Roadha Mihaaru
"ހަ މަސް ތެރޭ ޝަންގްރިއްލާ އާއި ހެރެތެރެ ހަދާނަން"

ހަ މަސް ތެރޭ ޝަންގްރިއްލާ އާއި ހެރެތެރެ ހަދާނަން: ގާސިމް

04 ސެޕްޓެމްބަރ 2023

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ޝަންގްރިއްލާ އަދި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ޝަންގްރިއްލާ އަދި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އައްޑޫގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހެރެތެރެ ރިސޯޓު ހަދައި، ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރުގެ ކަމުގައި ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި، އެކި ސަރުކާރުތަކުން ކޮރަޕްޝަނާއި އިހުމާލުގެ ތެރޭގައި ހެރެތެރެ ވެސް ވިރާނާވެ، އަދި އޭގެ ފަހުން ވިލިނގިލީގައި ހުޅުވި ޝަންގްރިއްލާ ރިސޯޓު ވެސް ނުހިންގި ބަންދުވެގެން ދިޔައީ އެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާތް ﷲ އިދާރަކުރެއްވިއްޔާ ޝަންގްރިއްލާ އާއި ހެރެތެރެ ހެދިގެންދާ ތަން ފެންނާނެ. އަދި އޭގެއިތުރަށް ފަސް އަހަރު ހަމަވެގެންދާއިރު، މެދުކެނޑުމެއް ނެތި ދުވާލަކު ތިން ހަތަރު އިންޓަނޭޝަނަލް ފްލައިޓް ޖައްސާތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ގިނަ ރިސޯޓުތަކެއް ހިންގަވައި އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އައްޑޫގެ ހިތަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީން އައްޑޫގެ ހިތަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: ޖޭޕީ

މި އިންތިހާބުގައި ރައްޔިތުން ފުރުސަތު ދީފިނަމަ، ގާސިމް ވިދާޅުވީ އައްޑޫއަށް "ތާޒާ ކަމާއި ރޯޝަނީ ކަން" ގެނެސްދެއްވާނެ ކަމަށެވެ.

ގާސިމް މިރޭ ވެސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިޔާ ސިފައިން ތިބި ކަމަށާއި، މި އިންތިހާބުގައި ރައްޔިތުން ގޯސް ގޮތަކަށް ވޯޓު ދީފި ނަމަ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިވެހިންގެ އަތުން ބީވެގެން ހިނގައިދާނެ ކަމަށެވެ.

ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވަނީ ދައުލަތުގެ ދަރަނި އަތް ނުފޯރާ ވަރަށް އިތުރުވެގެން ގޮސްފައިވާ އިރު، ރައްޔިތުންގެ ޖީބަށް ވަނީ ކޯޗެއްތޯ ސުވާލު ކުރައްވައިފަ އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ވާދަކުރައްވަން ނުކުންނެވި ސަބަބެވެ. ދެހާސްއަށަކުން ފެށިގެން ރާއްޖޭގައި ގާއިމުކުރި ކޮންމެ ސަރުކާރެއްގައި ޖޭޕީގެ ބައިވެރިވުން އޮތް އިރު، އިންތިހާބުގައި ވާދަކުރެއްވީ އެ ސަރުކާރުތަކުން ހެދި ގޯސްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދެއްވުމަކީ އޭނާގެ ޒިންމާއެއް ކަމުގައި ދެކިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އައްޑޫގެ ހިތަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީން އައްޑޫގެ ހިތަދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. --ފޮޓޯ: ޖޭޕީ

އޭނާ ވިދާޅުވީ އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން އެއް ފަހަރު ވެރިކަން ކުރި އިރު، އައްޑޫގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޝްރޫއު އެއް ވެސް އަދި ވަޒީފާ އެއް އުފައްދައި ދެވިފައިނުވާ ކަމަށެވެ.

އެމްޑީޕީ ވެސް އަދި ޕީޕީއެމް ވެސް "ފެއިލް" ވެފައިވާ ކަމަށާއި، އެ ދެ ޕާޓީން އިންތިހާބަށް ނުކުމެ ތިބި ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ގާސިމް ވިދާޅުވި ގޮތުގައި އޭނާ އާ ވާދަކުރެވޭ ވަރުގެ "އުރަތްޕެއް" ވެސް ނެތީމަ އެވެ.

"...އަދި އެހެން ކެންޑިޑޭޓަކު ވެސް ނެތް އަޅުގަނޑާ އެއް ހަމައެއްގައި ފަތިގަނޑު ފިރުކާލެވޭނެ ހަމަ އެކަކު ވެސް ނެތޭ،" އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ސަރުކަރަކުން ރައްޔިތުންނަށާއި ގައުމަށް ފައިދާ ހުރި ވެރިކަމެއް ކޮށްދެވޭނީ ގާސިމް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، ރައްޔިތުން އެ ފުރުސަތު އޭނާއަށް ދީފިނަމަ އެވެ.