Roadha Mihaaru
"ރިޔާޒްގެ ފޯނު ހުޅުވަން ފުލުހުން ކޯޑު ޖެހި"

ރިޔާޒްގެ ފޯނު ހުޅުވަން ފުލުހުން އަމިއްލަ އަށް ކޯޑް ޖެހި ކަމަށް ވަކީލުން ތުހުމަތުކޮށްފި

16 މެއި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އެ ފޯނު ހުޅުވަން ފުލުހުން އަމިއްލަ އަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޔާޒްގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އެ ފޯނު ހުޅުވަން ފުލުހުން އަމިއްލަ އަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޔާޒްގެ ވަކީލުން ތުހުމަތުކޮށްފި އެވެ.

ރިޔާޒްގެ ވަކީލުން އެގޮތަށް ތުހުމަތު ކުރީ ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން ފުލުހުން އެންގުމުން އެކަން އޭނާ ނުކުރި ކަމަށް ބުނެ އޭނާ އަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅަމުންނެވެ. މިއީ އެ މައްސަލަ ރިޔާޒްގެ ފަރާތުން ޝަރީއަތުގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން، ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވި ގޮތުގައި އެ ފޯނު ހުޅުވަން ފުލުހުން ކޯޑް ޖެހިކަން އެނގުނީ ޝަރީއަތް ފެށުނު ފަހުން އެ ފޯނު ހުޅުވުމުގެ ފުރުސަތު ކޯޓުން ރިޔާޒަށް ދިނުމުން ކޯޓުގައި ފުލުހުންނަށް އެ ފޯނު ހުޅުވައިދެއްވަން ރިޔާޒް މަސައްކަތް ކުރެއްވުމުންނެވެ. އެ ވަގުތު އެއް ފަހަރު ނުބައިކޮށް ރިޔާޒަށް ލޮކް ކޯޑް ޖެއްސެވުމުން އެ ފޯނު 10 މިނެޓަށް ޑިސްއޭބަލްވި ކަމަށާއި އެހެން އެކަން ދިމާވީ ކުރިން ބަޔަކު ފޯނު ހުޅުވަން އުޅެފައިވާތީ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ރިޔާޒްގެ އަތުން އަތުލީ އައިފޯނެއް ކަމަށް ވާއިރު އައިފޯން ޑިސްއޭބަލް ވާނީ ނުބައިކޮށް ފަސް ފަހަރު ކޯޑް ޖެހުމުން ކަމަށާއި ފުރަތަމަ ފަސް ފަހަރު ނުބައިކޮށް ޖަހައިފި ނަމަ ފޯނު ޑިސްއޭބަލް ވާނީ އެންމެ މިނެޓަކަށް ކަމަށް ޒާހިރު ވިދާޅުވި އެވެ. ހެކިންގެ ބަހަށް ބަލާއިރު، ތަހުގީގުގައި އެ ފޯނު ހުޅުވޭތޯ ބެލުމަށް ރިޔާޒް އަމިއްލަ އަށް ކޯޑް ޖެއްސެވީ އެންމެ ތިން ފަހަރަކު ކަން އެނގޭ ކަމަށާއި އެހެންވެ ފުލުހުން އަމިއްލަ އަށް އެ ފޯނު ހުޅުވަން އެތައް ފަހަރަކު ކޯޑް ޖަހާފައިވާ ކަން އެނގޭ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ފޯނު ހުޅުވަން ފުލުހުން އުޅުނު ކަމަށް ރިޔާޒް ވަކީލުން ތުހުމަތު ކުރެއްވި އިރު އެ ފޯނުގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި ކޯޑް ޖަހައިގެން އެ ފޯނު ހުޅުވަން އެއްވެސް މަސައްކަތެއް އޭނާ ކޮށްފައެއް ނުވާނެ އެވެ. އޭނާ މަސައްކަތްކުރީ ފޯނުތަކުގެ މައުލޫމާތު ބެލުމަށް ފުލުހުން ގެންގުޅޭ ޚާއްސަ ސޮފްޓްވެއާ ބޭނުން ކޮށްގެން އެ ފޯނުގައި ހުރި މައުލޫމާތު ބަލަން ކަމަށާއި އެކަމަކު ފޯނުގެ ސެކިއުރިޓީ ވަރުގަދަ ކަމުން އެކަން ވެސް ނުވި ކަމަށް އެ ފުލުސް މީހާ ބުނެފައިވެ އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ރިޔާޒް މިހާރު އެ ފޯނު ހުޅުވައިދެއްވާފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތެވެ. އަދި ގާނޫނުލް އުގޫބާތު އޮތްގޮތުން ވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގުގައި އެ ފޯނު ހުޅުވަން ރިޔާޒް އިންކާރުކުރެއްވީ ކޯޓު އަމުރު އޮތްގޮތުން އެ ފޯނު ހުޅުވަން ރިޔާޒަށް ލާޒިމް ނުވާތީ އާއި ފޯނު ހުޅުވަން ރިޔާޒަށް ލާޒިމް ކުރަން އިތުރު އަމުރެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނުމުން ކަމަށެވެ. އެ އަމުރުގެ ދަށުން ފޯނު ހުޅުވަން ރިޔާޒަށް ލާޒިމް ނުވާ ކަމަށް ވިދާޅުވެ، އަލީ ޒާހިރު ވިދާޅުވީ އެ އަމުރުގެ ދަށުން ފޯނު ހުޅުވަން ފުލުހުން އަންގަނީ ވަކި ގޮތަކަށް އެ އަމުރު މާނަ ކޮށްގެން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ފޯނު ހުޅުވަން އެންގުމުން ހަނު ހުރުމުގެ ހައްގު ބޭނުން ކުރައްވަން ރިޔާޒް އުޅުއްވި ކަމަށާއި އެކަމަކު ކޯޓު އަމުރެއް އޮތުމުން އެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ބުނި ކަމަށެވެ. އެ ހައްގު ރިޔާޒަށް އޮތް ކަން އެންގީ ޖެހިގެން އައި ދުވަހު ފުލުހަށް ހާޒިރު ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މައްސަލަ ތަހުގީގުކުރީ ހައްގުތައް ކަށަވަރުކޮށް ދިނުމެއް ނެތި ކަމަށް ބެލެވޭނެ ކަމަށާއި އެފަދަ ތަހުގީގެއްގެ މައްޗަށް ހޯދާ ހެއްކެއް ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ދައުލަތުން ބުނީ ކޯޓު އަމުރެއް އޮއްވާ ފޯނު ހުޅުވައި ނުދިނުމަކީ ފުލުހުންނަށް ހުރަސް އެޅުން ކަމަށް ބެލެވޭނެ ކަމަށާއި އެކަމުގައި ރިޔާޒްގެ ޖިނާއީ ގަސްދެއް އެބައޮތް ކަމަށެވެ. ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރިޔާޒްގެ ވަކީލުން ވިދާޅުވާތީ އެކަމަށް ރައްދުދީ ދައުލަތުން ބުނީ އެ ހައްގު ބޭނުން ކުރުމުގެ ފުރުސަތު ރިޔާޒަށް ދިނުމުން އެ ހައްގު ދޫކޮށްލެއްވީ ކަމަށެވެ.

