Roadha Mihaaru
ޕީޕީއެމް ބައެއް މެމްބަރުންގެ ސޮއި ހޯދީ ވަގަށް: ނިހާން

ބައެއް މެމްބަރުންގެ ސޮއި ހޯދީ ވަގަށް، ވޯޓު ކާމިޔާބެއް ނުވާނެ: ނިހާން

03 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ ބައެއް މެމްބަރުން ސޮއި ހޯދީ ވަގަށް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ ބައެއް މެމްބަރުން ސޮއި ހޯދީ ވަގަށް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދިއިރު، އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ "ވަގު ސޮއި" ހޯއްދަވައިގެން ކަމަށެވެ. އެގޮތުން ނިހާނު މިސާލު ނެންގެވީ އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު (ގާރީ) ގެ ސޮޔެވެ.

ނަމަވެސް އިތުރު މެމްބަރެއްގެ "ވަގު ސޮއި" ހޯދި ކަމެއް ނިހާން ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުގެ ކައިރީގައި ގާރީ ވިދާޅުވި ތިމަންނައެއް ސޮއެއް ނުކުރަމޭ. މަޖިލިހަށް ހުށަހެޅި ގަރާރުގައި އޮތީ ވަގު ސޮއެއް ކަމަށް ގާރީ ކަށަވަރުކޮށް ދެއްވާ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެހެން މެމްބަރުންގެ ސޮއި ހޯއްދަވާފައި ވަނީ އެކި ކަންކަމާ މެދު ހިތްހަމަނުޖެހިފައި ތިބި ދަނޑިވަޅެއްގެ ބޭނުން ހިފައިގެންނެވެ. އެކަމަކު މަޖިލިހުގައި ވޯޓު ނަގާ ދުވަހު މަސީހަށް އޮތް ތާއީދު ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހެޅި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީޕީއެމްގެ އެއްވެސް މެމްބަރަކު މަސީހާ ދެކޮޅަށް ވޯޓު ނުދެއްވާނެ. އެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. މަސީހު މަގާމުން ވަކިނުކުރެވޭނެ،" ނިހާނު ވިދާޅުވި އެވެ.

"މެމްބަރުންނަށް ވަގަށް ސޮއި ހޯދާފައި ވަނީ. އެ މެމްބަރުންގެ ވޯޓެއް ވެސް ނުލިބޭނެ."

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވީ އަހުމަދު ރަޝީދާ އެކު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގް އަދި ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އެވެ.