Roadha Mihaaru
އިދިކޮޅު ފަރާތްތަކުން މަސައްކަތުގައި، އުމަރު ކޮބާ؟

އިދިކޮޅު ފަރާތްތަކުން މަސައްކަތުގައި، އުމަރު ކޮބާ؟

03 އެޕްރީލް 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި ޕީޕީއެމުން އެމަނިކުފާނު "ބޭރުކޮށްލީ" އެވެ؛ ގާނޫނާ ހިލާފުވެވަޑައިގަތުމާއި ޕާޓީގެ އަސާސީ ގަވާއިދު މުގުރާލައްވަމުންދާ ކަމުގެ ތުހުމަތުކޮށެވެ. ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގާ ޕީޕީއެމްގެ ކައުންސިލްގެ މި ނިންމުމާ އެކު ގިނަ ބައެއްގެ ފާޑުކިއުން، މައުމޫނާ އެކު ޕީޕީއެމް އުފެއްދެވުމުގައި އުޅުއްވި ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރަށް މިވަނީ އަމާޒުވެފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި ޕީޕީއެމުން އެމަނިކުފާނު "ބޭރުކޮށްލީ" އެވެ؛ ގާނޫނާ ހިލާފުވެވަޑައިގަތުމާއި ޕާޓީގެ އަސާސީ ގަވާއިދު މުގުރާލައްވަމުންދާ ކަމުގެ ތުހުމަތުކޮށެވެ. ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ހިންގާ ޕީޕީއެމްގެ ކައުންސިލްގެ މި ނިންމުމާ އެކު ގިނަ ބައެއްގެ ފާޑުކިއުން، މައުމޫނާ އެކު ޕީޕީއެމް އުފެއްދެވުމުގައި އުޅުއްވި ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރަށް މިވަނީ އަމާޒުވެފަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް، މައުމޫން ޕާޓީން ވަކިކުރިއިރު އުމަރު "ހަނު" ހުންނެވި މައްސަލާގައި އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މައުމޫން ވަކިކުރުމާ ގުޅޭ ގޮތުން މީޑިއާތަކަށް ވެސް އުމަރު މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އެއްބަޔަކު ދެކޭ ގޮތުގައި އުމަރު "ގެއްލުނީ" ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި މައުމޫން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ހިސާބުންނެވެ.

"މައުމޫން ހެއްދެވި ޕާޓީ ފޭރިގެން، އެމަނިކުފާނު ބޭރުކޮށް، އެވަރު އަރުވާލިއިރު އުމަރު ކޮބާތަ؟ ޕީޕީއެމާއި މައުމޫންގެ ދިފާއުގައި ނުނިކުތީ ކީއްވެ؟" ސޯޝަލް މީޑިއާގައި އެކަކު ސުވާލުކޮށްފައިވެ އެވެ.

އުމަރުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން މީހަކު ކުރި ޓްވީޓެއް

އުމަރު ހިމޭނުން ހުންނެވުމާ ގުޅޭ ގޮތުން ސުވާލު އުފައްދާ މީހުންނަށް އޭނާގެ ޖަވާބަކީ މިއެވެ؛

"އަޅުގަނޑު އަދިވެސް މިހިރީ ރައީސް މައުމޫނާ އެކު. ރައީސް މައުމޫނަށް އެއްވެސް ކަމެއް ކުރިމަތިވެއްޖެ ނަމަ އެންމެ ފުރަތަމަ ނިކުންނާނެ މީހަކަށް އަދިވެސް އަޅުގަނޑު ވާނެ. އަޅުގަނޑެއް ނުގެއްލޭ."

އުމަރު ވިދާޅުވި ގޮތުގައި މައުމޫން ޕީޕީއެމުން ވަކިކުރުމަކީ އޭނާ އަށް "ސަޕްރައިޒެއް" ނޫނެވެ. ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް އަތުލަން ރާވާފައި އޮތް ކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ޕީއޭގެ މެމްބަރުންނަށް ސަމާލުވާން މައުމޫން އަރިހުގައި އެދިވަޑައިގެންނެވީ ވެސް އެހެންވެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން: ދެ ބޭފުޅުން އެކުގައި ފެއްޓެވި މަސައްކަތްޕުޅަށް އުމަރު މަރުހަބާ ވިދާޅުވި. -- ފޮޓޯ: ވީ ނިއުސް

ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން: ދެ ބޭފުޅުން އެކުގައި ފެއްޓެވި މަސައްކަތްޕުޅަށް އުމަރު މަރުހަބާ ވިދާޅުވި. -- ފޮޓޯ: ވީ ނިއުސް

