Roadha Mihaaru
އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަންވެއްޖެ

އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަންވެއްޖެ: ޝިދާތާ

23 އެޕްރީލް 2017

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް، އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަން ވެއްޖެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކޮށް، އަނިޔާވެރިކަން މުލުން ލުހެލަން އަޑުގަދަ ކުރަން ވެއްޖެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވި ގޮތުގައި މިއީ އަޑު މަޑުކޮށް، ލޮނު މަޑުވާންވީ ވަގުތެއް ނޫނެވެ. އަދި އަނިޔާވެރިކަން މުލުން ލުހެލުމަށް އާންމުން ފޯރި ނަގަންވީ ވަގުތު ޖެހިފައިވާ ކަމަށާއި ލީޑަރުން މިނިވަން ކުރަން ނުކުންނަން ޖެހޭ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"މިއީ ވަރަށް ބިރުވެރި ވާހަކައެއް. މިހާރު ހިފެހެއްޓިފައި އޮތް ޕާސްޕޯޓު ގެއްލިދާނެ. ނަމަވެސް އަޅުގަނޑުމެން ހަނގުރާމަ މި ކުރަނީ ސަރުކާރެކޭ ކިޔައިގެން ތިބި ލަޝްކަރު ބަލި ކުރަން،" އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ކަން ވެސް ކުރައްވާ ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ "ލަޝްކަރު" ގައި މާ ގިނަ ބަޔަކު ނެތެވެ. އަދި އެ މީހުން ބަލި ކުރާނެ ކަމަށް ވެސް ފޯރި އާއި ޖޯޝުގައި ހުންނެވި ޝިދާތާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައްޔިތުން ތަހަންމަލު ކުރަމުން ދަނީ ހިތްދަތި ދުވަސްތަކެއް ކަމަށާއި އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހިތްތަކުގައި ނާމާންކަމާއި ބިރުވެރިކަން އޮންނަ ދުވަހެއް ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މިނިވަންކަން "ފޭރިގެންފައިވާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިވަން ކަމުގެ ކުނޑި ފުކެއް ވެސް ބީވެގެން ދާތަން ބަލަހައްޓައިގެން ތިބެގެން ނުވާނެ،" ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ފެށުމާއެކު، ޕާޓީތަކުގެ ލީޑަރުން ތިއްބަވަން ޖެހުނީ ބަންދުގަ އެވެ. ބައެއް ބޭފުޅުން ޖަލުގައި ތިއްބެވިއިރު، އަނެއް ބައި ބޭފުޅުން ރާއްޖެ ނާދެވޭ ހާލަތުގައި ތިއްބެވި ކަން ޝިދާތާ ފާހަގަ ކުރެއްވި އެވެ. އަދި ލީޑަރުން މިނިވަން ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެހެންވެ، ރައްޔިތުންނަށްޓަކައި އެ ލީޑަރުން ގުރުބާން ވަނީ ރައްޔިތުންގެ ހައްގުތައް އަލުން ހޯދައި ދިނުމަށް ކަމަށް ޝިދާތާ އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުންގެ ރެ އާއި ދުވާލުގެ ހުރިހާ ވަގުތެއް ގުރުބާން އެ ކުރައްވަނީ މި ގައުމުގެ މުސްތަގުބަލަށްޓަކައި. ގައުމު ސަލާމަތް ކުރުމަށް. ރައްޔިތުން ބަލަހައްޓައިގެން ތިބެންވީ މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުން ތަނބަކަކަށް ލައިގެން ގެނެސް ދެންދަކަށެއް ނޫން،" ޝިދާތާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ގުރުބާން ވާއިރުގައި އެއް ސަފެއްގައި އެއްގޮތަކަށް އެބޭފުޅުންގެ ފަހަތްޕުޅުގަ އާއި ކުރިމަތީގައި ގުރުބާން ވުމުގައި ބައިވެރިވުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އަޒުމަކަށް ވާންވީ."