Roadha Mihaaru
އެމެރިކާ އާއި ތާލިބާނުންގެ މަޝްވަރާތަކެއް ބާއްވައިފި

އެމެރިކާ އާއި ތާލިބާނުންގެ މަޝްވަރާތަކެއް ބާއްވައިފި

01 އޯގަސްޓް 2023

މީގެ ދެ އަހަރު ކުރިން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ތާލިބާން ޖަމާއަތުގެ އިސް ވެރިންތަކަކާ އެކު އެމެރިކާ ސަރުކާރުގެ މަންދޫބުންތަކެއް ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މީގެ ދެ އަހަރު ކުރިން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ތާލިބާން ޖަމާއަތުގެ އިސް ވެރިންތަކަކާ އެކު އެމެރިކާ ސަރުކާރުގެ މަންދޫބުންތަކެއް ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ދެ ދުވަހަށް ކުރިއަށް ދިޔަ މި މަޝްވަރާތައް ބޭއްވި މިދިޔަ ހަފުތާ ބަންދުގެ ތެރޭގަ އެވެ. އަފްޣާނިސްތާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އަބްދުލްގައްހާރް ބަލްކީ ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ދެ ފަރާތުގެ މެދުގައި އިތުބާރު އުފެއްދުމާ ބެހޭ ގޮތުންނެވެ.

އޭގެ އިތުރުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ތާލިބާން ޖަމާއަތުގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާއި، ތާލިބާން ސަރުކާރުގެ އިސް ވެރިންގެ ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް ނައްތައިލުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި އެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ މަރުކަޒީ ބޭންކުގެ ފައިސާ އާއި މުދާތައް އަނބުރާ ހޯދުމާ ބެހޭ ގޮތުން ވެސް، އެމެރިކާގެ މަންދޫބުންނާ އެކުގައި މަޝްވަރާ ކުރެވުނެވެ.

ވިހި އަހަރު ވަންދެން އަޅުވެތިކޮށްގެން ތިބުމަށް ފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބީ ޖުލައި 2021ގަ އެވެ. އެމެރިކާ ސިފައިން ފޭބުމާ އެކު ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި، އަމިއްލަ އަށް ވެރިކަމާ ހަވާލުވެފަ އެވެ.

ތާލިބާން ޖަމާއަތް އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން، އެމެރިކާ އިން އެ ޖަމާއަތާ އެކުގައި މިހާތަނަށް ސީދާ ގޮތެއްގައި އެއްވެސް މުއާމަލާތެއް ނުކުރެ އެވެ. އެމެރިކާ ސަރުކާރުން ތާލިބާނުންގެ ވެރިކަން ބަލައިނުގަންނާތީ، މިދިޔަ ދެ އަހަރުގެ ތެރޭގައި އެމެރިކާ ސަރުކާރުން ތާލިބާނުންނާ މުއާމަލާތު ކުރަމުން އައީ ކޮންމެވެސް އެހެން ގައުމެއް މެދުވެރިކޮށެވެ.

މި ދިޔަ ހަފުތާ ބަންދުގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރި އިތުރު ކަންތައްތަކުގެ ތެރޭގައި، އަފްޣާނިސްތާނުގައި އިންސާނީ ހައްގުތައް ރައްކާތެރި ނުކުރެވޭ މައްސަލަ އާއި އަފްޣާނިސްތާނުގައި ފުޅާ ދާއިރާއެއްގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ވެސް ހިމެނެ އެވެ.

އަމިއްލަ އަށް ވެރިކަން އެރުމަށް ފަހު، ގައުމުގެ އަންހެނުންނާ މެދު ތާލިބާނުން އަމަލުކުރި ގޮތުގެ ސަބަބުން، އިސްލާމީ ގައުމުތައް ވެސް ހިމެނޭ ގޮތުން، ގިނަ ގައުމުތަކަކުން ވަނީ ތާލިބާނުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ތާލިބާނުން ވެރިކަމަށް އެރުމާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެ ގައުމުގެ އިގްތިސާދު މިހާރު ވަނީ ހަލާކުވެފަ އެވެ.