އުމަރު ވިދާޅުވީ އޭނާ ރައީސް މައުމޫނާ އެކު ހުންނެވިއަސް އެމްޑީޕީއާ އެކު އިދިކޮޅު ލީޑަރުން އުފައްދާފައިވާ ކޯލިޝަންގައި އޭނާ ނުހިމެނޭ ކަމަށެވެ. ސަބަބަކީ، އެމްޑީޕީގެ އިހްލާސްތެރިކަމާ ދޭތެރޭގައި ސުވާލު އުފެދޭތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މަރުހަބާ ކިޔަން އެ މަސައްކަތަށް، ކާމިޔާބީއަށް ވެސް އެދެން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ކުރި ގޯސް ކަންކަމުގައި އެމްޑީޕީގެ ހިއްސާ ވެސް ބޮޑު ކަމަށެވެ. މިސާލު ދެއްކެވީ ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް ވަކިކޮށް އެ މަގާމަށް އަހްމަދު އަދީބު ގެނައުމާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް އެމްޑީޕީގެ ގިނަ މެމްބަރުން ދެއްވި ވޯޓުންނެވެ. މި ސަބަބުތަކާ ހެދި އެމްޑީޕީ އަށް އޭނާގެ އިތުބާރެއް ނެތް ކަަމަށް އުމަރު ވިދާޅުވި އެވެ.

އެންދެރިމާގޭގައި ރައީސް އަބްދުﷲ ޔާމީން ޖަގަހަ ހައްދަވައިގެން އުޅުއްވިއިރު ވެސް ޕީއޭގެ ބޭފުޅުންނަކީ ކޮރަޕްޓް، އިހްލާސްތެރި ބޭފުޅުން ނޫން ކަމަށާއި އެ ބޭފުޅުންގެ ނިޔަތް ސާފު ނޫން ކަމަށް ރައީސް މައުމޫނަށް އިޝާރާތްކުރެއްވި ކަމަށް އުމަރު ވިދާޅުވި އެވެ.

"ރައީސް މައުމޫނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވީ 2008 ގައި އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނުގެ ގޭދޮށަށް މީހުން އެއްކޮށް ދަމާނެރޭށޭ ކިޔައި އުޅުނުއިރު. އޭރު ވެސް ރައީސް މައުމޫންގެ ދިފާއުގައި މަސައްކަތްކޮށްދީ ސަޕޯޓަރުން ވެސް އަލުން ޖަމާކޮށްދިނިން. އެފަހަރު ތަސްމީނާއި ޑީއާރުޕީ ހަވާލުކުރީމަ ދަމައިގަނެގެން ގެންދިޔައީ. އޭގެ ފަހުން އަނެއްކާ ޕީޕީއެމް ޖަހައިގަނެގެން މިގެންދިޔައީ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން، މައުމޫނާ ދޭތެރޭ އަމަލުކުރެއްވި ގޮތް ފެނުނު އެންމެންނަށް ވެސް ލިބޭ ފިލާވަޅަކީ "ތިމާގެ ކަމަށް ވުރެން މުހިއްމީ ތެދުވެރިކަމާއި އިހްލާސްތެރިކަން" ކަމަށެވެ. ރައީސް މައުމޫންގެ ގޮވާލެއްވުންތަކަށް އިހްތިރާމްކުރައްވައި އަދިވެސް މައުމޫނާ އެކު ހުންނަވާނެ ކަމަށް ތަކުރާރުކޮށް އުމަރު ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު ބާއްވާ އެއްވެސް ހަރަކާތެއްގައި އުމަރު ބައިވެރިވެވަޑައިނުގަންނަވާތީ ކަންބޮޑުވާ ބޭފުޅުން ވެސް މަދެއް ނޫނެވެ.

އިދިކޮޅު ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މިހާރުގެ ހަރަކާތްތަކުން އުމަރު ނުފެންނަނީ "ބިރުން ކަމަށް ގަބޫލު ނުކުރެވޭ" ކަމަށެވެ.

"ސިޔާސީ ތަޖުރިބާ ލިބުނު ގޮތުން ދާންވާ ކޮޅެއް ނޭނގިގެން އުޅެނީ ކަމަށް ވެދާނެ. ސީދާ ވަކި ކޮޅެއް އަދި ނުފެނުނަސް މި ހާލަތުގައި ކޮންމެވެސް ކޮޅެއްގައި ހުންނަން ޖެހޭ. ތިމާއަކީ އެންމެ ރަނގަޅު މީހާ ކަމަށް ގަބޫލުކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އިިދިކޮޅު ފަރާތްތަކާ "ދުރުގައި އުމަރު ހުރުމަކީ ސިޔާސީ ގޮތުން އުމަރުގެ ދައުރު އަދާނުކުރުން. ރަސްމީ ހައިސިއްޔަތުން ނޫނަސް، ނުރަަސްމީ ހައިސިއްޔަތުން ނަމަވެސް ވެސް ބައިވެރިވާން ޖެހޭ."