Roadha Mihaaru
އިދިކޮޅު ލީޑަރުންނަށް އަމާޒުވި އިސްލާހު ބާތިލުކޮށްފި

އިދިކޮޅު ލީޑަރުންނަށް ވެރިކަމަށް ނާދެވޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން މަޖިލިހުން ފާސްކޮށްފި

16 އޮކްޓޯބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ސިޔާސީ ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން، ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިއަ އަހަރު ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބާތިލްކުރަން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ސިޔާސީ ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން، ރިޔާސީ އިންތިހާބުގެ ގާނޫނަށް މިދިއަ އަހަރު ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބާތިލްކުރަން މިއަދު ފާސްކޮށްފި އެވެ.

ޔާމީންގެ ބާރު އޮތް ރައްޔިތުންގެ މަޖިލިހުން އޭރު ގާނޫނަށް ގެނައި ބަދަލުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާ ނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތާއި ރައްކާތެރިކަން ހޯދާފައިވާ ނަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ ބޭރުގެ ރައްޔިތުކަމާއި ހިމާޔަތް ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.

މި އިސްލާހު ބާތިލް ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު. --- ފޮޓޯ: މަޖިލިސް

ޕީޕީއެމް ކޯލިޝަންގެ މެޖޯރިޓީއެއް އޭރު އޮތް މަޖިލިހުގައި ގާނޫނު އިސްލާހުކުރީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި މަންމައަކާއި ބައްޕައަކަށް އުފަން ދިވެއްސަކަށްވުމާއި ބޭރުގެ ރައްޔިތަކު ކަމުގައި ނުވުން ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމުން އެކަން ހުއްޖަތަކަށް ދައްކައިފަ އެވެ.

އެ ބަދަލު ގެނައީ، ރާއްޖެ އިން ބޭރުން ހިމާޔަތް ހޯއްދަވައިގެން އޭރުގައި އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޕްރޮފެސަރު ހަސަން އުގެއިލް އަށް އަމާޒުކޮށްގެން ކަމަށް ބެލެވެ އެވެ.

ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ އާ ސަރުކާރުގެ ވައުދެކެވެ. އެހެންވެ ސަރުކާރުން މަޖިލިހަށް ހުށަހެޅީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އޭރު ގެނައި އިސްލާހު އުނިކުރުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ނުވެ އެވެ.

ޕީޕީއެމްގެ މެމްބަރުން އޭރު ބުނި ގޮތުގައި ގާނޫނަށް ގެންނަނީ ދުނިޔޭގެ ޑިމޮކްރަޓިކް ބައެއް ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ.

މިދިޔަ އަހަރު އެ އިސްލާހު އައީ، ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. ޔާމީންގެ ބައެއް ވާދަވެރިން އުޅުއްވީ، ރާއްޖޭގައި ހުންނަވައިފި ނަމަ ޖަލު ނުވަތަ ބަންދެއްގައި ތިއްބަވަން ޖެހިވަޑައިގެންފާނެތީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. ނަޝީދާއި ޖަމީލް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވި އިރު ގާސިމް ސިޔާސީ ހިމާޔަތް ހޯއްދެވީ ޖަރުމަނުންނެވެ.

މިއަދުގެ ޖަލްސާގައި ވަނީ ބޯހިޔާވަހިކަން ހޯދައި ދިނުމާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ބައެއް ގަރާރުތައް ބަލައިގަނެ، ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. އަދި އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް މަޖިލިހަށް ވަނީ ބަލައިގެންފަ އެވެ.

މީގެއިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދައި އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވުމާ ގުޅިގެން އެކަން އެގޮތަށް ކުރަން ފެންނަ ކަމަށް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.