Roadha Mihaaru
އަމިއްލަ ނަންފުޅު ވިދާޅުވެވިދާނެތޯ މައުމޫން އައްސަވައިފި

އަމިއްލަ ނަންފުޅު ވިދާޅުވެވިދާނެތޯ މައުމޫން އައްސަވައިފި

01 އެޕްރީލް 2017

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތަކުން ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކަށް އިޝާރަތްކުރައްވައި، ވަރުގަދަ ސުވާލުތަކެއް ޓްވިޓާއިން މިއަދު ކުރައްވައިފި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތަކުން ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކަށް އިޝާރަތްކުރައްވައި، ވަރުގަދަ ސުވާލުތަކެއް ޓްވިޓާއިން މިއަދު ކުރައްވައިފި އެވެ.

އިންޑިއާގައި މިވަގުތު ހުންނެވި ކުރީގެ ރައީސްގެ ޓްވީޓެއްގައި ސުވާލުކުރެއްވީ "އަޅުގަނޑުގެ އަމިއްލަ ނަން ކިޔުމުގެ ހުއްދަ އޮތްތޯ" އެވެ. އޭގެ އިތުރުން "އަޅުގަނޑަކީ މުސްލިމެއް ކަމާއި ދިވެއްސެއްކަމާއި، އަދި އަމިއްލަ ގައުމު ދެކެ ލޯބިވާ ވާހަކަ ބުނުމު"ގެ ހުއްދަ ވެސް އެބަ އޮތްތޯ ސުވާލުކުރެއްވި އެވެ.

އެމަނިފާނުގެ ޓްވީޓު ފެއްޓެވީ "އެއްވެސް ކުށަކަށް އަރައިގަންނަން ބޭނުންނުވާ" ކަމަށް ވިދާޅުވެ އެވެ.

މައުމޫންގެ މި ސުވާލުތަކުގެ އަމާޒަކީ ރާއްޖޭގެ ކޯޓުތަކާއި ރަސްމީ އިދާރާތައް ކަމަށް ބެލެވެ އެވެ. ޕީޕީއެމްގެ ރައީސްކަމަށް އެމަނިކުފާނު އިންތިޚާބު ކޮށްފައި ވަނީ ޕީޕީއެމްގެ މެމްބަރުން ކަމަށް ވިޔަސް، ސިވިލް ކޯޓުގެ ހުކުމަކާ އެކު ޕާޓީ ހިންގުން ވަނީ އެމަނިކުފާނުގެ އަތްޕުޅުން އަތުލައި، ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓް

އިއްޔެއާ ހަމައަށް ރައީސް މައުމޫން ގެންދެވީ، ދެ ބައި ވެފައި އޮތް ޕީޕީއެމްގައި އެމަނިކުފާނުގެ ޕެކްޝަންގެ ފަރާތުން މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ކުރިން ޕީޕީއެމްގެ އޮފީސް ބޭނުންކުރެއްވުމާއި ޕީޕީއެމްގެ ރައީސްގެ ލެޓަހެޑްގައި އެކި ބަޔާންތައް ނެރުއްވުން ހިމެނެ އެވެ.

އެކަމަކު މިދިއަ ބުދަދުވަހުގެ ރޭ ސިވިލް ކޯޓުން ވަނީ އެއިން އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށް ބުނެ، އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ފުލުހުންނަށް ދިން ބާރުގެ ބޭނުންހިފައި، އިއްޔެ ފުލުހުން ވަނީ ހ. ތެމާގައި ހުރި ޕީޕީއެމްގެ ނަން ބޯޑު ނަގައި ދިދަ ވެސް ބާލައިފަ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެކެވެ.

އެކަމަކު ޕީޕީއެމްގެ އަސާސީ ގަވާއިދުގައި މުސްތަޝާރަކީ، ޕާޓީ ހިންގުމުގެ އެއްވެސް ޒިންމާއެއް އޮތް ބޭފުޅެއް ނޫނެވެ. އެއީ ހަމައެކަނި ރަމްޒީ މަގާމެކެވެ.

ދާދި ފަހުން މައުމޫން ވަނީ ރައީސް ޔާމީންގެ ފެކްޝަނަކަށް "ދަރުބާރުގެ ގްރޫޕް" ގެ ނަމުން މުޚާތަބުކުރައްވައިފަ އެވެ. ޕާޓީ ދެ ބައިވެ، ރައީސް ޔާމީން އިސްކޮށް ހުންނަވައި ޕީޕީއެމް ހިންގަވަން ފެށި ފަހުން ޕާޓީގެ ގިނަ ހަރަކާތްތައް ބާއްވަމުން އަންނަނީ ދަރުބާރުގޭގަ އެވެ.