Roadha Mihaaru
ރިޔާޒްގެ ފޯނު ނިވާލީ އޭނާ އަމިއްލައަށް: ހެއްކެއް

ރިޔާޒްގެ ފޯނު ހިފަހައްޓާފައި ވަނިކޮށް ފޯނު ނިވާލީ ރިޔާޒް ކަން އެނގިފައިވޭ: ހެއްކެއް

27 އެޕްރީލް 2017

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ތަހުގީގެއްގައި ހިފަހައްޓާފައި ވަނިކޮށް އެ ފޯނު ނިއްވާލީ ރިޔާޒް އަމިއްލަ އަށް ކަން އެނގިފައިވާ ކަމަށް ފުލުހަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ތަހުގީގެއްގައި ހިފަހައްޓާފައި ވަނިކޮށް އެ ފޯނު ނިއްވާލީ ރިޔާޒް އަމިއްލަ އަށް ކަން އެނގިފައިވާ ކަމަށް ފުލުހަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ރިޔާޒަށް ދައުވާކުރަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަދޭން ފުލުހުން އެދުމުން އެކަން ނުކުރި ކަމަށް ބުނެއެވެ. ރޭ ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިން ބައެއް ފުލުހުންގެ ހެކިބަސް ކޮންމެވެސް ވަރަކަށް ފުށުއަރައި، އެ ފޯނު ލިބުނުއިރު ފޯނު ނިވާލާފައި އޮތް ކަމަށް ބައެއް ފުލުހުން ބުނިއިރު އަނެއް ބައި ފުލުހުން ބުނެފައިވަނީ ފޯނު ލިބުނުއިރު އޮތީ ނުނިއްވާ ކަމަށެވެ.

ފޯނު ނިވާލީ ރިޔާޒް އަމިއްލައަށް ކަމަށް އެނގިފައިވާ ކަމަށް ފުލުހަކު ބުނި

ކޯޓުގެ އިސް ނެގުމުގައި ހާޒިރުކުރި އެއް ފުލުހަކު ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮއްވާ "ފްލައިޓް މޯޑަށް" އެ ފޯނު ލުމަށް ރިޔާޒްގެ އަތަށް ފޯނު ދިނުމުން އެ ފޯނު ރިޔާޒް އަމިއްލަ އަށް ނިވާލެއްވީ ކަން ތަހުގީގު ޓީމުގެ އެހެން ފުލުހެއްގެ ފަރާތުން އެނގުނެވެ. އެކަމަކު ފޯނު ނިވާލި މަންޒަރު އޭނާ އަށް ނުފެންނަ ކަމަށާއި އޭނާއަކީ ހަމައެކަނި ރިޔާޒްގެ ބަޔާނެއް ނެގުމުގައި ބައިވެރިވި މީހެއް ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެ ފުލުސް މީހާއަކީ ފޯނު ހުޅުވަން ރިޔާޒަށް އެންގުމުން އެކަން އޭނާ ނުކުރެއްވި ކަމަށް ބުނެ ފުލުހުންނަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ރިޔާޒްގެ ބަޔާން ނެގި މީހާ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތަށް ދީ އުޅެންތޯ ރިޔާޒްގެ ވަކީލުން ސުވާލު ކުރުމުން، އޭނާ ބުނީ ބައެއް ހާލަތްތަކުގައި ފޯނު ފަދަ ތަކެތި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތަށް ދޭ ކަމަށެވެ. އެކަމަކު އެކަން ކުރަނީ ފުލުހުންގެ ކުރިމަތީގައި ފޯނު ހުޅުވުން ފަދަ ކަންކަން ކުރަން ކަމަށް އޭނާ ބުންޏެވެ.

"ރިޔާޒްގެ ފޯނުގެ ކޯޑު އިނގޭނީ ހަމައެކަނި އަހަންނަށް"

ރިޔާޒްގެ ފޯނުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އަޕްޑޭޓްކުރާ މީހާ ދިފާއީ ހެއްކެއްގެ ގޮތުގައި ރިޔާޒްގެ ފަރާތުން ހުށަހެޅުމުން އޭނާ ހެކިބަސް ކޯޓުން މިއަދު ވަނީ ނަގައިފަ އެވެ. ރިޔާޒަށް ބޮޑުބޭބެ ކިޔާ އަމީރު ޝާހު ބުނިގޮތުގައި ރިޔާޒްގެ ފޯނުގެ ލޮކް ކޯޑަކީ އޭނާ ގެންގުޅޭ ކޯޑްތަކެކެވެ. ސަބަބަކީ އެ ފޯނަކީ ނިއްވާލާނެ ފޯނެއް ނޫން ކަމަށް ރިޔާޒް ވިދާޅުވެފައިވާތީ ކަމަށާއި ފޯނު ނިއްވާ ނުލައި އޮންނައިރު ފޯނު ހުޅުވަން ރިޔާޒް ބޭނުން ކުރާނީ ފިންގަޕްރިންޓް ކަމަށް ޝާހު ބުންޏެވެ.

