ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން 42 މެމްބަރެއްގެ ސޮއި ހޯދާކަށް ނުޖެހޭނެ ކަމަށާއި ގަވާއިދަށް ގެންނަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.
09 އެޕްރީލް 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން 42 މެމްބަރެއްގެ ސޮއި ހޯދާކަށް ނުޖެހޭނެ ކަމަށާއި ގަވާއިދަށް ގެންނަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް މަޖިލީހުގެ ގަވާއިދަށް، ސަރުކާރުގެ މެމްބަރުން ކުއްލި ބަދަލެއް މިއަދު ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވަ އެވެ.
މަޖިލިހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާ އެކު އެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން އެންމެ މެމްބަރެއްގެ ވޯޓުން ވެސް މަޖިލީހުގެ ރިޔާސަތު ވަކިކުރެވިދާނެ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ އެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި އަޣުލަބިއްޔަތުން ކަމަށް ވާތީ ކަމަށް އިބޫ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ކަނޑައެޅިގެން މިހާ ލުއިކޮށް އޮތް ކަމެއްގައި 42 ސޮއި ހޯދާކަށް މަޖުބޫރެއް ނުކުރެވޭނެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެއް އެއީ، އެ އިސްލާހު އެޖެންޑާއެއް ވެސް ނުކުރެވޭނެ. ވޯޓަކަށް ވެސް ނޭހޭނެ،" އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅާއިރު 15 މެމްބަރުންގެ ސޮއި ހޯދަން ގަވާއިދުގައި އޮންނަނީ ގާނޫނުއަސާސީ އަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ. މަޖިލީހުގެ ގަވާއިދަށް މިހާރު ގެންނަ އިސްލާހުތައް ހުދުމުހުތާރު ގައުމުތަކަށް ވުރެ ވެސް ހައްދުފަހަނާޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން 29 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅޭ އިރު މަޖިލީހުގެ ރައީސް ވަކިކުރަން 42 މެމްބަރެއްގެ ސޮއި ހޯދަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"މަޖިލީހުގެ ރައީސް ކަމުގައި މަސީހް ހުންނަވަން ދެކޮޅު މެމްބަރުން އެބަ ތިއްބެވި ޕީޕީއެމްގެ ތެރޭގައި. މަސީހް ވަކިކުރަން އެ ބޭފުޅުން ވޯޓު ދެއްވުމުގެ ފުރުސަތު ނުދޭން ގަވާއިދަށް ގެންނަ ބަދަލެއް މިއީ. ހުދުމުހުތާރު ގޮތެއްގައި ނިންންމާ ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މިއަދު ނިންމީ، އާއްމު ކޮމެޓީގައި ތިއްބެވި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ބަދަލުކުރުމަށް ފަހު އެވެ. އެކަމަކު އެއީ ކޮން މެމްބަރުން ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ މަސީހުގެ ވޯޓާ ގުޅިގެން އެކި ފިއްތުންތަކާ ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ ބަދަލަކީ ވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓުވަން ހުށަހަޅާ އިސްލާހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދު އޮތް ގޮތް، މިދިޔަ މަހުގެ 27 އާ ހަމައަށް ވެސް ކަމުދާ ކަމަށާއި ކުއްލިއަކަށް އެކަން ކަމުނުދާ ކަމަށް ބުނެ މުޅިން އާ ޝަރުތުތަކެއް ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.
"ގަވާއިދާ އެއްގޮތަށް މައްސަލަ ހުށަހެޅިފައި ވަނިކޮށް ވަކި ނަތީޖާއެއް ނެރެން ގަވާއިދު ބަދަލެއް ނުކުރެވޭނެ،" ފާރިސް ވިދާޅުވި އެވެ.
"މުޅިން ތަފާތު އާ ޝަރުތުތަކެއް ކިތަންމެ ގޮތަކަށް ކުރިމަތިކުރިޔަސް، 42، ނުވަތަ 85 ޖައްސަވާ، މިކަން ހުއްޓާކަށް ނެތިން އަޅުގަނޑުމެން."
އޭނާ ވިދާޅުވި ގޮތުގައި މާދަމާ މަޖިލީހުގެ ޖަލްސާ ޝެޑިއުލްކޮށްފައި އޮތް ނަމަވެސް ގަވާއިދަށް ގެންނަން އުޅޭ މައްސަލަ އެޖެންޑާކޮށް ގޮތެއް ނުނިންމޭނެ އެވެ. ގަވާއިދަށް ގެންނަން އުޅޭ އިސްލާހަކީ މަސީހާއި މޫސާ މަނިކުގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ މަޖިލިހުގެ ރިޔާސަތާ މެދު ވެސް މިހާރު ސުވާލު އުފެދޭ ކަމަށް ފާރިސް ވިދާޅުވި އެވެ.
މިކަން މިއޮތީ ނިމިފައި، ޝައްކެތް ނެތް: އިބޫ
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
ވަފާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަން: ގާސިމް
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް
މަސީހާ ދެކޮޅަށް ވޯޓު ދީ، އާ ދައުރަކަށް ހޮވައިދޭނަން
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު