Roadha Mihaaru
ފޯނު ހުޅުވައިނުދިން ކަމަށް ބުނެ ރިޔާޒަށް ތުހުމަތު!

ފޯނު ހުޅުވަނުދިން ކަމަށް ބުނެ ރިޔާޒްގެ މައްޗަށް އިތުރު ތުހުމަތެއް!

03 އެޕްރީލް 2017

އޭނާގެ އަމިއްލަ މޮބައިލް ފޯނު ހުޅުވައިނުދެއްވި ކަމަށް ބުނެ އެއީ ފުލުހުންގެ ދައުރަށް ހުރަސްއެޅުން ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޭނާގެ އަމިއްލަ މޮބައިލް ފޯނު ހުޅުވައިނުދެއްވި ކަމަށް ބުނެ އެއީ ފުލުހުންގެ ދައުރަށް ހުރަސްއެޅުން ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ވެސް ރިޔާޒްގެ މައްޗަށް ވަނީ ދެ ތުހުމަތެއްކޮށްފަ އެވެ. އެއީ ފިތުނަ އުފެެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތެވެ.

ފުލުސް އޮފީހަށް ރޭ ހާޒިރުކޮށް، ތަހުގީގުގައި ތިން ގަޑިއެއްހާއިރު ހޭދަކުރެއްވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް ރިޔާޒް ވިދާޅުވީ އޭނާގެ ފޯނު ހުޅުވައިދޭން ފުލުހުން އެދުމުން، ފޯނު ހުޅުވަން ތިން ފަހަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު އޭނާ ބޭނުންކުރައްވާ ތިން ޕިން ކޯޑުން ވެސް ފޯނު ނުހުޅުވުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް މިހާރު މަސައްކަތް ކުރާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ޕާލެމްންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވީ އޭނާ ގެންގުޅުއްވާ އައި ފޯނަކީ އެއްގޮތަކަށް ވެސް ނިންވާ ފޯނެއް ނޫން ކަމަށާއި އަބަދުވެސް ފޯނު ހުޅުވަނީ ފިންގާޕްރިންޓުން ކަމަށެވެ. މާވެޔޮމަގުން ވަޑައިގަންނަވަނިކޮށް ހުއްޓުވައި ޕޮލިހަށް ހާޒިރުކޮށް ފުލުހުން އޭނާގެ ފޯނު އަތުލި ރޭ އޭނާ އަށް ދެއްކި ކޯޓު އަމުރުގައި ފިންގާޕްރިންޓް ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެފަދަ އަމުރެއް ހޯދަން އެދުނީމަ ފުލުހުން އެކަން ގަބޫލު ވެސް ކުރި،" ރިޔާޒް ިދާޅުވި އެވެ.

އެކަމަކު އެފަދަ އަމުރެއް ނުލިބުނު ކަމަށާއި އެންމެހާ މައުލޫމާތު ދޭން ޖެހޭނެ ކަމަށް ކުރީގެ އަމުރުގައި ވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށް ފުލުުހުން އޭނާ އަށް ރޭ އެންގި ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރިއަށް ގެންދިޔައީ ވަރަށް ރަނގަޅަށް ކަން ފާހަގަކުރައްވައި ރިޔާޒް ވިދާޅުވީ އެ މުއައްސަސާގައި އަދިވެސް ތިބީ ހުވަޔަށް ކަމޭހިތައި ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ފުލުހުން ކަން އޭނާ ޔަގީންކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަން ފުލުހުން ތަހުގީގު ކުރިއަށް ގެންދާނީ ރަނގަޅަށް ކަމަށް. އަޅުގަނޑުު ނުކުރާ ކަމެއްގެ ތެރެއަށް އަޅުގަނޑު ފައްތައިގެން ހުކުމެއް ގެނައުމުގެ ނިޔަތުގައި އެއްވެސް ފުލުހަކު މަސައްކަތްނުކުރާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ މި ހުރިހާ ކަމެއް މި އަންނަނީ ސިޔާސީ ގޮތުން އަޅުގަނޑު މި ގައުމު އިސްކުރައްވައިގެން މަސައްކަތްތައް ކުރައްވަން ފައްޓަވައި އަޅުގަނޑުމެން އެ ބޭފުޅުންގެ ފަހަތުގައި މަސައްކަތް ކުރާތީވެ އެއްގޮތަކަށް ވެސް އެކަން ބަލައިގަންނަން ދަތި ބޭފުޅަކު މިވަގުތު ރައީސް ކަމުގައި އެ ހުންނެވީ."

ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އިއްޔެ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އޭނާ ހާޒިރުކުރީ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ނެގުމަށެވެ.