Roadha Mihaaru
އިންޑިއާގެ "ޖާސޫސަކަށް" ޕާކިސްތާނުގައި މަރުގެ ހުކުމް

އިންޑިއާގެ "ޖާސޫސަކަށް" ޕާކިސްތާނުގައި މަރުގެ ހުކުމް އިއްވައިފި

11 އެޕްރީލް 2017

ނިއު ދިއްލީ (އެޕްރީލް 11) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭނާ ސަލާމަތް ކުރަން ކުރެވުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 11) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭނާ ސަލާމަތް ކުރަން ކުރެވުން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވީ ޖަދާވް ވަނީ "ކިޑްނެޕް"ކޮށްފައި ކަމަށާއި އޭނާގެ މައްޗަށް މައްސަލަތަކެއް އުފައްދާފައިވާ ކަމަށެވެ.

އިންޑިއާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ސްވަރާޖް ވިދާޅުވީ ޖަދާވް، 46، ގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދިފާއުވެވޭނެ ފުރުސަތު ނުދީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ދެން ވެދާނެ ގޮތަކާ މެދު ވިސްނުމަށް ޕާކިސްތާނަށް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ހޯމް މިނިސްޓަރު ރަޖްނާތު ސިންގް ވިދާޅުވީ ޖަދާވް އަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ޖަދާވް ޕާކިސްތާނުން ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ޖާސޫސް ކުރިކަމުގެ ކުށް ސާބިތުވީ އިއްޔެ އެވެ. ޖަދާވް ހައްޔަރު ކުރުމަށް ފަހު ޕާކިސްތާނުން އާއްމުކުރި ވީޑިއޯއެއްގައި ވަނީ އޭނާ ޖާސޫސްކުރި ކަމަށް އެއްބަސްވާ ކަމަށް ބުނެފަ އެވެ.

އެކަމަކު ޖަދާވް ހައްޔަރުުކުރި ގޮތާއި ތަނާ ބެހޭ ގޮތުން ވެސް ވަނީ ސުވާލު އުފެދިފަ އެވެ. ޕާކިސްތާނުން ބުނެފައި ވަނީ ޔަދާވް ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް 3 ވަނަ ދުވަހު ބަލޮޗިސްތާނުން ކަމަށެވެ. އިންޑިއާ އިން ބުނެފައި ވަނީ ޖަދާވް ކިޑްނެޕް ކުރީ އޭނާ އީރާނުގައި ހުއްޓާ ކަމަށެވެ.

ޕާކިސްތާނުން ބުނެފައި ވަނީ ޖަދާވްގެ މައްޗަށް ޝަރީއަތް ހިންގާ ހުކުމް އިއްވާފައި ވަނީ އަސްކަރީ ކޯޓެއްގައި ކަމަށެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ޖާސޫސްކޮށް އެ ގައުމުގައި ހަމަނުޖެހުން ހިންގުމަށް އޭނާ އަށް އަމުރުކޮށްފައިވާ ކަމަށް ޖަދާވް ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެ އެވެ.

ޖަދާވް އަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ އަށް 40 ދުވަސް ދީފައިވެ އެވެ.