Roadha Mihaaru
އަބްދުﷲ ރިޔާޒްގެ ފޯނު އަތުލައި، ގެ ފާސްކޮށްފި

މެންބަރު އަބްދުﷲ ރިޔާޒްގެ ފޯނު އަތުލައި، ގެ ފާސްކޮށްފި

24 އޯގަސްޓް 2017

ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ ފޯނު އަތުލައި، ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ ފޯނު އަތުލައި، ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ފޯނު އަތުލުމަށާއި އެޕާޓްމަންޓް ފާސްކުރުމަށް ދެ އަމުރެއް ހިފައިގެން ރިޔާޒްގެ އެޕާޓްމަންޓަށް ފުލުހުން ދިއުމަށް ފަހުގަ އެވެ.

ރިޔާޒް އުޅުއްވާ އެޕާޓްމަންޓް ފާސްކުރުމުގެ އަމުރުގައި ބުނެފައި ވަނީ އެތަން ފާސްކުރަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަ ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބަދުނާމުކޮށް ހަގީގަތާ ހިލާފް ދޮގު ވާހަކަ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފަތުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށެވެ. މިކަމަށް ތުހުމަތުކުރެވޭ ހެއްކަކީ ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދަން ކޮށްފައިވާ މެސެޖުތަކުގެ ކޮޕީ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ. އަދި އެ ގޭގައި ހުރި، ރިޔާޒް ބޭނުންކުރައްވާ ލެޕްޓޮޕްތަކާއި ޓެބްލެޓާއި އެ ނޫން ވެސް މައުލޫމާތު ރައްކާކުރާ އިލެކްޓްރޯނިކް ވަސީލަތްތައް ފާސްކުރުމަށް އަމުރުގައިވެ އެވެ.

ބަލައި ފާސްކުރުމުގެ އަމުރު ދެއްވާފައި ވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ. މިރޭ 7:00 ގައި އެ އަމުރު ދީފައި ވަނީ 48 ގަޑިއިރުގެ މުއްދަތަށެވެ. އަދި ފާސްކުރުމަށް ފަސް ގަޑިއިރު ދީފައިވެ އެވެ.

ހަމަ މި ތުހުމަތަށް ރިޔާޒްގެ ފޯނާއި ސިމް ކާޑުތަކާއި ޕިން ކޯޑް އަދި ފިންގަޕްރިންޓް ފަދަ މައުލޫމާތު ދިނުމަށް ކޮށްފައިވާ އަމުރުގައި، ރިޔާޒްގެ ފޯނު 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމަށް އަމުރު ދީފައިވެ އެވެ. މި އަމުރު ވެސް ދެއްވާފައި ވަނީ ގާޒީ އާދަމް އާރިފެވެ.

ފުލުހުންގެ ތަހުގީގަކަށް ރިޔާޒްގެ ފޯނު އަތުލައި އެ ފޯނު ހުޅުވައިދޭން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ މީގެ ކުރިން ރިޔާޒްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ ދައުވާ ކްރިމިނަލް ކޯޓުން ސާބިތު ނުވުމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން ކަމަށް ބުނާ މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ރިޔާޒްގެ މައްޗަށް ކޮށްފަ އެވެ.