Roadha Mihaaru
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!

މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހްގެ ތައުރީފް!

18 އެޕްރީލް 2019

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހްގެ ވިސްނުން ބަދަލުވެ، މައުމޫން ޕީޕީއެމް ހިންގެވި ގޮތަށް، އޭނާ މިއަދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހްގެ ވިސްނުން ބަދަލުވެ، މައުމޫން ޕީޕީއެމް ހިންގެވި ގޮތަށް، އޭނާ މިއަދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކިކުރަން ކުރިން ތާއީދު ކުރެއްވި ފަލާހް، މީގެ ކުރިން ވަނީ އެކި ޖަލްސާތަކުގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖޭގައި "މޭބިސްކަދުރު ހައްދަން 30 އަހަރު ލިބުމުން، މައުމޫން ހެއްދެވީ ކަށިކުނބުރު ކަމަށް" ވެސް އޭރު ވިދާޅުވެފައިވެ އެވެ.

މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމަށް ބަޔަކު ސޮއިކުރަން، އެޕްރީލް، 4، 2017 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޕީޕީއެމް ހިންގަވާ ގޮތަށް ފަލާހް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މައުމޫން ސިފަކުރެއްވީ އޭރުގެ އިދިކޮޅު ޕާޓީ "އެމްޑީޕީގެ ރައީސް"ގެ ގޮތުގަ އެވެ. މައުމޫން ހިންގެވި އިރު ޕީޕީއެމަށް 25،000 މެމްބަރުން ހަމަނުވިޔަސް (ޔާމީނާ އެކު) ރިޔާސީ އިންތިޚާބާ ކުރިމަތިލާނީ 120،000 މެމްބަރުންނާ އެކު ވެސް ވިދާޅުވި އެވެ.

އެކަމަކު ފަލާހް "މިހާރު" އަށް މިއަދު ވިދާޅުވީ އޭރު އެގޮތަށް ވިސްނިވަޑައިގަތް ނަމަވެސް މައުމޫން ހުންނެވި ނަމަ، ޕީޕީއެމަށް "މި ހާލު ނުޖެހުނީސް" ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ. އެމަނިކުފާނު ހުންނެވި ނަމަ، ޕާޓީގެ ތެރޭގައި އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތަކާއި ހަމަނުޖެހުންތަކެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ މައުމޫން ހުންނެވި ނަމަ ޕާޓީގެ މަސްލަހަތު ދެމިއޮންނާނެ ކަމަށް،" ފަލާހް ވިދާޅުވި އެވެ.

މައުމޫނަށް ތައުރީފް ކުރައްވައި ފަލާހް ކުރެއްވި ޓުވީޓް.

މައުމޫން: ޕީޕީއެމްގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކިކުރީ ޔާމީނާ ދެމެދު އުފެދުނު ހިޔާލުތައް ބޮޑުވެ ހައްލެއް ނުލިބުމުން..---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މައުމޫން: ޕީޕީއެމްގެ ރައީސްގެ މަގާމުން އެމަނިކުފާނު ވަކިކުރީ ޔާމީނާ ދެމެދު އުފެދުނު ހިޔާލުތައް ބޮޑުވެ ހައްލެއް ނުލިބުމުން..---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް ހަރުދަނާކޮށް، ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެން ކުރިއަށް ގެންދެވޭނީ މިހާރުގެ ލީޑަޝިޕް އިސްތިއުފާ ދެއްވައިގެންނެވެ. އެއާ އެކު ޕާޓީގެ ގޮފިތައް އުފައްދައި އިންތިޚާބުތައް ބާއްވައި ޕާޓީގެ ސަފުތައް އަލުން އަތުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ޕީޕީއެމް ވަރުގަދަކަމާ އެކު ހިންގޭވަރުގެ ގާބިލް ބޭފުޅުން ޕާޓީގައި އެބަތިއްބެވި ކަމަށެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަދަ ބޭފުޅުން ގުޅިވަޑައިގެންފި ނަމަ ޕީޕީއެމް އިތުރަށް ވަރުގަދަވާނެ ކަމަށް ފަލާހް ދެކެވަޑައިގަންނަވަ އެވެ.

"އާ ލީޑަޝިޕަކާ އެކު، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް ހަރުދަނާ ކުރެވޭނެ،" ފަލާހް ވިދާޅުވި އެވެ.

މައުމޫން ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހް ތައުރީފް ކުރެއްވި އިރު، އެމަނިކުފާނު ޕާޓީގެ ރައީސްކަމުން ވަކިކުރީ ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމެއްގައި ގިނަ މެމްބަރުންގެ ތާއީދާ އެކު އެވެ. މައުމޫނާއި ޔާމީނާ ދެމެދު ހިޔާލުތަފާތުވުން އުފެދުނު އެއް ސަބަބަކީ ޕީޕީއެމްގެ މައި އޮފީހުން ކުރަން ޖެހޭ ކަންކަމާއި ނިންމުންތައް ކުރީގެ ފަސްޓް ލޭޑީ އަދި ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހުން ނިންމެވުމެވެ.

އެކަން ހުއްޓުވައި ޕާޓީ އިސްލާހު ކުރަން މައުމޫން މަސައްކަތް ފެއްޓެވެމުން ކައުންސިލްގެ ގިނަ މެމްބަރުން އެރުއްވީ ޔާމީން ފަޅިއަށެވެ. މައުމޫނާ އެކު ތިއްބެވީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މަދު މެމްބަރުންތަކެކެވެ.

ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދެއްވައި އާ ބޭފުޅުންތަކަކަށް ޖާގަ ދެއްވުމުގެ އަޑު ގަދަވެފައި މިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ. މި ފަހަރުގެ އާންމު އިންތިޚާބުގައި ޕީޕީއެމަށް ނެގުނީ އެންމެ ފަސް ގޮނޑި އެވެ. އަދި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ކޮންގްރެސް ޕާޓީ އަށް ލިބުނީ އެންމެ ތިން ގޮނޑި އެވެ.