Roadha Mihaaru
"އޮކްސިޖަން ބަންދުވެ" ހޮސްޕިޓަލަކުން 11 މަރު

"އޮކްސިޖަން ބަންދުވެ" ހޮސްޕިޓަލަކުން 11 މަރު

25 ޖޫން 2017

އިންޑިއާގެ އިންދޯރުގެ އެމްވައި ހޮސްޕިޓަލުގައި އޮކްސިޖަން ގުޅާފައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް އޮކްސިޖަން މެދުކެނޑުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 11 މީހުން މަރުވެއްޖެ ކަމަށް މީޑިއާއިން ބުނެފި އެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ އިންދޯރުގެ އެމްވައި ހޮސްޕިޓަލުގައި އޮކްސިޖަން ގުޅާފައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް އޮކްސިޖަން މެދުކެނޑުމުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 11 މީހުން މަރުވެއްޖެ ކަމަށް މީޑިއާއިން ބުނެފި އެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ.

ގޮތްނޭނގޭ ގޮތަކަށް އޮކްސިޖަން ސަޕްލައި ބަންދުވީ ބުދަ ދުވަހުގެ ރޭ ދަންވަރު 3.00 އާއި 4.00 އާއި ދެމެދު 15 ވަރަކަށް މިނިޓްގެ ވަގުތުކޮޅަކަށެވެ.

މިއީ ބޮޑު މައްސަލައެގެ ގޮތުގައި އާންމުން ފާހަގަކުރި ނަމަވެސް ހޮސްޕިޓަލުން އުޅެނީ ތަނުގެ އަގު ހިފެހެއްޓޭތޯ އެވެ. އެ މީހުން ބުނަނީ އެހާ ބޮޑު ހޮސްޕިޓަލެއްގައި އެއްފަހަރާ އެހާ ގިނަ މީހުން މަރުވުމަކީ އަބަދުވެސް ވާކަމެއް ކަމަށެވެ.

މި އެންމެން އެއް ވަގުތެއްގައި މަރުވީ އޮކްސިޖަން ލިބުން ހުއްޓުމުން ނުވަތަ އެނޫންވެސް ބައެއްގެ އިހުމާލުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ސިޓީގެ ޑިވިޝަނަލް ކޮމިޝަނަރު ސަންޖޭ ޑޫބޭ ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ބޭނުންޖެހިއްޖެ ނަމަ މައްސަލަ ތަހުގީގުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރުވި އެންމެންގެ ރެކޯޑްތަކާއި އޮކްސިޖަން ސަޕްލައި ރެކޯޑްކުރާ ލޮގް ފޮތްކަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޮފިޝަލުން ވިދާޅުވަނީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުގެ ބައެއް އޮފިޝަލުން ވަނީ އޮކްސިޖަން ސަޕްލައިގައި މައްސަލައެއް ދިމާވިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޮކްސިޖަން ޕްލާންޓްތަކުގެ ރެކޯޑްތައް ނެތުމުންނާއި ކަމާ ގުޅޭ މުވައްޒަފުން އެ މައުލޫމާތު ނުދިނުމުގެ ސަބަބުން އަދި ސީނިއާ އޮފިޝަލުން ވާހަކަ ދައްކަން ދެކޮޅު ހެދުމުން މިކަމުގެ ހަގީގަތް އޮޅުންފިލުވަން ނޫސްވެރިންނަށް ދަތިވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިޔާ އިން ބުނެފައިވެ އެވެ.

އެމްވައި ހޮސްޕިޓަލު ވެރިޔަކު ބުނި ގޮތުގައި އެއްވެސް މީހެއްގެ އިހުމާލެއް މިކަމުގައި ނެތެވެ. އަދި އޮކްސިޖަން ލިބުމުގަައި ވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. އޭނާ ބުނި ގޮތުގައި 1400 އެނދުގެ ހޮސްޕިޓަލެއްގައި ކޮންމެ ދުވަހަކު ވެސް 10-20 ވަރަކަށް މީހުން މަރުވެ އެވެ.

އެމްވައި ހޮސްޕިޓަލަކީ އިންޑިއާގެ މެދުތެރޭގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. މީގެ ކުރިން ވެސް ހޮސްޕިޓަލުގައި މިފަދަ ހާދިސާއެއް ހިނގާފައިވުމީ ގިނަ ބަޔެއްގެ ކަންބޮޑުވުންތައް އިތުރުވާން މެދުވެރިވެފައިވާ ސަބަބެކެވެ. މިދިޔަ އަހަރު އެ ހޮސްޕިޓަލުގައި މަރުވި ދެ ކުއްޖެއްގެ މަރާ ގުޅިގެން އެމްވައި ހޮސްޕިޓަލުގެ އޮކްސިޖަން ޑެލިވަރީ ސިސްޓަމާ ބެހޭ ގޮތުން ގިނަ ބަޔެއްގެ ހިތުގައި ޝައްކުތައް ވަނީ އުފެދިފަ އެވެ. މިދިޔަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު ވެސް ކުޑަކުދިންގެ އޮޕަރޭޝަން ތިއޭޓަރުގައި އޮކްސިޖަންގެ ބަދަލުގައި ނައިޓްރިޖަން ދެވިގެން ދެ ކުއްޖަކު މަރުވެފައިވެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ކޮންމެ ދުވަހަކުވެސް 60-70 މީހަކަށް އެ ހޮސްޕިޓަލުގައި އޮކްސިޖަން ގުޅަ އެވެ. މި އޮކްސިޖަން ފޯރުކޮށްދޭން ހުރިހާ ވޯޑަކަށް ހޮޅިތައް އަޅާފައިވެ އެވެ. ހޮސްޕިޓަލުން ބުނަނީ އޮކްސިޖަން ސަޕްލައި ބަންދުވި ނަމަ އޮކްސިޖަން ގުޅާފައި ތިބި އެހެން އެންމެން ވެސް މަރުވާނެ ކަމަށެވެ.