Roadha Mihaaru
ސުލޫކީ ކޮމިޓީގެ އެއްވެސް ކަމެއް އަލީމަކަށް ނޭނގުނު

ސުލޫކީ ކޮމިޓީގެ އެއްވެސް ކަމެއް އަލީމަށް އެނގޭ ކަމަކަށް ނުވި

05 އެޕްރީލް 2017

ބައިބައި ވެފައިވާ ޕީޕީއެމްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފެކްޝަނުން ޕީޕީއެމްގެ ނަމުގައި ވަކި ސުލޫކީ ކޮމެޓީއެއް ހަދައި، މެމްބަރުން ވަކިކުރާ މައްސަލާގައި މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ކޯޓަށް ހާޒިރުކޮށް، ފަނޑިޔާރުން އޭނާއާ ގިނަ ސުވާލުތަކެއް މިއަދު ކުރިމަތިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބައިބައި ވެފައިވާ ޕީޕީއެމްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފެކްޝަނުން ޕީޕީއެމްގެ ނަމުގައި ވަކި ސުލޫކީ ކޮމެޓީއެއް ހަދައި، މެމްބަރުން ވަކިކުރާ މައްސަލާގައި މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ކޯޓަށް ހާޒިރުކޮށް، ފަނޑިޔާރުން އޭނާއާ ގިނަ ސުވާލުތަކެއް މިއަދު ކުރިމަތިކޮށްފި އެވެ.

އަލީމް ކޯޓަށް ހާޒިރުކޮށް ސުވާލުކުރީ ޕީޕީއެމް ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ލިބޭގޮތަށް ކުރި ހުކުމަށް ފަހު ވަކި ސުލޫކީ ކޮމެޓީއެއް ހަދައިގެން މެމްބަރުން ވަކިކޮށް، ހުކުމަށް ތަބާނުވާން ހިތްވަރު ލިބޭ ފަދަ ކަންކަން ކޮށް، ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިންގި ކަމަށް ތުހުމަތުކޮށެވެ.

ކޯޓުގެ އިސް ނެގުމުގައި ބަލަން ފެށި އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެެންޗަކުނެވެ. އެ ބެންޗުގެ ރިޔާސަތު އެ ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ބަލަހައްޓަވާއިރު ބެންޗުގައި ދެން ތިއްބަވަނީ ގާޒީ އަލީ ނަސީރާއި ގާޒީ އަލީ އަބްދުﷲ އާއި ގާޒީ މުހައްމަދު ހަލީމް އަދި ގާޒީ ހަސަން ފަހީމެވެ.

އަލީމްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމަށް އޭނާ އިންކާރު ކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ގިނަ ސުވާލުތަކެއް އަލީމާ ކުރިމަތިކޮށްފަ އެވެ. އެގޮތުން ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ޕާޓީން ވަކިކުރަން ނިންމި ކަމަށް ބުނެ ސުލޫކީ ކޮމެޓީން ނިންމި ނިންމުމުގައި އަލީމް ބައިވެރިވިންތޯ އާއި އެ ކޮމެޓީގައި ތިބެނީ ކޮން ބައެއްކަން އެނގޭތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އަލީމް ވިދާޅުވީ އެ ކޮމެޓީގެ މެމްބަރުންގެ މައުލޫމާތު މިވަގުތު ހަނދާން ނެތް ކަމަށާއި ކޮމެޓީގެ އެއްވެސް ކަމެއްގައި އޭނާ ބައިވެެރިވެ ވަޑައިނުގަންނަވާ ކަމަށެވެ. އެ ކޮމެޓީން އެފަދަ ނިންމުމެއް ނިންމިކަން އޭނާ އަށް އެނގިވަޑައިގަތީ މީޑިއާއިން ކަމަށް އަލީމް ބުންޏެވެ.

ނިހާނާއި އިލްހާމް ވަކިކުރަން ނިންމި ކަމަށް ބުނެ، އަލީމް މީޑިއާއެއްގައި ވިދާޅުވެފައިވާތީ އެކަމާ ބެހޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވުމުން އަލީމް ވަނީ އެފަދަ ވާހަކައެއް އެ މީޑިއާގައި ވިދާޅުނުވާ ކަމަށް ބުނެ، އެކަމަށް އިންކާރު ކުރައްވައިފަ އެވެ. އެފަދަ ހަބަރެއް ލިޔުނުކަން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ޖެހޭނީ ސާފުކުރަން ކަމަށް އަލީމް ވިދާޅުވި އެވެ.

މީގެ ދުވަސްތަކެއް ކުރިން ލިޔުނު އެ ޚަބަރަށް ކުރިން އިންކާރު ނުކުރެއްވީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން، އަލީމް ވިދާޅުވީ އޭނާއާ ހަވާލާދީ އެ ޚަބަރު ލިޔުނުކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށާއި ފެނުނީ ޚަބަރުތަކުގެ ސުރުހީތައް ކަމަށެވެ.

އެކަމާ ބެހޭގޮތުން ފަނޑިޔާރުން ތަކުރާރުކޮށް، ސުވާލު ކުރެއްވުމުން ވެސް އަލީމް ވިދާޅުވީ އެ ޚަބަރުގެ މައުލޫމާތު ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަލީމް ދައްކަވާ ވާހަކަތަކުގެ ތެދުކަން ކޯޓުން ކަށަވަރު ކުރާނެ ކަމަށާއި އެހެންވެ، މިހާރު ތެދުބަހުން ވާހަކަ ދައްކަން ނަސޭހަތްތެރިވާ ކަމަށެވެ. އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކާ ނަމަ، ދައްކާ ވާހަކަތައް ގަބޫލުކުރަން ދަތިވާނެ ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.

ހުކުމަށް ފަހު، ޕީޕީއެމްގެ ނަމުގައި އެއްވެސް ލިޔުމެއްގައި ސޮއިކޮށް، އެއްވެސް ބަޔަކަށް ދައުވަތު ދީ އަދި އެއްވެސް ނިންމުމެއް ނިންމުމުގައި ބައިވެރިވިންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން އަލީމް ވިދާޅުވީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ފަނޑިޔާރުން ވަނީ ޕީޕީއެމްގެ ބާރުތައް މުސްތަޝާރާ ހަވާލުކޮށް ކުރި ހުކުމުގެ ކުރިންނާއި އޭގެފަހުން ޕާޓީގެ ސުލޫކީ ކޮމެޓީ އޮތްގޮތާއި މިހާރު އޮތްގޮތާ ބެހޭގޮތުން ސުވާލުކުރައްވައިފަ އެވެ. ގިނަ ސުވާލުތަކުގެ ޖަވާބުގައި އަލީމް ވިދާޅުވީ އެ މައުލޫމާތު ޖެހޭނީ ސާފުކުރަން ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ސިޔާސީ ފަރާތްތަކަކީ އާންމު ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ބައެއް ކަމަށާއި ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވާން ހިތްވަރު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަލީމް އަމަލުކުރައްވާފައި ވަނީ ހުކުމަށް ތަބާނުވާން ހިތްވަރު ލިބޭ ގޮތަށް ކަމަށާއި އެފަދަ ކަންކަމަކީ ގާނޫނީ ގޮތުން މަނާ ކަންކަން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވާއިރު އެދުވަހު އޮންނާނީ މިއަދު ފަނޑިޔާރުން ކުރެއްވި ސުުވާލުތަކާ ގުޅިގެން އަލީމްގެ ފަރާތުން ޖަވާބުދާރީވުމެވެ.