Roadha Mihaaru
އިންޑިއާގެ ޖާސޫސްއަށް ކޮންސިއުލާ ޚިދުމަތްދޭން އަންގައިފި

އިންޑިއާގެ ޖާސޫސް އަށް ކޮންސިއުލާ ޚިދުމަތް ދޭން ޕާކިސްތާނަށް އަންގައިފި

18 ޖުލައި 2019

ދަ ހޭގް (ޖުލައި 18) - ޖާސޫސް ކުރިކަމުގެ ކުށުގައި މަރަން ހުކުމް ކުރުމަށް ފަހު، ޕާކިސްތާނުގެ ޖަލެއްގައި ހުރި އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވްގެ ހުކުމް ތަންފީޒް ނުކޮށް އޭނާއަށް އިންޑިއާގެ ކޮންސިއުލާ ޚިދުމަތް ފޯރުކޮށް ދިނުމަށް ޕާކިސްތާނުގެ މައްޗަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީޖޭ) އިން އަމުރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދަ ހޭގް (ޖުލައި 18) - ޖާސޫސް ކުރިކަމުގެ ކުށުގައި މަރަން ހުކުމް ކުރުމަށް ފަހު، ޕާކިސްތާނުގެ ޖަލެއްގައި ހުރި އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވްގެ ހުކުމް ތަންފީޒް ނުކޮށް އޭނާއަށް އިންޑިއާގެ ކޮންސިއުލާ ޚިދުމަތް ފޯރުކޮށް ދިނުމަށް ޕާކިސްތާނުގެ މައްޗަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީޖޭ) އިން އަމުރުކޮށްފި އެވެ.

ޖަދާވް މަރަން ކުރި ހުކުމް ތަންފީޒް ކުރުން 2017 ވަނަ އަހަރު ހުއްޓުވާފައި ވަނީ ވެސް އައިސީޖޭ އިންނެވެ.

އިންޑިއާ އިން އައިސީޖީގައި އެދިފައި ވަނީ ޖަދާވްގެ މައްޗަށް ޕާކިސްތާނުގެ އަސްކަރީ ކޯޓަކުން ކުރި ހުކުމް ބާތިލްކޮށް ދިނުމަށެވެ. ނަމަވެސް ދަ ހޭގުގައި އައިސީޖީގެ ރައީސް އަބްދުލްގަވީ އަހުމަދު ޔޫސުފް އިއްވި ހުކުމުގައި އެބައި ހިމަނައިފައެއް ނުވެ އެވެ. ކޯޓުން އަނެއްކާވެސް ވަނީ ޔަދާވްގެ ހުކުމް ތަންފީޒް ކުރުން ފަސް ކުރަން އަންގައިފަ އެވެ. އަދި އެ މައްސަލަ ޕާކިސްތާނުން އަލުން މުރާޖައާ ކުރުމަށް ޕާކިސްތާނަށް ވަނީ އަންގައިފަ އެވެ. އައިސީޖީން ބުނެފައި ވަނީ ޖަދާވްގެ ޝަރީއަތް ހިންގާފައި ވަނީ އޭނާ އަށް ކޮންސިއުލާ އެކްސެސް ނުދީ ކަމަށްވާތީ އެވެ.

ޕާކިސްތާނުން ބުނެފައި ވަނީ ޔަދާވް އަށް ކޮންސިއުލާ ޚިދުމަތް ދޭން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ އޭނާ ކުށްވެރިވެފައި ވަނީ ޖާސޫސް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގައިގެން ކަމަށްވާތީ އެވެ. އެކަމަކު އައިސީޖޭ އިން އަންގާފައި ވަނީ ވިއެނާ ކޮންވެންޝަންގެ 36 ވަނަ މާއްދާގެ ދަށުން ކޮންސިއުލާ އެކްސެސް ދޭން ޖެހޭނެ ކަމަށެވެ.

ޖަދާވް ޕާކިސްތާނުން ހައްޔަރުކުރީ މާޗު 2016 ގަ އެވެ. އަދި ޕާކިސްތާނާ ދެކޮޅަށް ޖާސޫސް ކުރިކަމުގެ ކުށް ސާބިތުވީ އެޕްރީލް 2017 ގަ އެވެ. ޖަދާވް ހައްޔަރު ކުރުމަށް ފަހު ޕާކިސްތާނުން އާއްމުކުރި ވީޑިއޯއެއްގައި ވަނީ އޭނާ ޖާސޫސްކުރި ކަމަށް އެއްބަސްވާ ކަމަށް ބުނެފަ އެވެ.

އިންޑިއާ އިން ބުނެފައި ވަނީ ޖަދާވް ވަނީ "ކިޑްނެޕް" ކޮށްފައި ކަމަށާއި އޭނާގެ މައްޗަށް މައްސަލަތަކެއް އުފައްދާފައިވާ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ އައިސީސީގެ މެންބަރުންނެވެ. އަދި އެ ދެ ގައުމުން ވަނީ ވިއެނާ ކޮންވެންޝަނުގައި ސޮއިކޮށްފަ އެވެ.

ޖާސޫސް ކުރުމަކީ އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ތުހުމަތު ކުރާ ކަމެކެވެ. ޖާސޫސްކުރި ކަމުގެ ކުށުގައި ޕާކިސްތާނުން މަރުގެ ހުކުމް އިއްވި އިންޑިއާ މީހަކަށް ޕާކިސްތާނުގެ ޖަލުގެ ގައިދީން އަނިޔާކޮށްގެން 2013 ވަނަ އަހަރު ވަނީ މަރުވެފަ އެވެ. އިންޑިއާ އިން ވެސް ވަނީ ޖާސޫސްކުރި ކަމަށް ބުނެ، 2013 ގެ ފަހުން ޕާކިސްތާނުގެ 40 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.