Roadha Mihaaru
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން

ޕާޓީ ބަދަލުކުރުމުގެ ހުތުރު ކުޅިގަނޑު ރަސްމީކޮށް ނިމިއްޖެ: ނިހާން

24 އެޕްރީލް 2018

ރަައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވުމުގެ ހުތުރު ކުޅިގަނޑަށް ރަސްމީކޮށް މިއަދު ނިމުން އައިސްފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރަައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ބަދަލުވުމުގެ ހުތުރު ކުޅިގަނޑަށް ރަސްމީކޮށް މިއަދު ނިމުން އައިސްފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. ގާނޫނު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު މެމްބަރުންތަކެކެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޓްރާންސްފާ މާކެޓަށް ރަސްމީކޮށް މިއަދު ނިމުން އައިސްފައިވާ ކަމަށެވެ. އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށްވެ، ސުޕްރީމް ކޯޓުގެ ފަހު ބަހާއެކު ރައްޔިތުންނަށް އުފާވެރިކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން މަޖިލީހަށް ކުރިމަތިލާ ބަޔަކު ލަނީ ޓްރާންސްފާ މާކެޓްގައި ނުވިކޭނެ ކަން އެނގި ތިބެ. ރައްޔިތުން ހޮވި ގޮތުގައި ދައުރު ނިމެންދެން ދެން މެމްބަރުން ތިބެންވާނެ،" ނިހާން ވިދާޅުވި އެވެ.

މާލެ: އޭޕްރީލް 18، 2016: ރައްޔިތުންގެ މަޖިލީސް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މަޖިލީހުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

މާލެ: އޭޕްރީލް 18، 2016: ރައްޔިތުންގެ މަޖިލީސް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން މަޖިލީހުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ނިހާން މި ގާނޫނު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލި ބޮޑު މައްސަލަގަނޑެއް އުފެދިފައި ވަނިކޮށެވެ. ޕާޓީން ވަކިވި އަދި ވަކިކުރި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު އެ މައްސަލަ ވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ޕީޕީއެމުން މެމްބަރުންތަކެއް ވަކިވީ އަދި ވަކިކުރީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުންނެވެ.

މި މައްސަލައާ ހެދި މަޖިލީހަށް ހުށަހަޅައި ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ މިއަދު އިއްވެވި ހުކުމުގައި ވަނީ ދުސްތޫރީ ނަޒަރަކުން ބަލާއިރު، އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފްލޯކްރޮސްކުރުމާ ބެހޭ ގޮތުންނާއި ބައި އިލެކްޝަން ބޭއްވުމުގެ ކަންކަމުގެ އިޖުރާއުތައް ހިމެނޭ ގާނޫނެއް ކަމަށެވެ.

އެ ބިލް ފާސްކުރީ މިދިޔަ މާޗް 13 ވަނަ ދުވަހު އެވެ. އަދި އެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވައި، އަމަލުކުރަން ފެށީ ޖެހިގެން އައި ދުވަހު އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ސިޔާސީ ޕާޓީން ވަކިވުން، ވަކިކުރުން، އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، މިދިޔަ އަހަރުގެ ޖުލައި 13 ގައި ނެރުނު ހުކުމްގައި ފާހަގަކުރި ގައިޑްލައިނާ އެއްގޮތަށް އެންޓި ޑިފެކްޝަން ގާނޫނުގައި އުސޫލުތައް ކަނޑައަޅާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.