20 އެޕްރީލް 2017
ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި ސިޔާދަތީ ބާރު ލިބިގެންވަނީ ދުސްތޫރަށެވެ. މާނައަކީ އާންމު ރައްޔިތުންނެކޭ އެއް ފަދައިން، ދައުލަތުގެ ތިން ބާރު ވެސް ބޯލަނބައި ކިޔަމަންވާން ޖެހޭނީ ގާނޫނުއަސާސީއަށެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓޭނީ އެ ގޮތުގެ މަތިން ކަމަށްވާތީ އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި ސިޔާދަތީ ބާރު ލިބިގެންވަނީ ދުސްތޫރަށެވެ. މާނައަކީ އާންމު ރައްޔިތުންނެކޭ އެއް ފަދައިން، ދައުލަތުގެ ތިން ބާރު ވެސް ބޯލަނބައި ކިޔަމަންވާން ޖެހޭނީ ގާނޫނުއަސާސީއަށެވެ. ގާނޫނުގެ ވެރިކަން ދެމެހެއްޓޭނީ އެ ގޮތުގެ މަތިން ކަމަށްވާތީ އެވެ.
ނަމަވެސް މިހާރު ދައުލަތުގެ ތިން ބާރުގެ ދާއިރާގެ ތެރޭގައި ބައެއް ކަންތައް ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އިސްކަން ދެނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ. އާންމު ރައްޔިތުންގެ ތެރޭގައި ގާނޫނުގެ ބާރު ކަނޑުވައިލެވޭ މަންޒަރު ފެންނަނީ މަދެއްކޮށް ނޫނެވެ.
އެއްވެސް އޮޅުމެއް ނެތް މިންވަރަށް، ގާނޫނުގައި ކަޅާއި ހުދުން ލިޔެފައި އޮތް އިޖުރާއާތުތަކާ މުޅިން ޚިލާފަށް މީހަކު ހިފައި ހައްޔަރުކޮށް، އަދި ހަމަ ގާނޫނާ ޚިލާފަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އިރު ވެސް، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި އިދާރާތައް ފުން ނިންޖެއްގައި އޮތުމުން، ގައުމަށް ވެފައި މި އޮތީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ.
އެ ސުވާލުގެ ޖަވާބާ މެދު ވިސްނައިލާ އިރު، ގައުމުގެ ހުރިހާ ކަމެއް ބަދަލުވަމުން ދަނީ ގާނޫނީ އިމުގެ ބޭރުން، އެ މީހަކު ހިތަށްއެރި ގޮތަކަށް ކަން ކުރުމުގެ އުސޫލަށެވެ. އެންމެ މަތިން ފެށިގެން އެކަމަށް ހިތްވަރު ދެމުންދާ މަންޒަރެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަކީ ވެރިންގެ ފީކުދާނެކޭ ބުނެވޭ ދަރަޖަ އަށް، ގާނޫނުގެ ބާރު ދަނީ ކެނޑެމުންނެވެ.
ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް ރާއްޖޭގައި އަދިވެސް އެބަ އޮތެވެ. އެއީ މީލާދުގެ ހަ ގަރުނު ކުރިން އުޅުއްވި ގްރީކްގެ ފިލޯސަފަރު އަނަކާސިސް ވިދާޅުވި މި އިބާރާތުގައިވާ އުސޫލެވެ؛ "ގާނޫނުތަކަކީ މަކުނުވައުތަކެކެވެ. ކުދި މެހި ފަދަ ތަކެތި އޭގައި ތަތްވެ ހަރުލަ އެވެ. ނަމަވެސް ބޮޑެތި ދޫނިތައް އޭގައި ތަތެއްނުވެ އެވެ."
މާނައަކީ ނުފޫޒު ގަދަ ސިޔާސީ މީހުންނާއި އެމީހުންގެ ތާއީދުގައި އުޅޭ މީހުންނަށް ގާނޫނަކީ ނެތް އެއްޗެކެވެ. ނަމަވެސް ހަސްފަސް ނެތް އާންމު ރައްޔިތުންނާއި ސިޔާސީ މީހުންގެ ވާދަވެރިންގެ މައްޗަށް ގާނޫނަށް ވުރެ ފުޅާ އެއްޗެއް ނޯވެ އެވެ. އިތުރު ތަފްސީލަކަށް ނުދިޔަސް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އެކަމުގެ ހެއްކަކަށް ފުދެ އެވެ.
އޭގެ އިތުރުން ވެސް ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިނގަމުންދާ ކަންތަކާއި ގާނޫނުއަސާސީ އާއި ގާނޫނުގެ ރޫހާ ޚިލާފަށް ކުރަމުންދާ ކަންތައް މަދެއް ނޫނެވެ. ނަމަވެސް އެކަމާ ކުރެވޭނެ ކަމެއް ނެތެވެ.
އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއަކަށް ފުލުހުން ހުރަސް އަޅަނީ: ވެރިކަން ކުރާ ޕާޓީގެ އެއްވުންތައް މަގުތަކުގައި ބާއްވަން ވެސް ފުރުސަތު ލިބޭ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ގާނޫނުހަދާ މަޖިލީހުން ފަށަމާ ހިނގާށެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސަކަށް ހުންނަ މީހަކު މަގާމުން ވަކިކުރަން ބޭނުންވެއްޖެ ނަމަ، މަޖިލީހުގައި އެއިރަކު ތިބި ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުން، ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހެޅިދާނެ އެވެ. އެއީ މިހާރުގެ އަދަދުން ބަލާ ނަމަ، 29 މެމްބަރުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅިދާނެ އެވެ.
މިހެން މިކަން އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅާއިރު 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނުއަސާސީގެ ރޫހުތޯ ސުވާލު އުފެދެ އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާ މަގާމުން ދުރު ކުރުމަށް ހުށަހަޅާ އިރު އެންމެ 29 މެމްބަރުންގެ ސޮއި ފުދޭ އިރު، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން ހުށަހަޅާ އިރު، 42 މެމްބަރުންގެ ސޮއި ބޭނުންވަނީ، އެ މަގާމުގެ ހައިބަތާއި ގަދަރާއި މަސްއޫލިއްޔަތު، ގައުމުގެ ރައީސަށް ވުރެ ބޮޑުވީމާ ހެއްޔެވެ؟
މިއީ ހަމަ ކުޑަކުޑަ އެންމެ މިސާލެކެވެ. ޖުޑިޝަރީ އަށް ބަލައިލާ އިރު ފެންނަ މަންޒަރު ވަކިން ހިތްގައިމެއް ނޫނެވެ. ސީދާ ކަނޑައެޅިގެން ގާނޫނާ ޚިލާފު ނޫނަސް، ޖުޑިޝަރީ ދާއިރާގައި ހިނގާ ބައެއް ކަންކަމަކީ ގާނޫނުގެ ރޫހާ އެކަށޭނަ ގޮތަށް ހިނގާ ކަންތައްތޯ ސުވާލު އުފެއްދިދާނެ އެވެ.
އެ ފަދަ އެއްކަމަކީ ސަސްޕެންޑްކޮށްފައި ތިބި ހަތަރު ފަނޑިޔާރުން އެ ގޮތުގައި ބައިތިއްބާފައި ތިބުމެވެ. ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ތިބޭތާ އަހަރުތައް ގުނަމުންދާ އިރު ބަރާބަރަށް މުސާރަ ވެސް ދޭ ކަމަށް ވެ އެވެ. ނަމަވެސް އެ ފަނޑިޔާރުން ވަޒީފާގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް، ހާޒިރުވާން ޖެހޭ އޮފީހެއް ނޯވެ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ. ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ.
ޖޭއެސްސީގައި ހިމެނޭ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމު ވެސް ހުހަށް އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ. ގާނޫނު ބުނާ ގޮތުން ޖޭއެސްސީ އަށް މެމްބަރުން އައްޔަން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް އެ މަގާމު ފުރުއްވާނޭ ފަނޑިޔާރަކު ކަނޑައަޅަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކޮށްގެންނެވެ.
ޖޭއެސްސީގައި މިހާރު އޮތް ހުސް މަގާމަށް ހައި ކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ދިގުލައިގެން ދަނީ ރައީސްގެ އިހުމާލުންތޯ ނުވަތަ ހައި ކޯޓުގެ އިހުމާލުންތޯ ނުބުނެވޭނެ އެވެ. އެއީ އެ މަގާމަށް ފަނޑިޔާރަކު އައްޔަން ކުރުމުގައި މީގެ ކުރީ ދެ ފަހަރު ދެ ގޮތަކަށް އަމަލު ކޮށްފައި އޮތުމާ އެކު، އެކަން ކުރަންވީ ގޮތުގެ ތަފްސީލީ އިޖުރާއާތެއް ގާނޫނުތަކުގައި ވެސް ކަނޑައެޅިފައި ނެތުމުންނެވެ.
ގާނޫނީ ވަކީލު އަނަސް އަބްދުއް ސައްތާރު ވިދާޅުވީ އެކަން އެ ގޮތަށް ލަސްވެގެން ދިޔަ ކަމުގައި ވިޔަސް، އެއީ ސީދާ ގާނޫނާ ޚިލާފުވީ ކަމަށް ނުބެނެވޭނެ ކަމަށެވެ. ސަބަބަކީ އެފަދަ ހާލަތްތަކުގައި އެ މަގާމަށް މީހަކު އައްޔަންކުރުމަށް ވަކި މުއްދަތެއް ގާނޫނުގައި ކަނޑައަޅާފައި ނޯންނާތީ އެވެ. ނަމަވެސް އެއީ އުސޫލުތަކާއި ގާނޫނުގެ ރޫހާ ޚިލާފު ކަމެއް ކަމަށް ބެލެވިދާނެ އެވެ.
ނަމަވެސް މިއާ ޚިލާފަށް ހައި ކޯޓުގެ ދެ ގޮފި އުފައްދައި ފަނޑިޔާރުން ހަމަޖެއްސުމަކީ ގާނޫނުގައި ވަކި މުއްދަތުތަކެއް ދީފައި ހުރި ކަންކަމެވެ. ކޯޓުތަކުގެ ގާނޫނުގެ 35 ވަނަ މާއްދާ ބުނާ ގޮތުގައި، ކޯޓުތަކުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އުތުރާއި ދެކުނުގައި ހައި ކޯޓުގެ ގޮފި ގާއިމުކުރަން ޖެހޭނެ އެވެ. މި ގާނޫނު ބުނާ ގޮތުން އެކަން ކުރުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެކެވެ.
އެ އިސްލާހަށް އަމަލު ކުރަން ފެށީ ޑިސެމްބަރު 11، 2014ގަ އެވެ. ދެ އަހަރު ވާން ކައިރި ވަނީ އެވެ. ދެކުނުގެ ގޮފި ގާއިމު ކޮށްފައި ވިޔަސް، އުތުރުގެ ގޮފި އަދިވެސް ގާއިމެއް ނުކުރެވެ އެވެ. ފަނޑިޔާރުން ހަމަޖެހުނު ކަމެއް ވެސް ނޭނގެ އެވެ.
މި ގާނޫނު ބުނާ ގޮތުން ހައި ކޯޓުގެ ދެ ގޮފިން ބަލާނީ، އެ ގޮތްޕެއް ހިމެނޭ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތައް އެކަންޏެވެ. އެހެންކަމަށްވާ ނަމަ، އެ އިސްލާހަށް އަމަލުކުރަން ފެށި ފަހުން އުތުރުގެ ކޯޓުތަކުން ނިންމި އެއްވެސް މައްސަލައެއްގެ އިސްތިއުނާފް މަރުހަލާ މިހާތަނަށް އޮންނާނީ ކުރިއަށް ނުގެންދެވި އެވެ.
ހައި ކޯޓުގައި ތިއްބަވާނީ ޖުމްލަ ނުވަ ފަނޑިޔާރުން ކަމަށްވާ އިރު، އޭގެ ތެރެއިން ތިން ފަނޑިޔާރުން ތިއްބަވާނީ މާލޭގައި ހުންނަ ހައި ކޯޓުގަ އެވެ. އަދި އުތުރު ގޮފީގައި ތިން ފަނޑިޔާރުންނާއި ދެކުނު ގޮފީގައި ތިން ފަނޑިޔާރުންނެވެ. ގާނޫނު ބުނާ ގޮތުން ހައި ކޯޓުގައި އެއްވެސް މައްސަލައެއް ބެލޭނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކޮންމެވެސް ސަބަބަކާ ހުރެ އެކަން އެ އޮތީ ނުކުރެވި އެވެ. ނަމަވެސް މިހާ ދިގު މުއްދަތެއް ހޭދަވެގެން ދިޔަ އިރު ވެސް އެކަން ފުރިހަމަ ނުވެ އޮތް ނަމަ އެއީ ޝަރުއީ ދާއިރާ އަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އަދުލު އިންސާފަށް ވާސިލުވުމުގައި ރައްޔިތުންނަށް ކުރިމަތިވާނެ ހުރަހެކެވެ.
ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން ވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ގާނޫނާ ޚިލާފަށް ބައެއް ކަންތައް ހިނގަމުންދާ އިރު، އަނެއް ބައެއް ކަންތަކަކީ ގާނޫނާ ކަނޑައެޅިގެން ޚިލާފު ނުވިޔަސް ގާނޫނުގެ ރޫހާ ޚިލާފު ކަންކަމެވެ.
"މިސާލަކަށް ބައްލަވާ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ ކަންތައް ވަމުން އެދާ ގޮތް. ގާނޫނުގައި ބުނެފައި އޮންނަ ގޮތުން، ދުވަހުން ދުވަހަށް ޔުނިވާސިޓީ ހިންގާ މީހަކީ އެ ތަނުގެ ވައިސް ޗާންސެލަރު. އެކަމަކު ކުރީގެ ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ޗާންސެލަރުގެ މަގާމަށް ބަދަލުކުރެއްވި ފަހުން ވައިސް ޗާންސެލަރުގެ މަގާމަށް އަދި ވެސް ބޭފުޅަކު އައްޔަނެއް ނުކުރައްވާ. ގާނޫނު ބުނާ ގޮތުން އެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއެއް،" ރާއްޖޭގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ނަމަވެސް އެހެން ބައެއް ވަކީލުންގެ ޚިޔާލު މި ކަމުގައި ތަފާތެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުގައި ބުނާ ކަމެއް ނުކުރެވި ދިގުލައިގެން ދިޔަ ކަމުގައި ވިޔަސް، އެއީ ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ގާނޫނު ލާޒިމް ނުކުރާ ކަމަކަށް ވާ ނަމަ، އެ ލަސްވާ ލަސްވުމަކީ ގާނޫނާ ކަނޑައެޅިގެން ޚިލާފުވުން ކަމުގައެއް ނުބެލެވޭނެ އެވެ. ނަމަވެސް އެއީ ފުރިހަމަ މާނައިގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުން ކަމަކަށް ވެސް ނުވާނެ އެވެ.
އެ ފަދަ އެއް މިސާލަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަގާމުން ވަކިކުރުމަށް ފަހު، އެ މަގާމަށް އެހެން ބޭފުޅަކު ހަމަޖެއްސުމުގައި ކުރިއަށް ވުރެ ދިގު މުއްދަތެއް ފާއިތުވުމެވެ. ނަމަވެސް ނައިބު ރައީސްގެ މަގާމު ހުސްވުމުން އެ މަގާމަށް މީހަކު ހަމަޖެއްސުމަށް ގާނޫނުއަސާސީގައި ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ.
އެހެން އެކަން އޮތް ކަމުގައި ވިޔަސް، ގާނޫނުއަސާސީގަޔާއި ގާނޫނުތަކުގައި ވަކި ދާއިރާއަކާ ގުޅޭ ގޮތުން ވަކި ގޮތަކަށް ކަންތައްތަކެއް ފުރިހަމަ ކުރުމަށް ލިޔެފައި އޮންނަނީ، އެ ދާއިރާއެއް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނީ އެ ކަންތައް ފުރިހަމަވެގެން ކަމުގައި ވާތީ އެވެ. މިސާލަކަށް ބަލާ ނަމަ، ޖޭއެސްސީގައި ވަކި އަދަދަކަށް މެންބަރުން ތިބެންވާނެ ކަމަށް ގާނޫނުގައި ބުނެފައި އޮންނަ ނަމަ، ގާނޫނުގެ ރޫހަކަށް ވާނީ އަދި ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނީ ވެސް، އެ އިން މަގާމެއް ހުސްވެއްޖެ ނަމަ، ވީހާ އަވަހަށް އެ މަގާމަށް އިތުރު މީހަކު ހަމަޖެއްސުމުންނެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން މިފަދަ މަންޒަރުތައް ފެންނަ ނަމަ، މުޖްތަމައުގެ ތެރެއިން ވެސް ފެންނާނީ ގާނޫނަށް އިހުމާލުވާ މަންޒަރެވެ. ނުވަތަ ގާނޫނުގެ ބާރު ކަނޑުވައިލާ މަންޒަރެވެ. އެއީ މުޅި ގައުމަށް ލިބޭނެ ގެއްލުމެކެވެ.
ސުޕްރީމް ކޯޓުގެ ފުރަތަމަ ޓެސްޓުން އުއްމީދުތަކެއް
ދައުލަތުގެ އެއްވެސް ބާރަކަށް އިތުބާރު ކުރެވޭތަ؟
ޔައުގޫބްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ހޯމަ ދުވަހު
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލެވިގެން ނުވާނެ
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!
ގާނޫނު އިސްލާހުކުރީކީ ނޫން، ދުސްތޫރުގެ ބާރު ކަނޑައިލީ
އެންޓި ޑިފެކްޝަން ބިލް ކޮމިޓީއަށް ފޮނުވައިފި