Roadha Mihaaru
"ބޮންތަކުގެ މަންމަ ބޮން" އައިއެސްއާ ދެކޮޅަށް އަޅައިފި

"ބޮންތަކުގެ މަންމަ ބޮން" އައިއެސްއާ ދެކޮޅަށް އެމެރިކާ އިން ބޭނުންކޮށްފި

13 އެޕްރީލް 2017

ވޮޝިންޓަން (އެޕްރީލް 13) - ނިއުކްލިއާ ބޮން ފިޔަވައި އެމެރިކާ އިން އުފެއްދި އެންމެ ބާރުގަދަ ބޮން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެމެރިކާ އިން ބޭނުންކޮށްފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 13) - ނިއުކްލިއާ ބޮން ފިޔަވައި އެމެރިކާ އިން އުފެއްދި އެންމެ ބާރުގަދަ ބޮން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެމެރިކާ އިން ބޭނުންކޮށްފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ޖީބީޔޫ-43/ބީ މެސިވް އޯޑެންސް އެއާ ބްލާސްޓް ބޮން ނުވަތަ "ބޮންތަކުގެ މަންމަ ބޮން" ފުރަތަމަ ޓެސްޓް ކުރީ 2003 ވަނަ އަހަރު އެވެ. ނަމަވެސް މީގެ ކުރިން ހަނގުރާމައެއްގައި މި ބޮން ބޭނުންކޮށްފައެއް ނުވެ އެވެ. ޕެންޓަގަނުން ބުނީ އައިއެސްއާ ދެކޮޅަށް މި ބޮން އަޅާފައި ވަނީ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން ކަމަށެވެ. ބާރުގަދަ ބޮން އައިއެސްއާ ދެކޮޅަށް ބޭނުންކޮށްފައި މި ވަނީ ނަންގަރްހާރުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އެމެރިކާގެ ސްޕެޝަލް ފޯސަސްގެ ސިފައިންގެ މީހަކު މިދިޔަ ހަފުތާގައި މަރާލާފައި ވަނިކޮށެވެ.

ޕެންޓަގަނުން ބުނީ 9،800 ކިލޯގެ ބޮން އަޅާފައި ވަނީ މިއަދު ކަމަށެވެ. އެ ބޮން އަޅާފައި ވަނީ އައިއެސް އިން ބޭނުންކުރާ ހޮހަޅަތަކަށާއި ޓަނަލްތަކަށް ކަމަށް ވެސް ޕެންޓަނުން ބުނެފައިވެ އެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު، ޖެނެރަލް ޖޯން ނިކޯލްސަން ވިދާޅުވީ އައިއެސް އިން އެ މީހުންގެ ދިފާއު ވަރުގަދަ ކުރަން އައިއީޑީތަކާއި ބަންކަރާއި ޓަނަލްތައް ބޭނުންކުރަމުންދާ އިރު ޖީބީޔޫ-43/ބީ އަކީ އެންމެ ރަނގަޅު ހަމަލާ ކަމަށެވެ.

އައިއެސް އިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާކަން އިއުލާންކުރީ ޖެނުއަރީ، 2015 ގަ އެވެ. އަދި އެ ގައުމުގައި އައިއެސްގެ 1،000-5،000 އާ ދެމެދުގެ ހަނގުރާމަވެރިން އުޅޭ ކަމަށްވެ އެވެ.