Roadha Mihaaru
ގާސިމްގެ އިސްތިއުނާފް ބަލައެއްނުގަތް: ވަކީލުން

ގާސިމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައެއް ނުގަތް: ވަކީލުން

09 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ކްރިމިނަލް ކޯޓުން ބަލައިނުގަތް ކަމަށް އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ކްރިމިނަލް ކޯޓުން ބަލައިނުގަތް ކަމަށް އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށް އޭނާގެ ބަންދަށް ހަ ދުވަސް ވަނީ ޖަހައިފަ އެވެ.

ގާސިމްގެ ވަކީލުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރެން ޖެހެނީ، ޕްރޮސިކިިއުޓަ ޖެނެރަލް ހުށަހަޅައިގެން ކަމަށް މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކާ ބެހޭ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެ އަމުރު ހޯދަން ކޯޓުގައި އެދުނީ ފުލުހުން ކަމަށެވެ. އެއީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމަކަށް ވާތީ މައްސަލަ އިސްތިއުނާފްކުރުމުން، ލިއުންތައް ކޯޓުން ބަލައިގެންފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

"ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތަކާ ކަނޑައެޅިގެން ހިލާފަށް ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހެޅުމުން، އެ މައްސަލަ ބަލައިގަތުމަށް ކޯޓުން އިންކާރުކޮށްފައި ވުމީ އޮނަރަބަލް ގާސިމް އިބްރާހިމް އިންސާފު ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅޭ އަދި އެކަމާ މެދު އެމަނިކުފާނު އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެކެވެ،" ބަޔާނުގައި ވެ އެވެ.

ޝަރީއަތަށް މައްސަލައެއް ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ އެ ނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުތާލިއާކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި އެ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ބ. ގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ވަކީލުން ވިދާޅުވީ ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކުރި މައްސަލަ ބަލައި އެކަމުގައި ގާނޫނީ ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓަ ޖެނެރަލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ގާސިމް ހައްޔަރުކުރުމުގެ އަމުރު ފުލުހުން ހޯދީ ގާސިމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ފަހު އެވެ.

ގާސިމްގެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ގާސިމާ ދެކޮޅަށް ފުލުހުންނަށް އެއްވެސް ހެއްކެއް ނުދެއްކެ އެވެ. ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ.