Roadha Mihaaru

ހަރަމްފުޅުގެ ފޮޓޯ ނެގުން ސައޫދީން މަނައެއް ނުކުރޭ

އަންނަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި ދެ ހަރަމްފުޅުގެ ފޮޓޯ ނެގުން ސައޫދީ އަރަބިއްޔާއިން މަނާކޮށްފި ކަމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ބައެއް ނޫސްތަކުން ވެސް ދަނީ ރިޕޯޓްކުރަމުންނެވެ.

ކައުބަތުﷲ ގެފުޅާއި މަސްޖިދުއް ނަބަވީގެ ފޮޓޯ ނެގުން މަނާކޮށްފައިވާ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެއީ ސައޫދީގެ ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައިވާ ވާހަކައެއް ނޫނެވެ.

ހަރަމްފުޅުގެ ފޮޓޯ ނެގުން މަނާކޮށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމުރާއިން އެކަން އިއުލާނުކޮށްފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނު ހަގީގަތެއް ނެތް މި ވާހަކަ ރަސްމީ ބައެއް ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު ސައޫދީ ޕްރެސް އެޖެންސީ، މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އަދި ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ ރަސްމީ އިދާރާގެ އެއްވެސް އިދާރާއަކުން މިއީ އިއުލާނުކޮށްފައިވާ ކަމެއް ނޫނެވެ.

ސައޫދީ ސަރުކާރުން އަބަދުވެސް އަންގާފައި އޮންނަނީ ދެ ހަރަމްފުޅުގައި ވެސް އަޅުކަމަށްދާ މީހުންނަށް އުނދަގޫވާ ގޮތަށް ނޫޅުމަށާއި އިހްތިރާމް ކުޑަވާ ކަންކަން ނުކުރުމަށެވެ. އަދި ފޮޓޯ ނެގުން ފަދަ ކަންކަމަށް، މަގުތައް ބަންދުވާ ގޮތަށް ހުއްޓިގެން ނުތިބެން ކުރީ އަހަރުތަކެކޭ ފަދައިން މިފަހަރު ވެސް ގައިޑްލައިންގައި އިރުޝާދު ދީފައިވެ އެވެ.

ހަރަމްފުޅުތެރޭގައި ފޮޓޯ ނަގާއިރު އެހެން މީހުންނަށް އުނދަގޫވެ ތޮއްޖެހޭ ގޮތަށް އަމަލުތައް ނުބަހައްޓާ ނަމަ އެއީ އެއްވެސް އިރަކު ހުއްޓުވާ ކަމެއް ނޫނެވެ.