ފޯނު ހުޅުވައިނުދިނީ ކޯޓު އަމުރުގައި އެގޮތަށް އަންގާފައި ނެތުމުން ކަމަށް ރިޔާޒްގެ ފަރާތުން ބުނާ ބުނުމަށް ރައްދުދީ ދައުލަތުން ބުނީ ކޯޓު އަމުރު އޮތަސް ފޯނު ހުޅުވަން ނުޖެހޭނެ ކަމަށާއި އެއީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރިޔާޒްގެ ފަރާތުން ބުނެފައިވާތީ ފޯނު ހުޅުވައި ނުދިނުމުގެ ގަސްދެއް ރިޔާޒްގެ އެބައޮތް ކަމަށެވެ. އަދި ލޮކް ކޯޑް ހަނދާން ނެތުނީ ކަމަށް ފަހުން ބުންޏަސް އެ ކޯޑަކީ އާންމުކޮށް ބޭނުންކުރާނެ ކޯޑަކަށް ވާތީ އެ ކޯޑް ހަނދާން ނެތުނީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން މިއަދު ނިންމާލިއިރު ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމާ ހިސާބުގައި މައްސަލަ އޮއްވާ އެ ދައުވާ އަނބުރާ ގެންދަން ރިޔާޒް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފަ އެވެ. އެކަމުގައި ޕީޖީން އަދި ގޮތެއް ނުނިންމަ އެވެ.

ރިޔާޒަށް އިތުރު ދެ މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާ ކަން ފުލުހުން އަންގާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.