Roadha Mihaaru
އިންޑިއާ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ނެތް

މަރުވެފައި އޮއްވައި ފެނުނު އިންޑިއާގެ ޓޫރިސްޓުގެ ހަށިގަނޑު ބޭރު ފުށުން އަނިޔާއެއް ނެތް: ޕޮލިސް

24 އެޕްރީލް 2021

ކ. ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނު އިންޑިއާގެ ޓޫރިސްޓުގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނު އިންޑިއާގެ ޓޫރިސްޓުގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ ރަށު ފަޅުތެރޭގައި، އުމުރުން 23 އަހަރުގެ އިންޑިއާގެ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިގެން މިއަދު މެންދުރު 1:00 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ބުންޏެވެ.

އެއީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ދިއްފުށީ ގެސްޓް ހައުސްއެއްގައި ކަރަންޓީނުގައި ހުރި މީހެކެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މި މީހާ ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭ އިން ވަނީ ސާމްޕަލް ނަގައިފަ އެވެ. އެކަމަކު، އަދި ނަތީޖާ ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސަވަމުންދާއިރު، މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާ އަށް ދާ އިންޑިއާގެ މީހުންގެ ކަރަންޓީން މަންޒިލަކަށް ރާއްޖެ ވަނީ ހަދައިފަ އެވެ. އެހެންވެ، ރަށްރަށުގައި މިހާރު އެންމެ ގިނަ އެއްބަޔަކީ އިންޑިއާގެ ޓޫރިސްޓުންނެވެ.

އިންޑިއާގައި ވެސް ދުނިޔޭގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް މައްޗަށް ގޮސްފައިވާތީ، އެ ގައުމަށް ދިއުމާއި އެ ގައުމުން އެހެން ގައުމުތަކަށް މީހުން ދިއުމުގައި ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ރާއްޖެ އަދި އުޅެނީ އެކަމުގައި ގޮތެއް ނިންމުމުގެ މަޝްވަރާގަ އެވެ.