މިހާރު ޖަލަށް ލާފައިވާ އަދި ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ މަޓީގެ ބޭފުޅުން ތެދުވެވަޑައިގަނަންވަންޖެހޭ ކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.
02 މެއި 2017
މިހާރު ޖަލަށް ލާފައިވާ އަދި ދައުލަތުން ތިން ދައުވާއެއް އުފުލާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީޒްގެ މައި ޖަމިއްޔާ މަޓީގެ ބޭފުޅުން ތެދުވެވަޑައިގަނަންވަންޖެހޭ ކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.
"މަޓީގެ ބޭފުޅުން ތެދުވާން އެބަޖެހޭ. މަޓީގެ ބޭފުޅުން ވިދާޅުވާން އެބަޖެހޭ އެ ގުޅުއްވަން ޖެހޭ ފަރާތަކާ ގުޅާފައި އޮނަރަބްލް ގާސިމް އިބްރާހީމަށް އެ ކުރެވެނީ ނުހައްގު އަނިޔާއޭ. އެ އަނިޔާ ނުކުރައްވާށޭ،" ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މަލީހް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ވިލާގެ ޗެއާމަން އަދި މަހުޖަނު ގާސިމަކީ މިހާރު ވެސް މަޓީގެ ވައިސް ޗެއާމަން އެވެ.
މިރޭގެ ޖަލްސާގައި މަލީހް ވިދާޅުވީ ގާނޫނޫއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެއްވެސް އުސޫލެއް ނެތި އެކިއެކި މުއައްސަސާތަކަށް ހާޒިރުކުރުން ހުއްޓުވަން މަޓީގެ ބޭފުޅުން އެދިވަޑައިގަންނަވަންޖެހޭ ކަމަށެވެ.
"ހަމަ އެ ބޭފުޅުން ވިދާޅުވާން އެބަޖެހޭ ދިވެހި ފަނޑިޔާރުގެތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށް ދާން ޖެހެއޭ. އަޅުގަނޑަށް ހަމަ ޔަގީނުން ކަށަވަރު މަޓީގެ މި ބޭފުޅުން މިގޮތަށް ދަންނަވާ ކަމަށް ވަންޏާ ދިވެހި ރައްޔިތުންނަށް މިއަށް ވުރެ މާ އުފާވެރި ދުވަސްތަކެއް ފެނިގެންދާނެ،" މަލީހް ވިދާޅުވި އެވެ.
ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އެންމެ ފުރަތަމަ ޒިންމާއަކަށް މިވަނީ މި ގައުމުގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށް ލުމާއި ގައުމު ދޫކޮށްފައި ދާ ހިސާބަށް ކަންތައް ގެންދިއުމާއި ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ނުހައްގު އަދަބުތައް ދިނުމާއި ޖަލަށްލުމާއި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާއި މިހެން ގޮސް ރައްޔިތުން ނޭދޭ ހުރިހާ ކަމެއް ކުރަން ޖެހެނީ؟."
މަލީހް ފާހަގަކުރެއްވި ގޮތުގައި ޖަންގަލީގެ އުސޫލަކީ ވެސް އަދި ހައިވާނުންގެ އުސޫލަކީ ވެސް އެއް ގުރޫޕެއްގެ ބަޔަކަށް ހަމަލައެއް އަންނަ ކަމަށް ވަނީ ނަމަ އެންމެން އެކުގައި ދިފާއަށް ނުކުތުމެވެ. އޭނާ އެގޮތަށް މިސާލު ޖެއްސެވީ ގާސިމަކީ ޓޫރިޒަމް ދާއިރާގެ އެންމެ އިސް އެއްބޭފުޅަކަށް ވެފައި، މިއަދު އޭނާގެ މައްޗަށް ދައުވާ އުފުލައި، އަދި ޖަލަށް ލާފައިވާއިރު، ގާސިމްގެ ދިފާއުގައި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ނުކުންނެވުމަށް ބާރު އެޅުއްވުމަށެވެ.
ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ފަހު ގާސިމް ކޯޓުން ނެރެގެން ގެންދަނީ.---މިހާރު ފޮޓޯ/ނިޝާން އަލީ
"އަނިޔާވެރިކަމާއި ބޭއިންސާފު އާންމުވަމުންދާ ދުވަސްވަރެއްގައި ދިވެހި ވިޔަފާރިވެރިން ހަމަހިމޭނުން ތިއްބަވައިގެން ނުވާނެ،" މަލީހް ވިދާޅުވި އެވެ.
އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އޭނާ މިރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ގަބޫލުކުރާ ސަރުކާރެއް ނޫނެވެ. ރައްޔިތުން ބާރުވެރި ކުރުވަން އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމުގެ އެއްވެސް ނިޔަތެއް އޮތް ސަރުކާރެއް ނޫނެވެ.
