Roadha Mihaaru
"ރާއްޖެ-އިންޑިއާއާ ދެމެދު ހުޅުގަނޑު ރޯކުރީ ޔާމީން"

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހުޅުގަނޑު ރޯކުރީ ޔާމީން: ގާސިމް

05 ފެބުރުއަރީ 2024

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމުގައި "ހުޅުގަނޑެއް" ރޯކުރީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމުގައި "ހުޅުގަނޑެއް" ރޯކުރީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކޯސްޓް ގާޑުން ރާއްޖެ ސަރަހައްދަށް ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފަށް ވަދެ، ދިވެހި މަސްދޯނިތަކަކަށް ހަތިޔާރާ އެކު އެރި މައްސަލާގައި މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ އެފަދަ ކަންކަން ހިނގަން މެދުވެރިވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ގެންގުޅުނު ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު ގެންގުޅުއްވީ ރަނގަޅަށް ކަމަށާއި އޭގެ ފަހުން އައި އެއްވެސް ވެރިކަމެއްގައި އަމަލު ކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ރާއްޖެ އަށް އެންމެ ފުރަތަމަ އިންޑިއާ ސިފައިން ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގެނައި ހެލިކޮޕްޓަރާ އެކު، ގާނޫނުއަސާސީއާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖެ ގެނައި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އޭގެ ފަހުން އައި ސަރުކާރުތަކުން ވެސް ކަންތައް ކުރީ ހަމަ އެހެން،" ގާސިމް ވިދާޅުވި އެވެ.

"އިންޑިއާ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ހިތްހަމަނުޖެހުމާއި ހުޅުގަނޑު ރޯކުރީ އަބްދުﷲ ޔާމީން. މިއީ ފެންނަން އޮތް ހަގީގަތެއް."

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި "އިންޑިއާ އައުޓް" ކިޔުން މަނާ ކުރާ ގަރާރެއް އެ ސަރުކާރުން ނެރުނު ކަމަށާއި އެ ގަރާރު ބާތިލް ކުރަން ޔާމީން ބޭނުންފުޅުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އެކަން ކުރައްވާ ގޮތަކަށް ނޫން ކަމަށާއި އެ ބާވަތުގެ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.