Roadha Mihaaru
އިންޑިއާގެ ފޮރިންސެކްރެޓަރީއާ ރައީސް ބައްދަލުކުރައްވައިފި

އިންޑިއާގެ ފޮެރިން ސެކްރެޓަރީއާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

13 އެޕްރީލް 2017

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ޔާމީންގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ސުބްރަމަންޔަމް ވަނީ މިއަދު ހަވީރު ފުރާވަޑައިގެންފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި އިއްޔެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ އާއި ރައީސް ޔާމީންގެ ބައްދަލުވުމުގައި ވަނީ، އިންޑިޔާ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދޭތެރޭގައިވާ ގުޅުން، ތަފާތު ދާއިރާތަކުން އިތުރަށް ބަދަހި ކުރުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއަޔްތު ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

"މިގޮތުން، ރާއްޖެ އާއި އިންޑިޔާއާ ދޭތެރޭގައި ޤާއިމްކޮށްފައިވާ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމާއި ތަރައްޤީ އަށް އިތުރު ހަރުދަނާކަމެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެ އަށް މި ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިޔާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކައިގައި، ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް އިންޑިއާ އިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސް ޔާމީނަށް އެރުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އިންވެސްޓްމަންޓްގެ ދައިރާ އިން ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ސުބްރަމަންޔަމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެންފަ އެވެ. މިއީ މި ވެރިކަމުގައި އޭނާގެ ދެވަނަ ދަތުރެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވިއިރު ސިޔާސީ އިދިކޮޅު ހަރަކާތްތައް ވަރުގަދަވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރުއާ މިއަދު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރުއާ މިއަދު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ ދެ ބޭފުޅުންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަކިވަކިން ބާއްވާފައިވާއިރު، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ދައުލަތުން އެދުނެވެ. އެކަމަކު ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް ދެ ޝަރީއަތުން ވެސް ނިންމީ ގާސިމާއި ރިޔާޒް ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަަމަށެވެ.

ގާސިމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ބަންދު ވެސް ކުރި އެވެ. އެކަމަކު ހައި ކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އިއްޔެ ވަނީ މިނިވަންކޮށްފަ އެވެ.