"އަޅުގަނޑު ދަންނަވާނީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ގޮނޑިއެއް ވެސް މި ސަރުކާރަކަށް ނުލިބޭނެއޭ، ދިވެހި ރައްޔިތުން ތިޔަބޭފުޅުންގެ އަމިއްލަ ކަރަންޓް ބިލް ބައްލަވާފައި ވޯޓު ދެއްވާ ކަމަށް ވަނީ ނަމަ. ވޯޓު ފޮށި ކައިރިއަށް ދިއުމުގެ ކުރިން ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ކަރަންޓް ބިލް، މިދިޔަ މަހާއި މިދިޔަ އަހަރުގެ އެ މަހާ އަންދާޒާކޮށް ހިސާބު ޖައްސަވާ. އޭރުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކޮން ފަރާތަކަށްކަން ވޯޓު ދޭންޖެހޭނީ،" މަލީހް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މަލީހް ފާހަގަކުރެއްވި ގޮތުގައި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާ ނަމަ އެންމެ ފުރަތަމަ ފުލުސް އޮފީހަށް ގެންދަން ޖެހޭނީ މަސީހް އެވެ.
މަލީހް ވިދާޅުވީ މަސީހްގެ ފަރާތްޕުޅުން ތަކުރާރުކޮށް ފެންނަނީ ރައްޔިތުންގެ ހައްގުތައް ހަނިކުރުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ތަން ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ފުށުއަރާ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި ނަމަ، މަޖިލިހުގެ ރައީސް މަސީހް އެފަދަ ބިލެއް ޓޭބަލް ކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި އެއީ މަޖިލިހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަން މަލީހް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު: އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހެނީ މަސީހް ކަމަށް މަލީހް ވިދާޅުވި.---ފޮޓޯ: މަޖިލިސް
"އެބޭފުޅާ އަށް ވިދާޅު ނުވެވޭނެ ތިމަން މަނިކުފާނު ކުރެއްވި ކަމެއް ނޫނޭ. މަޖިލިހުގައި ތިއްބެވި އެހެން މެމްބަރުން ކުރެއްވި ކަމެކޭ. ބައްލަވާ އިންތިޚާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވި ގޮތް. އަޅުގަނޑުމެން މި ދަންނަވަނީ އެފަދަ ކުށެއް ސާބިތުވެ، ރައްޔިތުންގެ މަޖިލިހުން ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީއަކަށް ގޮސްފައި ޖަވާބުދާރީވުމުގެ ފުރުސަތު ދީ، އެއީ އެފަދަ ކުށެއް ޝައްކެތް ނެތް މިންވަރަށް ސާބިތުވެއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލިހުގެ ރައީސަށް އެ މައްސަލަ އެޖެންޑާ ކުރެވިދާނެ،" މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް މަގާމުން ވަކިކުރި މައްސަލައާ ގުޅޭ ގޮތުން މަލީހް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޖަމީލް މަގާމުން ވެސް ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށެވެ. އަދި އެއީ ހިންގި ބޮޑު ޖަރީމާއެއް ކަމަށް މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ކުރިއަށް އޮތް ތަނުގައި އިދިކޮޅު ފަރާތްތަކަށް ފަސޭހަކަމާ އެކު ކާމިޔާބު ކުރެއްވޭނެ އެވެ. އަދި އޭގެ ފަހުން، ޒިންމާއާ ހަވާލުވެފައި ތިބި މީހުން އެ މީހުންގެ ޒިންމާ އަދާނުކުރާ ނަމަ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް މަލީހް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ފަރާތުން ބޮޑެތި ދޮގާއި އޮޅުވާލުމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ މަންޒަރު. މިއަކަށް ފުރުސަތެއް ނުލިބޭނެ. އަނިޔާވެރިކަމަށް ކޮން ބަޔަކަށްތޯ ކާމިޔާބު ލިބިފައި އޮތީ؟ ދުނިޔޭގެ އެއްވެސް ހަޟާރަތެއްގައި އަނިޔާވެރިކަމެއް ނެތް ކާމިޔާބީއާ ހަމައަށް ވާސިލް ވެފައި،" އޭނާ ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ "ސިޑި ގޮޅީގެ ދަށަށް އަޅުގަނޑުމެން ގަތުލުކޮށްފައި ވައްޓާލި" ކަމުގައި ވިޔަސް ހައްގު ބަސް ބުނުމުގައި އިދިކޮޅު ފަރާތްތައް ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
"ހަ މަސް ތެރޭ ޝަންގްރިއްލާ އާއި ހެރެތެރެ ހަދާނަން"
ޕާޓީއަށް ފާޑުވިދާޅުވެ، މަލީހު ޖޭޕީން ވަކިވެވަޑައިގެންފި
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
650 މިލިއަން ޑޮލަރަށް އެއާޕޯޓް ތަރައްގީކުރެވެން އޮތް
ވިލާގެ މައްސަލާގައި ރަނގަޅު ނިޝާންތަކެއް ފެނޭ: މަޓީ
19 އަހަރަށް ފަހު ގާސިމާ ނުލައި މަޓީގެ ބޯޑު
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
ގާސިމްގެ ރިސޯޓުތަކަށް އަރައިގެން ހިންގަނީ ޖަރީމާއެއް
ބޭނުމަކީ ގާސިމަށް ބިރުދައްކައި ފުރައްސާރަކުރަން:އިދިކޮޅު