ބައްޕަ މަރުވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އިންޑިއާގެ ޔަތީމުހާނާ އަކަށް ލީ ދިވެހި ތިން ކުދިން ރާއްޖެ ފޮނުވަން ބޭނުން ނުވަނީ، އަނބުރާ އެ ކުދިން އިންޑިއާ އަށް ގެންދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް އެ ކުދިންގެ މަންމަ ފާތުމަތު މިއަދު ބުނެފި އެވެ.
04 އެޕްރީލް 2017
ބައްޕަ މަރުވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އިންޑިއާގެ ޔަތީމުހާނާ އަކަށް ލީ ދިވެހި ތިން ކުދިން ރާއްޖެ ފޮނުވަން ބޭނުން ނުވަނީ، އަނބުރާ އެ ކުދިން އިންޑިއާ އަށް ގެންދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް އެ ކުދިންގެ މަންމަ ފާތުމަތު މިއަދު ބުނެފި އެވެ.
އިންޑިއާގެ ޓްރިވެންޑްރަމަށް އުފަން ފާތުމަތު، އއ. އުކުޅަހު މީހަކާ ކައިވެނިކޮށްގެން ލިބުނު ތިން އަންހެން ދަރިންނާ އެކު 2013 ގައި އެނބުރި ގައުމަށް ދިޔައީ ޗުޓީއަކަށް ކަމަށް ބުނެ އެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ހޯދަނިކޮށް އެ ކުދިން ފެނުނީ ޓްރިވެންޑްރަމްގެ ޔަތީމުހާނާއެއްގައި ތިއްބައި ކަމަށް ބައްޕަގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އެ ކުދިންގެ ކާފަ، އަބްދުﷲ ނައީމް އިންޑިއާގައި ހުރެ ފޯނުން މިއަދު "މިހާރު" އަށް ބުނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ކުރި މަސައްކަތުން އުމުރުން 12 އަހަރުގެ ދަރިފުޅު ރާއްޖެ ގެންދެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އެ ކުއްޖާ ރާއްޖެ ގެންދެވޭ ގޮތްވީ، އަމިއްލަ އަށް ދާން ބޭނުންވުމުންނެވެ.
އަނެއް ދެ ކުދިން ރާއްޖެ ގެންދެވޭނީ، ނައީމް ބުނިގޮތުގައި ފޮނުވަން ފާތުމަ އެއްބަސްވުމުންނެވެ.
"އެކަމަކު އޭނަ ބޭނުމެއް ނުވޭ ފޮނުވާކަށް. އެ ދެ ކުދިން ވެސް ރާއްޖެ ގެނެވޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރަމުން މި އަންނަނީ،" އޭނާ ބުންޏެވެ.
ފާތުމަތު ބުނީ ދަރިން ބައްޕައާ ހަވާލުކޮށްފި ނަމަ، އަލުން އޭނާ އަށް ފެންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. އަދި ދަރިންނަށް އަނިޔާކޮށް، ހާލުގައި ޖެއްސީ ކަމަށް ބުނާ ވާހަކަތައް ވެސް އޭނާ ދޮގުކުރި އެވެ.
"ރާއްޖެ ގެންދިއުމަށް ފަހު އަނބުރާ އަހަރެން ކައިރިއަށް ފޮނުވަން އެއްބަސްވީމަ ދަރިން ފޮނުވޭނީ،" ދިވެހި ބަހުން ފަރިތަކޮށް ވާހަކަ ދައްކަމުން ފާތުމަތު ބުންޏެވެ.
ދަރިން ޔަތީމުހާނާ އަށް ލީ ކީއްވެގެންތޯ އެހުމުން ފާތުމަތު ބުނީ އިންޑިއާގައި އޭނާ ދިރިއުޅެނީ ވަރަށް ހާލުގައި ކަމަށާއި އަމިއްލަ ގެދޮރު ނެތްއިރު، ދަރިން މަގުމަތީގައި ނުބައިތިއްބަން ވެގެން ކަމަށެވެ. ޔަތީމުހާނާގައި އަނިޔާކުރަން އެނގޭއިރު ވެސް އަޅާނުލީ ކީއްވެތޯ އެހުމުން ބުނީ، އެތަނުގައި އެއްވެސް ކުއްޖަަކަށް އަނިޔާ ނުކުރާ ކަމަށެވެ.
"އެއީ ދޮގެއް. އަނިޔާ ނުކުރޭ. އަނިޔާކުރި ކަމަށް އެ ދައްކަނީ ނަގާފައި ހުރި ފޮޅުތަކެއް. އެކަން ރަނގަޅުކުރަން ބޭސް ވެސް ކުރިން. ކިޔަވަނީ ވެސް ރަނގަޅު ސްކޫލެއްގައި. އެތަނުގައި [ޔަތީމުހާނާގައި] ތިއްބަސް އަހަރެންނަށް ލިބުނު އެއްޗެއް ދީގެން އެ ކުދިން ބަލަމުން އައީ،" ފާތުމަތު ބުންޏެވެ.
އަނިޔާ ނުކުރާ ކަމަށް ފާތުމަ ބުނި ނަމަވެސް ޔަތީމުހާނާގައި ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ހާލެއްގައި އުޅެން ޖެހުނު ކަމަށް އޭނާގެ 12 އަހަރުގެ ދަރިފުޅު ވަނީ ބައްޕަގެ އާއިލާ އަށް ކިޔައިދީފަ އެވެ. އަދި ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ނައީމް ބުނެ އެވެ.
ބައްޕަ މަރުވެފައިވާ ކަަަމަށް ބުނެ ދޮގު ހެދީ ކީއްވެތޯ އެހުމުން ސީދާ ޖަވާބު ނުދީ، ފާތުމަ ތަކުރާރުކުރީ އޭނާ އިންޑިއާގައި ތިން ދަރިން ބަލަން އުޅުނު ހާލެވެ.
އުކުޅަހުގައި ތިއްބައި ދަރިން ގޮވައިގެން ދިޔައީ ދަރިންނަށް ނުރައްކާ އޮތުމުން ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލެއް ފާތުމަ ނުދިނެވެ.
ނައީމް ބުނިގޮތުގައި ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް އޮތްތޯ ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.
ހާލުގައި ޖެހުނު އެއް ކުއްޖަކު ރާއްޖެ އަތުވެއްޖެ
ހާލުގައި ޖެހުނު ދިވެހި ކުދިން ގެނެވޭނެ ގޮތެއް އަދި ނުވޭ!
ފިޔަވަތި މަރާމާތު ކުރުމުގެ މަޝްރޫއު ނިންމާލައިފި
ކުޑަކުއްޖާގެ މޭގަ ތާށިވި އެތިކޮޅު އިންޑިއާއިން ނަގައިފި
ގޯނާގެ ތުހުމަތުކުރާ ފާމަސީ އެސިސްޓެންޓް ހައްޔަރުކޮށްފި
"ފިޔަވަތި" މަރާމާތު ކުރަން އިންޑިއާ އިން އެހީ ދީފި
ދެ މަޝްރޫއަކަށް އިންޑިއާއިން 14 މިލިއަންގެ އެހީ ދީފި
ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް އެހީ ދީފި
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި