Roadha Mihaaru
ކެރެންޏާ ފެންނަ ނުފެންނަ ވޯޓަކަށް ދޭބަލަ: ގާސިމް

ކެރެންޏާ ސަރުކާރުގެ ސައްހަކަން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓަކަށް ދޭބަލަ: ގާސިމް

20 އެޕްރީލް 2017

މި ސަރުކާރުގެ ގާނޫނީ ސައްހަ ކަމެއް އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ސަރުކާރުގެ ގާނޫނީ ސައްހަ ކަމެއް އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒްގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ލީޑަރުން މިއަދު ތިއްބެވީ އެ މަނިކުފާނާ ދެކޮޅަށް ކަމަށާއި މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ވެސް ނެތް ކަމަށެވެ. ހުރިހާ ލީޑަރުން ރައީސް ޔާމީނާ ދެކޮޅަށް ތިއްބެވިއިރު ވެރިކަމުގައި ދެމިހުންނަވަން ރައީސް ޔާމީން ލަދުފުޅު ގަންނަންޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދަންވަންތޯ؟ ހަޔާތުގެ ކުނޑިފުކެއް ވެސް ހުރި އިންސާނަކު ނުހުންނާނެ އިނގޭތޯ،" ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާ ނަމަ ސަރުކާރުގެ ސައްހަކަން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާސިމް ގޮވާލެއްވި އެވެ. އެ ބާރު ރައީސް ޔާމީނަށް ގާނޫނުއަސާސީން އެބައޮތް ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ވިޔަސް އެފަދަ ވޯޓަކަށް ދާން ގާސިމް ގޮވައިލެއްވި އެވެ.

"ގާނޫނުއަސާސީގައި ވެސް އެބައޮތް، ރައްޔިތުންގެ މަޖިލީހުގައި ވެސް މަނިކުފާނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅުން ލައްވައި ވެސް ވޯޓެއް ނެގިދާނެ. އަޅެ އެކަން ކޮށްލަދެއްވަ ބައްލަވާ. އަޅުގަނޑު ބަލައިލާނަން މަނިކުފާނަށް ވެރިކަން ކުރެއްވުމުގެ ބާރު އޮތްތޯ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނެލާ އިރަށް ފުލުހަށް ހާޒިރުކޮށް، އެކި ގޮތްގޮތުން ބިރު ދެއްކިޔަސް ފަސްޖެހިވަޑައެއް ނުގަންނަވާނެ އެވެ. އަދި ހުންނަވާނީ ސާބިތުކަމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ފަދަ އުމުރުން ދުވަސްވެފައި ހުރި މީހަކު ސިޔާސީ ބޭނުމެއްގައި ޖަލަށް ލާން ލަދު ގަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ބާރުގެ ބޭނުންކޮށްގެން މަރާލިޔަސް ހުންނަވާނީ ސާބިތުކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރި އެއްޗެއް ވިއްޔާ ނެގިދާނެ. ނަންގަވާ ނަންގަވާ. ހުސްވަންދެން ވެސް ނަންގަވާ. ހުންނާނީ ފެންނަ ގޮތަށް، ދިވެހި ރައްޔިތުންނަށް ފެންނަ ގޮތަށް. އަވަހަށް ނަންގަވާ، އަވަސް ކުރައްވާ. އެވަރުން ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާތޯ ބައްލަވާ އަޅުގަނޑު ޖަލަށް ނުގެންގޮސް،" ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"މަރާލައްވާ އިނގޭތޯ. މަނިކުފާނަށް ކުރެވިދާނެ އޭކޭ 47 ގެނެސް މަގޭ ގަޔަށް ޖެހިދާނެ. މި އަޒުމެއް ނުގުޑާނެ."

ސަރުކާރާ ދެކޮޅު އިއްތިހާދުގައި މިވަގުތު މާލޭގައި އެންމެ އިސްކޮށް ހުންނެވި ގާސިމް ގެންދަވަނީ ރަައީސް ޔާމީނަށާއި ސަރުކާރަށް ބޮޑެތި ފާޑުތައް ވިދާޅުވަމުންނެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މިހާރު ޝަރީއަތް ކުރަމުންދާއިރު، މިއަދު ހަވީރު ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެއީ ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގެ ދަށުން، ގާނޫނީ ސަރުކާރެއް ބަދަލު ކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުތަކަށް އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ގާސިމްގެ މައްޗަށް ތިން ދައުވާއެއް ކުރަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތަށް ވެސް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.