ރިޔާޒްގެ ފޯނު ފުލުހުން އަތުލިއިރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން ރާއްޖެ އައުމަށް ރިޔާޒް އެންގެވުމުން އޭނާ ރާއްޖެ އައީ ކަމަށް ޝާހު ބުންޏެވެ. އޭނާ ރާއްޖެ އައުމުން، ފޯނުގެ ލޮކް ކޯޑް ބޭނުން ކޮށްގެން ފޯނު ނުހުޅުވުނު ކަމަށް ރިޔާޒް ވިދާޅުވި ކަމަށާއި އެހެންވެ، އިތުރު ފަސް ކޯޑެއް އޭނާ ރިޔާޒަށް ދިން ކަމަށް ޝާހު ބުންޏެވެ.

ރިޔާޒްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރޭގައި ހިމެނޭ، އެ މައްސަލައިގެ ތަހުގީގު ޓީމުގެ ފުލުހަކު ހެކިބަސް ދޭން ހާޒިރު ކުރުމުން އޭނާ ވަނީ ހެކިބަސް ދޭން ދެކޮޅު ހަދައިފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ރިޔާޒަށް ތުހުމަތު ކުރެވުނު އަސްލު މައްސަލަ ބެލުމުގެ އިސް މީހާއަކީ އޭނާ ކަމަށްވެފައި، މިހާރު ކޯޓުގައި ހިނގާ މައްސަލައަކީ އޭނާ އަށް އެއްބާރުލުން ދީ، ފޯނު ހުޅުވައި ނުދިނުމުން ކުރާ ދައުވާއެއް ކަމަށްވާތީ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

ހެކިބަސް ދޭން އެ ފުލުސް މީހާ އިންކާރު ކުރުމުން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އޭނާގެ ނުރުހުމުގައި ހެކިބަސް ނެގުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހެކިބަސް ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށްވިޔަސް ބައެއް ހާލަތްތަކުގައި ހެކިބަސް ނުދިނުމަކީ ހެކިވެރިޔާ އަށް ކުރެވިދާނެ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ފޯނު ހުޅުވައި ނުދިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި އެހެން ފުލުހަކު ހެކިބަސް ދެމުން ބުނީ އެ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން ރިޔާޒަށް ލިބިގެންވާ ހައްގުތައް އޭނާ އަށް ބަޔާންކޮށް ދިން ކަމަށެވެ. އެ ފުލުސް މީހާއަކީ ވެސް ކޯޓުގެ އިސް ނެގުމުގައި ހާޒިރުކުރި ފަރާތެކެވެ.

މިރޭގެ އަޑުއެހުން ކުރިއަށް ގެންދަނިކޮށް، ތަހުގީގުގެ މުހިންމު ލިޔުމެއް ރިޔާޒްގެ ވަކީލުންނަށް ނުލިބި އޮތް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ރިޔާޒްގެ ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް (ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނަގުލުވަމުން ދިޔަ ގޮތް ބަޔާންކުރާ ރިޕޯޓް) އާއި ރިޔާޒްގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓް ރިޔާޒްގެ ވަކީލުންނަށް އޮތީ ނުލިބި އެވެ. އެކަން މިރޭ ހާމަވުމާ އެކު ވަކީލުން އެ މައްސަލަ ނަގައި، ކަންބޮޑުވުން ފާޅުކުރި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ލިޔުންތައް ދޫކުރުމުގައި ކޯޓުން އަދާކުރަނީ މެދުވެރިއެއްގެ ރޯލެއް ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ލިޔުންތައް ކޯޓުން ދޫކުރާނެ ކަމަށެވެ. އެކަމުގައި ކޯޓުން ޒިންމާ އުފުލަންޖެހޭނެ ކަމެއް ނެތް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ހެކި ހުށަހެޅި އަޑުއެހުމުގައި، އެ ދެ ލިޔުން ހުށަހެޅި ވާހަކަ ދައުލަތުން ބުނި ކަމަށާއި އެކަން ދިފާއީ ވަކީލުންނަށް ފާހަގަ ނުވިޔަސް އެކަން ރެކޯޑްތަކުން އެނގޭ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އެހެންވީއިރު އެ ލިޔުން ނެތް ވާހަކަ ކުރިން ދިފާއީ ވަކީލުން ފާހަގަ ނުކުރައްވާ އޮތުމުން އެކަމާ މެދު ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. ރިޔާޒްގެ ވަކީލުން ބުނީ އެ ލިޔުމުގެ ވާހަކަ އޭރު ފާހަގަވެފައި ކަމަށެވެ.

ދައުލަތުން ބުނީ އެކަން ދިމާވީ ނަމްބަރު ތަރުތީބު ކުރުމުގައި ދިމާވި އޮޅުމަކުން ކަމަށެވެ.

ގާޒީ އަހުމަދު ޝަކީލާއި ގާޒީ އާދަމް އާރިފާއި ގާޒީ އަލީ އާދަމް ބައްލަވާ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ވެސް ބާއްވާނެ އެވެ.