Roadha Mihaaru
"ކޯޑް ނުޖަހާތީ ރިޔާޒްގެ ފޯނުން މައުލޫމާތެއް ނުބެލުނު"

ކޯޑް ނުޖަހާ އޮތުމުން ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ހެއްކެއް

03 މެއި 2017

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ތަހުގީގަށް ހިފެހެއްޓިޔަސް އެ ފޯނުން އެއްވެސް މައުލޫމާތެއް ކުރިން ލިބިިފައިނުވާ ކަމަށް އެ ފޯނު ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ތަހުގީގަށް ހިފެހެއްޓިޔަސް އެ ފޯނުން އެއްވެސް މައުލޫމާތެއް ކުރިން ލިބިިފައިނުވާ ކަމަށް އެ ފޯނު ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ މާޗް މަހު ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާގެ އަޑުއެހުމުގައި މިއަދު ހެކިބަސް ދެމުން އެ ފުލުސް މީހާ ބުނީ ބައެއް ފޯނުތަކުގެ ކޯޑް ޖެހުމެއް ނެތި އެ ފޯނުތަކުގެ މައުލޫމާތު ބެލޭނެ ގާބިލްކަން ފުލުހުންގެ އެބަހުރި ކަމަށާއި އެކަމަކު ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ބެލެން އޮތީ ކޯޑް ޖަހައިގެން ކަމަށެވެ. ލޮކް ކޯޑް އޭރު ލިބިފައި ނެތުމުން އެ ފޯނުގައި ހުރި އެއްވެސް މައުލޫމާތެއް ނުބެލުނު ކަމަށާއި ކޯޑް ނުލިބުނަސް އެކި ކޯޑްތައް ޖަހައިގެން އެ ފޯނު ހުޅުވަން މަސައްކަތްކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޝަރީއަތް ހިނގަމުން ދަނިކޮށް ރިޔާޒް ވަނީ ފޯނުގެ ލޮކް ކޯޑް ފުލުހުންނަށް ދީފަ އެވެ. އެހެންވެ، އެ ފޯނު މިހާރު ހުޅުވުނުތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ފަނޑިޔާރުން ވަނީ އެ ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސުވާލު ކުރުން ހުއްޓުވައިފަ އެވެ. ފަނޑިޔާރުން ވިދާޅުވީ އެއީ މައްސަލައާ ގުޅުން ނެތް ސުވާލެއް ކަމަށެވެ.

އެ ފުލުސް މީހާ ބުނިގޮތުގައި ރިޔާޒްގެ ފޯނުގައި ހުރީ އެންމެ ފަހުގެ އަޕްޑޭޓް ކަމަށެވެ. އެގޮތަށް ހިފަހައްޓާ ފޯނުތައް ފުލުހުން ބަލަނީ އެކަމަށް ޚާއްސަ ސޮފްޓްވެއާއަކުން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ސޮފްޓްވެއާއެއް ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެ ސޮފްޓްވެއާ ބޭނުން ކޮށްގެން ފޯނު ހުޅުވައިގެން ބަލާއިރު ފޯނުގެ އެއްވެސް މައުލޫމާތެއް ގެއްލި ނުވަތަ ބަދަލުވުން ފަދަ ކަމެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ފޯނު ހުޅުވަން ކޯޓު އަމުރުގައި ރިޔާޒަށް އަންގާފައިި ނެތް ކަމަށް އޭނާ ތަހުގީގުގައި ވިދާޅުވެ، ފޯނު ހުޅުވަން ދެކޮޅު ހެއްދެވުމުން އިތުރު ކޯޓު އަމުރެއް ހޯދަން ފުލުހުން އުޅުނު ކަމަށް ރިޔާޒްގެ ފަރާތުން ބުނެ، އެކަން ސާބިތުކުރަން ހެކި ހުށަހަޅާފައި އޮތުމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެފަދަ އަމުރަކަށް ފުލުހުން އެދުނުކަން ކޯޓުން ސާފުކުރާނެ ކަމަށެވެ. އެ މައުލޫމާތުތައް ސާފު ކުރުމަށް ފަހު އެކަން ދެ ފަރާތަށް ވެސް އަންގާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.