Roadha Mihaaru
ފުންނާބު މަސާޖުކޮށްލުމުން ޒުވާނަކު މަރުވި ހާދިސާއެއް

ފުންނާބު މަސާޖުކޮށްލުމުން ޒުވާނަކު މަރުވި ހާދިސާއެއް

04 މެއި 2017

މަސާޖުކުރުމަކީ ގައިގެ ތަންތަނުގައި ރިއްސާ ނަމަ ބައެއް މީހުން އާންމުކޮށް ހޯދާ ފަރުވާއެކެވެ. ނަމަވެސް މަސާޖަކީ ކޮންމެ އަނިޔާއަކަށް ރަނގަޅު ކަމެއް ނޫނެވެ. އަދި ކޮންމެ ގޮތަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އިންޑިއާގައި މަންމައަކު އޭނާގެ 23 އަހަރުގެ ދަރިފުޅަށް މަސާޖުކޮށްދިނުމުން ދިމާވި މައްސަލަތަކެއްގައި އެ ޒުވާނާ މަރުވި ހާދިސާއާ އެކު އިންޑިޔާގެ އެއިމްސް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ މިކަމާ ގުޅޭ ގޮތުން އިންޒާރު ދެއްވައިފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މަސާޖުކުރުމަކީ ގައިގެ ތަންތަނުގައި ރިއްސާ ނަމަ ބައެއް މީހުން އާންމުކޮށް ހޯދާ ފަރުވާއެކެވެ. ނަމަވެސް މަސާޖަކީ ކޮންމެ އަނިޔާއަކަށް ރަނގަޅު ކަމެއް ނޫނެވެ. އަދި ކޮންމެ ގޮތަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އިންޑިއާގައި މަންމައަކު އޭނާގެ 23 އަހަރުގެ ދަރިފުޅަށް މަސާޖުކޮށްދިނުމުން ދިމާވި މައްސަލަތަކެއްގައި އެ ޒުވާނާ މަރުވި ހާދިސާއާ އެކު އިންޑިޔާގެ އެއިމްސް ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ މިކަމާ ގުޅޭ ގޮތުން އިންޒާރު ދެއްވައިފަ އެވެ.

ދިއްލީގައި ދިރިއުޅޭ މި ޒުވާން ފިރިހެން މީހާ މިދިޔަ އަހަރު ބެޑްމިންޓަން ކުޅެނިކޮށް ފައިގެ ތަނބިކައްޓަށް އަނިޔާވި އެވެ. އެހެންވެ ޕްލާސްޓާ އަޅައި، ފައި ހަރަކާތް ނުކުރެވޭ ގޮތް ހަދާފައި ބޭއްވި އެވެ. މިކަމުގެ ސަބަބުން، ފައިގެ އެންމެ އަޑީގައި ހުރި ނާރުތަކުގައި ލޭ ގަނޑުވާ ގޮތް ވިއެވެ.

އޭނާ މަރުވުމުން ޕޯސްޓް މޯޓަމް ހެދުމުން ޔަގީންވި ގޮތުގައި ފައިގައި ގަނޑުވެފައިވާ ލޭކޮޅެއް އެ ހިސާބުން ނެއްޓިގެން ލޭގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޕަލްމޮނަރީ އާޓްރީ އާ ހަމައަށް ދިޔައީ އެވެ. މިއީ ފުއްޕާމެއަށް ލޭ ފޮނުވައިދޭ ލޭ ހޮޅި އެވެ. މަރުވާން މެދުވެރިވީ ގަނޑު ލޭކޮޅު ފުއްޕާމެއަށް ދިއުމުންނެވެ.

ޑީޕް ވެއިން ތުރޮމްބޯސިސް ނުވަތަ އެންމެ ފުނުގައި ހުންނަ ނާރުތަކުގައި ލޭކޮޅެއް ގަނޑުވުމަކީ ފައިގެ ކުޑަހުޅުން ބިންދައިގެން ދިއުމުން ބައެއް ފަހަރު ދިމާވާ މައްސަލަ އެކެވެ. ނަމަވެސް މި ޒުވާނާ އަށް ދިމާވި ފަދަ ގޮތެއް ދިމާވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރު ޗިޓަރަންޖަން ބެހެރާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ 23 އަހަރުގެ މި ޒުވާނާ އެއިމްސްގެ އިމަޖެންސީ އަށް، މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ގެންދިޔައިރު އޮތީ ހޭ ނެތިފައި ކަމަށެވެ. އެ ހޮސްޕިޓަލުގައި އެންމެ ޒަމާނީ މެޝިންތައް ހުރެފައި މޮޅެތި ޑޮކްޓަރުން ތިބި ނަމަވެސް އެމީހުން ކުރި މަސައްކަތުން ޒުވާނާ ސަލާމަތް ކުރެވޭގޮތް ނުވެ މަރުވީ އެވެ.

