Roadha Mihaaru

ތިނަދުއަށް ކުރި ތަޖުރިބާ ދަތުރު އޮޑިޓުގައި މާނަކުރީ ފަޅު ރަށަކަށް ދިޔަ ކަމަށް: ކާށިދޫ ކައުންސިލް

ކ. ކާށިދޫ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ފަޅުރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނި ނަމަވެސް އެއީ ގދ. ތިނަދުއަށް ކުރި ދަތުރުތަކެއް ކަމަށް ކާށިދޫ ކައުންސިލުން ބުނެފި އެވެ.

"ތިނަދޫ ދަތުރު މާނަކުރީ ފަޅުރަށަކަށް ދިޔަ ކަމަށް"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 ޑިސެމްބަރ 2025

ކ. ކާށިދޫ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ފަޅުރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނި ނަމަވެސް އެއީ ގދ. ތިނަދުއަށް ކުރި ދަތުރުތަކެއް ކަމަށް ކާށިދޫ ކައުންސިލުން ބުނެފި އެވެ.

އިއްޔެ އޮޑިޓް އޮފީހުން އާންމުކުރި ކާށިދޫ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރީ މުވައްޒަފުންނާ އެކު 18 މީހަކު ޑިސެމްބަރު 28، 2022 އިން ޖެނުއަރީ 2، 2023 އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައިވާ ކަމަށެވެ.

އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726ރ. ހަރަދުކޮށްފައިވާ ކަމަށާއި މީހުން ދިރިނޫޅޭ ގދ. ކަފެނާ އާއި ގދ. ލާބަދޫއަށް ދިއުމަށް އެ ދަތުރުގައި 4،400ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ރަށްތަކަށް ދިއުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެ އެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "މިހާރު" އަށް ވިދާޅުވީ ގުޅުން ބަދަހިކުރަން ކަމަށްބުނެ، ތަޖުރިބާ ދަތުރެއްގައި ކާށިދޫ ކައުންސިލުން ފަޅު ރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓް ރިޕޯޓްގައި އޮތަސް އެއީ ތިނަދޫ ކައުންސިލާ ގުޅިގެން ކުރި އެ ދަތުރުގައި އެ ރަށު އިހުތިސާސްގައި އޮންނަ ފަޅު ރަށަކަށް ދިޔަ ވާހަކަ ކަމަށެވެ.

އޭނާ އިޝާރާތްކުރެއްވީ އެއީ ތިނަދޫގެ އިހްތިސާސްގައި ހިމެނޭ ރަށްތަކެއް ކަމަށް ވުމުން އެއީ ފަޅު ރަށްތަކަކަށް ކުރި ދަތުރުތަކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

"ވިސްނާލާ، ކޮންމެ ބޭފުޅަކަށް ވެސް އެނގޭނެ ކައުންސިލަކުން ނުދާނެކަން ތަޖުރިބާ ހޯދާކަށް ފަޅު ރަށަކަށް. އޮޑިޓްގެ ޑްރާފްޓުގައި އެހެން ހިމަނާފައި އޮތުމުން އެކަން ރަނގަޅު ކުރަން، އެކަން އިސްލާހުކުރަން އަޅުގަނޑުމެން ބުނިން،" އާމިރު ވިދާޅުވި އެވެ.

"އޮޑިޓްގައި ޖަހާފައި އެބަ އޮތް އަޅުގަނޑުމެން އެ ތަޖުރިބާ ދަތުރުކުރީ ގުޅުން ބަދަހިކުރަން ކަމަށް. އަޅުގަނޑުމެން އެހެންނެއް ނުބުނަން. އިސްލާހުކުރަން ވެސް އޮޑިޓްގައި އެދުނިން، ޑްރާފްޓުގައި އެހެން ހިމަނާފައި އޮތުމުން. އަޅުގަނޑުމެން ބުނި އެއްޗެއް ނޫނޭ އެއީ."

ކައުންސިލް ރައީސް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް ކަމަށާއި އޮޑިޓް ކުރަނީ ލާމަރުކަޒީ ގާނޫނަށް ރިއާޔަތް ނުކޮށް ކަމަށެވެ.