Roadha Mihaaru
އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ

އިދިކޮޅު މެމްބަރުންގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެ

23 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެ އެވެ. މިއީ ފަހުގެ ތާރީޚުގައި ވެސް މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާ އުފުލާފައިވާ ފުރަތަމަ ފަހަރެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 13 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެ އެވެ. މިއީ ފަހުގެ ތާރީޚުގައި ވެސް މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާ އުފުލާފައިވާ ފުރަތަމަ ފަހަރެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

މެމްބަރުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ލިޔެކިޔުންތަކާ ހަވާލުވުމަށް ކްރިމިނަލް ކޯޓުން މިހާރު އަންނަނީ ބައެއް މެމްބަރުންނަށް އަންގަމުންނެވެ. ލިޔެކިޔުންތަކާ ހަވާލުވުމުން، ކޯޓުގައި ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ.

އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ލިޔުންތަކާ ހަވާލުވުމަށް ކޯޓަށް ހާޒިރުވާން މިހާތަނަށް އެންގި މެމްބަރުންގެ ތެރޭގައި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ ތެރެއިން ސައުދާއި ވަހީދަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ. ދެ ދައުވާ ސާބިތުވެއްޖެނަމަ، މެމްބަރުންނަށް ހަތަރު މަހަށް ވުރެ ބޮޑު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި، ދެން ދައުވާ ކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ މައްޗަށެވެ.

މީގެ އިތުރުން މެމްބަރުންނަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސްގެ މައްޗަށް ވަނީ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ އިތުރުން ޝަހްސު އޮޅުވާލި ކަމަށް ބުނެ، ކްރިމިނަލް ކޯޓުގައި ފާރިސްގެ މައްޗަށް މިހާރު ވެސް ދަނީ ޝަރީއަތް ހިނގަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ، ފާރިސް އަށް ކުރާ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް އަދިވެސް ނުފަށާއިރު، ފާރިސް ބަންދުކޮށްގެން ގެންގުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މެމްބަރުކަމުގެ ގޮނޑި ގެއްްލޭޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެއަށް ވުރެ ކުރު ހުކުމެއް އައިސްގެން ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.