Roadha Mihaaru
ރާއްޖޭގެ ފުސްކަން އިންޑިއާގެ ތަޣައްޔަރު ވަޔާ ގުޅިފައި

ރާއްޖޭގެ ފުސްކަން އިންޑިއާގެ ތަޣައްޔަރު ވަޔާ ގުޅިފައި

21 ޑިސެމްބަރ 2021

އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އުތުރު އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ.

ހޭޒްގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކުގަ އެވެ. މީގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އަދި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ.

ރާއްޖޭގެ މެޓް އޮފީހުގެ މިޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން "މިހާރު" އަށް މިއަދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި އިންޑިއާގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖެ އަށް ހިރަފުސްގެ އަސަރުކުރާ ކަމަށެވެ. އެކަމަކު އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކާ ހަމަ އަށް، މާ އަވަހަށް ފޯރާފައިވާ ކަމަށެވެ.

"އާންމުކޮށް އެހެން އަހަރުތަކުގައި ރާއްޖޭގެ އުތުރުގެ ހިސާބުތަކަށް އެންމެ ފުރަތަމަ މީގެ އަސަރުކުރަނީ. އެކަމަކު މިފަހަރު ވައިގެ މިސްރާބު ހުރި ގޮތުން މެދު ރާއްޖެއާ ހަމައަށް ވަރަށް ބޮޑަށް އޭގެ އަސަރުކޮށްފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި ހޭޒްގެ އަސަރު ކުޑަވާނެ ކަމަށް ބެލެވެނީ ވިއްސާރަވުމުންނެވެ. މެޓުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ވިއްސާރަ ނުކުރާނެ އެވެ.

އިރުވައި މޫސުމުގައި އާންމުކޮށް ރާއްޖެއަށް ވައި ޖެހެނީ އިންޑިއާ މަތިން، އިރު އުތުރުންނެވެ.

ހޭޒްގެ އަސަރުކުރަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކަމަށް ވިޔަސް، މެޓް އޮފީހުން މިވަގުތު ވައިގެ ނުސާފުކަން ޓެސްޓެއް ނުކުރެ އެވެ. އެ މަސައްކަތްކުރަނީ އީޕީއޭ އިންނެވެ. މިކަމާ ގުޅޭ ގޮތުން އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުން ފެށިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އާދަޔާ ހިލާފަށް ދުން ބޯވެ، ވަރަށް ބޮޑަށް ވައި ތަޣައްޔަރުވުމާ ގުޅިގެން، ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދުކުރި އެވެ.

ނިއު ދިއްލީ ހިމެނެނީ، އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ސިޓީތަކުގެ ތެރޭގަ އެވެ. ކާރުހާނަތަކުން ބޭރުކުރާ ދުންތަކާއި އެއްގަމު އުޅަނދުތަކުން ބޭރުކުރާ ދުމުގެ އިތުރުން ދަނޑުބިންތަކުގައި އަންދާ އެންދުންތަކުން ބޭރުވާ ދުމުގެ ސަބަބުން، ދިއްލީގެ ޖައްވު އަބަދުމެ ހެން އޮންނަނީ ތަޣައްޔަރުވެފަ އެވެ.