Roadha Mihaaru
ފަލަސްތީނުގެ ރައީސްއާ ޓްރަމްޕް ބައްދަލު ކުރައްވަނީ

ފަލަސްތީނުގެ ރައީސްއާ ޓްރަމްޕް ބައްދަލު ކުރައްވަނީ

03 މެއި 2017

ވޮޝިންޓަން (މެއި 3) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 3) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ވައިޓް ހައުސްގައި ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ ދިގުދެމިގެން ގޮސްފައިވާ ފަލަސްތީނު-އިޒްރޭލް މައްސަލަ އަށް ހައްލެއް ހޯދުމާ ބެހޭ ގޮތުންނެވެ.

އައްބާސް ވިދާޅުވީ މިއީ މެދުއިރުމައްޗަށް ސުލްހަ ހޯދަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށާއި މިއީ އާ ފެށުމެއް ކަމަށް ބަލާނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި މަޝްވަރާތައް ނުބޭއްވުމުގެ ސަބަބުން ސުލްހަ އަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

އައްބާސް އާއި ޓްރަމްޕް މާޗު މަހު ވަނީ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޓްރަމްޕް ވަނީ ވައިޓް ހައުސް އަށް ވަޑައިގަތުމަށް އައްބާސް އަށް ދައުވަތު ދެއްވައިފަ އެވެ. މި މަހު ފަހުކޮޅު ޓްރަމްޕް އިޒްރޭލަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ވައިޓް ހައުސް އިން އެކަން ޔަގީންކޮށެއް ނުދެ އެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ގެންގުޅުއްވާ ބައެއް ސިޔާސަތުތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އަށް ހުރަސް އެޅިދާނެ ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ. ކެމްޕޭން ތެރޭގައި ވެސް ޓްރަމްޕް ވަނީ ތެލް އަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.