Roadha Mihaaru
ރިޔާޒްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

ރިޔާޒްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް ކުރުން

16 މެއި 2017

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، އެ ފޯނު ހުޅުވަން ފުލުހުން އެންގުމުން އެކަން އޭނާ ނުކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުރާ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ހުކުމް ކުރާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް ތިން ފަނޑިޔާރުންގެ އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވި އެވެ.

ހުކުމާ ހިސާބަށް އެ މައްސަލަ ގޮސްފައި ވަނިކޮށް ރިޔާޒް މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުގައި އެދިވަޑައިގެންފަ އެވެ. އެހެންވެ، އިތުރު ފުރުސަތު ދިނުމާ މެދު ޕީޖީން ގޮތެއް ނިންމަންދެން ހުކުމް ކުރުން މަޑުޖައްސާލަން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތެވެ.

އިތުރު ފުރުސަތަށް އެދި ފޯމް ހުށަހެޅި ކަމަށް ބުނެ އެ ފޯމްގެ ކޮޕީއެއް ރިޔާޒްގެ ވަކީލުން ޝަރީއަތަށް ހުށަހެޅުއްވިޔަސް ދައުލަތުގެ ވަކީލް ވިދާޅުވީ އެ ފޯމް ރިޔާޒް ހުށަހެޅުއްވި ކަމުގެ މައުލޫމާތު ޕީޖީ އޮފީހުގެ ފަރާތުން އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މައްސަލަ ގެންގުޅުއްވާ ވަކީލާ ހަމައަށް އެ ފޯމް އައުމުގެ ކުރިން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނާތީ އެ ފޯމް އޭނާއާ ހަމައަށް އަދި ނާންނަނީ ކަމަށް ވެދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ފަނޑިޔާރުން ކުރެއްވި ސުވާލެއްގެ ޖަވާބުގައި ދައުލަތުން ބުނީ ހުކުމާ ހިސާބުގައި އޮންނަ މައްސަލަތަކުގައި އިތުރު ފުރުސަތަށް އެދިއްޖެ ނަމަ ގޮތެއް ނިމެންދެން ހުކުމް ކުރުން މަޑުޖައްސާލަން ދައުލަތުން ކޯޓުގައި އެދޭނެ ކަމަށާއި ހުކުމް ކުރުން މަޑުޖައްސާލަން ކޯޓުން ދެކޮޅު ހަދައިފި ނަމަ އެ މައްސަލައެއް ވަގުތީ ގޮތުން އަނބުރާ ގެންދާނެ ކަމަށެވެ.

އެކަމަކު އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ކަމަށާއި އަދި ޝަރުތު ހަމަވިިޔަސް އެ ފުރުސަތު ދޭނީ ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން ކަމަށް ދައުލަތުން ބުންޏެވެ. އިތުރު ފުރުސަތާ މެދު ގޮތެއް ނިންމާ ކޮމެޓީގެ ބައްދަލުވުން ކޮންމެ ހަފުތާއަކު އާންމުކޮށް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެހެން ބުނުމުން ފަނޑިޔާރުން އެންގެވީ ރިޔާޒް އިތުރު ފުރުސަތަށް އެދިވަޑައިގަތް ކަން ކަށަވަރު ކުރުމަށް ފަހު އެކަން ދެ ދުވަސް ތެރޭގައި ކޯޓަށް އެންގުމަށެވެ.

ރިޔާޒް އިތުރު ފުރުސަތަށް އެދިވަޑައިގަތްއިރު އެ މައްސަލާގެ ޝަރީއަތް ފެށުމުގެ ކުރިން، އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ ލުއި އަދަބެއް ރިޔާޒަށް ލިބޭނެ ކަން އެންގުމުން ރިޔާޒް އޭރު ވަނީ ކުށަށް އިއުތިރާފްވާން ދެކޮޅު ހައްދަވައިފަ އެވެ.

ރިޔާޒަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުގެ ދަށުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އެކަމަކު ވަކި ހާލަތްތަކެއްގައި އެ ދަރަޖަ މަތި ނުވަތަ ދަށްވެ، އެއަށް ވުރެ ބޮޑު އަދަބެއް ނުވަތަ ލުއި އަދަބެއް ވެސް އަތުވެދާނެ އެވެ.