Roadha Mihaaru
ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

މެމްބަރު ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

26 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ދެ ބޭފުޅުން ވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ޗިޓްގައިވެ އެވެ.

ރިޔާޒަށް އަންގާފައި ވަނީ މިރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. ފަލާހް ހާޒިރުކުރަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ.

ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުކުރާއިރު، އެ މައްސަލައިގެ ތުހުމަތަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފަ އެވެ.

އިދިކޮޅު ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަހީދަށް އިތުރު ތުހުމަތެއް ވެސް ފުލުހުން ކުރެ އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް، މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލަ އެވެ. އޭނާ އަކީ މަޖިލިހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެން ވެސް ފަ އެވެ. ވަހީދުގެ އިތުރުން ޕީޕީއެމުން ވަކިކޮށްފައިވާ އަދި އަމިއްލަ އަށް ވަކިވެފައިވާ ފަސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ރިޔާޒާއި ފަލާހް އަދި ވަހީދު ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމަށް ބުނަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް އިދިކޮޅު މެމްބަރުން ވަޑައިގަންނަވާތީ، އެ ބޭފުޅުންނަށް ހުރަސްއެޅުމަށް ފުލުހުން މަގު ބަންދުކޮށްފައި ވަނިކޮށް، ގަދަކަމުން ވަދެވަޑައިގެންނެވި މައްސަލައިގަ އެވެ.