Roadha Mihaaru
ގާސިމް ވާހަކަ ދެއްކީ ފިކުރަށް ތާއީދު ހޯދަން: ވަކީލުން

ގާސިމް ވާހަކަ ދެއްކެވީ ސިޔާސީ ފިކުރަށް ތާއީދު ހޯދަން، އެއީ ކުށެއް ނޫން: ވަކީލުން

27 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދެއްކެވީ ސިޔާސީ ފިކުރަށް ތާއީދު ހޯއްދަވަން ކަމަށާއި އެއީ ކުށެއް ނޫން ކަމަށް ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދެއްކެވީ ސިޔާސީ ފިކުރަށް ތާއީދު ހޯއްދަވަން ކަމަށާއި އެއީ ކުށެއް ނޫން ކަމަށް ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމަށް ދައުވާކުރަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެން އެ މައްސަލާގައި ތިން ދައުވާއެއް ގާސިމްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ގާސިމްގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ ސިޔާސީ ފިކުރުތަކަށް ތާއީދު ހޯދަން އެކި ވައުދުތައް ވުމަކީ ރާއްޖޭގައި އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށާއި "ބެޔަސް ނުބެޔަސް" އާއި "ހުސްނުވާ އާސަންދަ" ފަދަ ވާހަކަތަކަކީ ވެސް އޭގެ މިސާލެއް ކަމަށެވެ. އެއީ ކުށެއް ނޫން ކަމަށާއި އެކަން ކުށެއް ކަމަށް ބަލާ ނަމަ ރާއްޖޭގައި އެއްވެސް ސިޔާސީ ފިކުރަކަށް ތާއީދު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން އޭނާ ވިދާޅުވި އެވެ.

ގާސިމް ދެއްކެވި ވާހަކަތަކަކީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ދެއްކި ވާހަކައެއް ކަމަށާއި ފިކުރަށް ތާއީދު ހޯދުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގާނޫނު އަސާސީން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ހިސާން ވިދާޅުވި އެވެ. މަޖިލީހުގެ މެމްބަރުން ވަކި ގޮތަކަށް ވޯޓު ލުން މަޖުބޫރު ނުވާއިރު ވަކި ގޮތަކަށް ވޯޓު ދޭން މެމްބަރުންގެ ކިބައިން އެދުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލެނީ ކިހިނެއް ކަމާ މެދު ހިސާން ސުވާލު އުފެއްދެވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންނަށް އަލުން އިންތިޚާބުގައި ވާދަކުރަން ޓިކެޓް ދޭ ވާހަކަ ކަމަށާއި ޓިކެޓް ދިނުމަކީ ކުށެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. މެމްބަރުންނަށް ރިޝްވަތު ދޭން ގާސިމް އުޅުއްވި ކަމަށް ދައުވާގައި ބުނާއިރު ގާސިމް ރިޝްވަތު ހުށަހެޅީ ކާކަށް ކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ގާސިމް ދެއްކެވި ވާހަކަތަކަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ދެއްކެވި ވާހަކަތަކެކެވެ. އެހެންވެ، އެކަމާ ގުޅިގެން ދައުވާކުރާ ނަމަ ކުރަންޖެހޭނީ އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަމަށާއި ސަބަބަކީ ޚިޔާލުފާޅު ކުރުން ހަނިކުރާ ގާނޫނަކީ އެއީ ކަމަށްވާތީ ކަމަށް ހިސާން ވިދާޅުވި އެވެ.

ގާސިމް ކޯޓުން ނެރެނީ:-މިހާރު ފޮޓޯ/ނިޝާން އަލީ

ގާސިމް ކޯޓުން ނެރެނީ:-މިހާރު ފޮޓޯ/ނިޝާން އަލީ

ގާސިމްގެ ވަކީލުން ޓީމުން ވަނީ ގާސިމް ޖަލްސާގައި ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެނަލިސިސް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ވަކީލުން ބުނިގޮޮތުގައި އެ ރިޕޯޓް ހެދީ ގާސިމް ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައި ވަނިކޮށް ކޯޓު އަމުރެއް ދައްކައި، އެއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށެވެ. ކޯޓު އަމުރެއް އޮތަސް އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނަކުން ކަމަށާއި އެފަދަ ގާނޫނެއް ނެތް ކަމަށް ވަކީލުން ބުންޏެވެ.

އެ ރިޕޯޓް ހެދީ ކޯޓުގެ އަމުރެއްގެ ދަށުން ކަމަށްވާތީ އޭގެ ސައްހަކަމާ މެދު އިތުރަށް ވާހަކަ ނުދައްކަވަން ފަނޑިޔާރުން އެންގެވި އެވެ. ކޯޓު އަމުރެއްގެ ދަށުން ކުރިކަމަކާ ގުޅޭގޮތުން އެ ކޯޓުގައި އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށާއި އެ އަމުރާ މެދު ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފް ކޯޓެއްގައި އެ ވާހަކަ ދައްކަން ފަނޑިޔާރުން އެންގެވި އެވެ.

ގާސިމްގެ ވަކީލުން ފާހަގަކުރި ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމަކަށް ދައުލަތަށް ވަނީ ފުރުސަތު ދީފަ އެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗުން ގާސިމްގެ ވަކީލުންނަށް އެންގެވީ މެމްބަރުންނަށް ޓިކެޓް ދިނުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުމުގެ ކޮޕީއެއް ހުށަހަޅަން އަންގަވައިފަ އެވެ. ގާސިމް ދެއްކެވި ފަދަ ވާހަކަތައް އެހެން ސިޔާސީ ފަރާތްތަކުން ވެސް ދައްކާފައިވާ ކަމަށް ވަކީލުން ބުނާތީ އެކަމުގެ ހެއްކާއި އެހެން ގައުމުތަކުގައި އެފަދަ ވާހަކަތަކަކީ ހުއްދަ ވާހަކަތަކެއް ކަމަށް އޮންނަ ނަމަ އެކަމުގެ ހެކި ވެސް ހުށަހަޅަން ފަނޑިޔާރުން އެންގެވި އެވެ.

އިސްގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފް ބައްލަވާ އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާނެ ކަން އިއުލާން ކުރެއްވި އެވެ.