Roadha Mihaaru
އެންމެ އާއްމު ރޮނގުދެމި މަދިރިން ވެސް ޒިކާ ފެތުރިދާނެ

އެންމެ އާއްމު ރޮނގުދެމި މަދިރިން ވެސް ޒިކާ ފެތުރިދާނެ

17 އެޕްރީލް 2017

އޭޝިއާގެ ގައުމުތަކުގައި އާއްމު އޭޑީސް އެލްބޮޕިކްޓަސް މަދިރީގެ ޒަރީއާ އިން ވެސް ޒިކާ ވައިރަސް ފެތުރުން އެކަށީގެންވާ ކަމުގެ އިތުރު ހެއްކެއް ސައިންސްވެރިން ހޯދައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އޭޝިއާގެ ގައުމުތަކުގައި އާއްމު އޭޑީސް އެލްބޮޕިކްޓަސް މަދިރީގެ ޒަރީއާ އިން ވެސް ޒިކާ ވައިރަސް ފެތުރުން އެކަށީގެންވާ ކަމުގެ އިތުރު ހެއްކެއް ސައިންސްވެރިން ހޯދައިފި އެވެ.

ބަނޑުގައި އޮންނަ ތުއްތުކުއްޖާ އަށް ބޮޑެތި އައިބުތަކެއް ކުރިމަތިކުރުވާ ޒިކާ ވައިރަސް އާއްމުގޮތެއްގައި ފަތުރަނީ ރީނދޫ ހުން ޖައްސާ އޭޑީސް އިޖިޕްޓައި މަދިރިންނެވެ. އެކަމަކު، ހުދު ރޮނގުތަކެއް ހުންނަ އޭޑީސް އެލްބޮޕިކްޓަސް ނުވަތަ "ޓައިގަ" މަދިރި އަށް ވެސް ޒިކާ ވައިރަސް ޖެހޭ ކަމާއި އަދި އެ މަދިރީގެ ބިހަށް ވައިރަސް އަރާކަން އެމެރިކާގެ ސައިންސްވެރިންތަކެއް ވަނީ ކަށަވަރުކޮށްފަ އެވެ.

ޖާނަލް އޮފް މެޑިކަލް އެންޓޮމޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ އާއްމުކޮށް ދުވާލު ވަގުތު ހަފައި އުޅޭ އަދި މީހުން ދިރިއުޅޭ ތަންތަނުގައި އާއްމު "ޓައިގަ" މަދިރި ޒިކާ ފަތުރާ ކަން ކަށަވަރުކޮށްދޭ ހޯދުމެއް ނޫނެވެ. އެކަމަކު އެއީ އެ ފުރުސަތު އޮތް ކަމަށް ބަލަން ބާރު ދޭ އިތުރު ހެއްކެކެވެ.

ބްރެޒިލްގައި 2015 ވަނަ އަހަރު ޒިކާ ފެތުރުނު އިރު އެ ގައުމުން ހިފި މަދިރިތަކެއް އެޅި ބިހުން އުފެދުނު މަދިރީގައި ޒިކާ ވައިރަހުގެ ޖެނެޓިކް ބައިތައް ހުރިކަން ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިން މި ދިރާސާގައި ވަނީ ހޯދައިފަ އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ނަތީޖާ އިން އެނގެނީ ޒިކާ ވައިރަސް ފެތުރުމުގައި އޭޑީސް އެލްބޮޕިކްޓަސްގެ ދައުރެއް އޮވެދާނެކަން އަދި މިއީ އާއްމު ސިއްހަތާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް ކަން،" ދިރާސާގައި އިސްކޮށް ހުންނެވި ޗެލްސީ ސްމާޓް ވިދާޅުވި އެވެ.

"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އަދި ތަފާތު އެތައް ބައެއްގެ ގައިގައި ހަފާ މަދިރިއެއް. މިއީ ފިނި ތަންތަނުގައި ވެސް އުޅުމުގެ ގާބިލްކަން ހޯދާފައިވާ މަދިރިއެއް."

ޒިކާ ފަދަ ވައިރަސްތައް މަދިރީގެ ޒަރީއާ އިން ފެތުރެނީ އެ ވައިރަސް ހުރި މީހެއްގެ ގައިން ލޭ ބުއިމަށް ފަހު ދުވަސްކޮޅަކަށް މަދިރީގެ ހަށިގަނޑުގައި ވައިރަސް ގެންގުޅެފައި އެހެން މީހެއްގެ ގައިގައި ހަފާ އިރު އެ މީހާގެ ގަޔަށް ވައިރަސް ގޮސްގެންނެވެ.

މިހާތަނަށް ހުރި ހޯދުންތަކަށް ބަލާ އިރު ދެން ބަލަން ޖެހެނީ "ޓައިގަ" މަދިރީގެ ހަށިގަނޑުން ޒިކާ ވައިރަސް އަށް ހިމާޔަތް ލިބެނީ ކިހާ ވަރަކަށްތޯ އެވެ. މަދިރިއަކުން ވައިރަސްއެއް ފެނުމުގެ މާނައަކީ ކޮންމެހެން އެ މަދިރިން އެ ވައިރަސް ފެތުރުމެއް ނޫނެވެ.

ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ޓީމުން ބުނީ "ޓައިގަ" މަދިރިން ޒިކާ ވައިރަސް ފެތުރޭތޯ ކަށަވަރުކުރަން އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.