Roadha Mihaaru
ފުލުހުންނާއި ކޯޓުން ގާނޫނާ ހިލާފުވީ އޮޅިގެން: ގާސިމް

ފުލުހުންނާއި ކޯޓުން ގާނޫނާ ޚިލާފުވީ އޮޅިގެން، ހިތްބުރަކަމެއް ނެތް: ގާސިމް

12 އެޕްރީލް 2017

ރިޝްވަތުގެ ތުހުމަތުގައި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓީ ފުލުހުންނާއި ކްރިމިނަލް ކޯޓަށް އޮޅިގެން ކަމަށާއި އެކަމުގައި އެ ދެ މުއައްސަސާއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޝްވަތުގެ ތުހުމަތުގައި ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓީ ފުލުހުންނާއި ކްރިމިނަލް ކޯޓަށް އޮޅިގެން ކަމަށާއި އެކަމުގައި އެ ދެ މުއައްސަސާއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކުރުމާ އެކު، ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އޭނާ ހައްޔަރުކުރީ މަޖިލީހުގެ އިމްތިޔާޒާއި ބާރުތަކާ ބެހޭ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށެވެ. ފުލުހުންނާއި ކޯޓަށް އޮޅިގެން އެގޮތަށް އަމަލުކުރެވިދާނެ ކަމަށާއި އެއީ މާބޮޑު މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ކޯޓުގައި އެދެން ޖެހޭނީ، ގާނޫނުގައިވާ ގޮތުން، ޕްރޮސިކިއުޓަ ޖެނެރަލް އެވެ. އޭގެ ބަދަލުގައި ފުލުހުން އަމުރު ހޯދީ ސީދާ ކްރިމިނަލް ކޯޓަށް ހުށަހަޅައިގެންނެވެ.

"އިމްތިޔާޒުގެ ގާނޫނުގެ ވެސް ވަރަށް ގިނަ މާއްދާތައް އުވާލާފައި އޮތްއިރު، މި މާއްދާ އޮތީ އުނި ނުކުރައްވައި. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ހައި ކޯޓުގައި ވިދާޅުވި ދައުލަތުން އޮތީ މިސްޓޭކެއް ހެއްދެވިފައި ކަމަށް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ވަރަށް އިންސާފުންނޭ، ރަނގަޅަށޭ އެ ކަންތައް ދިޔައީ ކްރިމިނަލް ކޯޓުން އަދި މި ކޯޓުން ވެސް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެއްކެއް ނެތީސް ވެސް ހަ ދުވަސް ބަންދުކުރަން ހުކުމް ކުރެއްވި ގާޒީ އެގޮތަށް ނިންމެވީ ވެސް ގޯސްކޮށް ކަމަށް ދެކެވަޑައިނުގަންނަވަ އެވެ.

ކުރިއާ އަޅާބަލާއިރު ފުލުހުންގެ އުސޫލުތަކާއި ގަވާއިދުތައް ވަރަށް ހަރުކަށި ނަމަވެސް، ގާސިމް ވިދާޅުވި ގޮތުގައި، ބަންދުގައި ހުންނެވިއިރު އޭނާއާ ދޭތެރޭގައި ފުލުހުން އަމަލުކުރީ ވަރަށް ރަނގަޅަށެވެ. އަދި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުމަށް ވަރަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޚުލާގީ، ސުލޫކީ ގޮތުން ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ކޮންގޮތަކަށްތޯ، ކުރިއަށް ތަރައްގީގެ ރޮނގުން، ކުރިއަށް ދިއުމުގެ ރޮނގުގައި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ދޫކުރިއިރު، ރިޝްވަތު ހުށަހަޅަން އުޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާކޮށް، ޕީޖީން މިހާރު ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފަށަން ވަނީ ހަމަޖައްސައިފަ އެވެ.