގައި މުސާރަ އާއި އިނާޔަތްތައް ފެމިލީ ކޯޓަށް ވުރެން އިތުރުވާނެ އެވެ.

ޖޭއެސްސީން އެ ފަހަރުގެ ނިންމުމުގައި ބުނީ "ފެމިލީ ކޯޓުގެ ރަޖިސްޓްރާ ސަސްޕެންޑްކޮށްފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި އެފަދަ ކަންކަމުގައި އަމަލުކުރުމަށް ފެމިލީ ކޯޓުގައި އޮންނަ އުސޫލްތަކާ ޚިލާފަށް، އިސް ގާޒީ ހަސަން ސައީދު" ކަމަށެވެ. ފެމިލީ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ބެލުމުގައި މެދުވެރިވި ހުރަސްތައް ނައްތާލެވިފައި ނުވަނީ ގާޒީ ހަސަން ސައީދު އަމަލުކުރެއްވި ގޮތުން ކަން ވެސް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް، ޖޭއެސްސީގެ ނިންމުމުގައިވެ އެވެ.

ފަނޑިޔާރު ހަސަން ސައީދު ކުރެއްވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ކަމަށް މައްސަލަ ބެލި ކޮމިޓީގެ އިއްތިފާގުން ނިންމި އެވެ. އެހެންކަމުން ކޮމިޓީގެ ނިންމުމަަކަށް ވީ އޭނާ މަގާމުން ވަކިކުރުމެވެ.

އެކަމަކު "ޕްރޮމޯޝަން"އާ އެކު ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުނު ގޮތެއް ސާފެއް ނޫނެވެ. ޖޭއެސްސީން އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލެއްވި ފަނޑިޔާރަކާ ހެދި އަނެއްކާވެސް މިއޮތީ ޖިންސީ ފުރައްސާރާގައި އެހެން ބަޔަކަށް އިންސާފު ލިބިދާނެތޯ ސުވާލު އުފެދިފަ އެވެ.