އެކަން ދިމާވި ގޮތް ހޯދިއިރު އެ ޒުވާނާ ފައިގެ ފުންނާބުގައި ރިއްސާތީ އޭނާގެ މަންމަ ބައި ގަޑިއެއްހާއިރު ވަންދެން، ފައިގައި ތެޔޮ ލައިގެން މަސާޖުކޮށްދިނެވެ. ފައިގައި ގަނޑުވެފައިވާ ލޭކޮޅެއް މަސާޖުކުރުމުން ނެއްޓި ލޭގެ ތެރޭގައި ދަތުރުކުރަމުން ގޮސް ފުއްޕާމެއަށް ވާސިލުވީ އެވެ. އެއީ ހަމަ އެ ރޭ ދިމާވި ކަމެކެވެ. މަސާޖުކޮށްދިނުމުން އޭނާއަށް ނޭވާ ލާން ކުއްލިއަކަށް ދަތިވެ ނޭވާ ކުރުވާގޮތްވެ ހޭނެތިގެން ވެއްޓުނީ އެވެ.

މިހެން ދިމާވީ ގަނޑުވެފައިވާ ލޭކޮޅު ނެއްޓިގެން އާޓްރީޒް އަށް ދިއުމުން ކަމަށް ޑރ. ބެހެރާ ވިދާޅުވި އެވެ.

މި ޒުވާނާގެ ކޭސް ރިޕޯޓް އެންމެ ފަހުން ނެރެފައިވާ މެޑިކޯ-ލީގަލް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އާއްމުގޮތެއްގައި މަސާޖު ދެވޭނީ އާއްމު ފިޓްނަސް ރަނގަޅު ކުރުމަށާއި އާދައިގެ އަނިޔާތަކާ ގުޅިގެންނެވެ.

އެއިމްސްގެ ޕްރޮފެސާ އެންޑް ހެޑް އޮފް ފޮރެންސިކް މެޑިސިން ޑރ. ސުދީރް ގުޕްތާ ވިދާޅުވި ގޮތުގައި މި ޒުވާނާގެ މަރަކީ މަސާޖުކުރަން ނުދަންނަ މީހުން އެ ކަން ކުރަން ނުވާނެ ކަން އަންގައިދޭ އިންޒާރެއް ކަމަށެވެ.

"ގަދަ ބާރުލާންޖެހޭ ޓެކްނިކްތައް ބޭނުންކޮށްގެން ގިނައިރުތަކެއް ވަންދެން މަސާޖު ކުރުމުން ޑީޕް ވެއިން ތުރޮމްބޯސިސް ހުންނަ ބަލި މީހުންގެ ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް ގަތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފައިގެ ޑީޕް ވެއިންސްގައި ގަނޑުލޭކޮޅެއް އިނުމަކީ ނުވަތަ ޕަލްމޮނަރީ އާޓެރީ އަކީ ކޮންމެ ލައްކަ އަކުން 70 ވަރަކަށް މީހުންނަށް ދިމާވާ މައްސަލައެއް ކަމަށް އެއިމްސްގެ ޑޮކްޓަރުން ވިދާޅުވެ އެވެ. މިއީ ސްކެލެޓަލް ޓްރައުމާ އާއި ހަރަކާތް ނުކުރެވޭ ހާލަތުގައި ތިބޭ މީހުންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އަދި ޑީޕް ވެއިން ތުރޮމްބޯސިސް އަކީ އުމުރުން ދުވަސްވެފައިވާ މީހުންނާއި ފަލަ ބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ދޭތެރެ ދުރުކުރާ ބޭސް މާ ގިނަ ދުވަސްވަންދެން ބޭނުންކުރާ މީހުންނަށް ވެސް ދިމާވާ މައްސަލަ އެކެވެ.