Roadha Mihaaru
"ޔާމީންގެ ބައްޕައާ ވާހަކަ ދެއްކީ އިހުތިރާމާ އެކު"

ޔާމީންގެ ބައްޕައާ ވާހަކަ ދެއްކީ އިހުތިރާމާ އެކު: ފުލުހުން

04 މެއި 2017

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ޔާމީން ރަޝީދުގެ ބައްޕަ ހުސެން ރަޝީދު، ފުލުސް އޮފީހަށް ދިޔުމުން އޭނާއާ ހުތުރު ބަހުން މުއާމަލާތު ނުކުރާ ކަމަށާއި ވާހަކަ ދެއްކީ ވަރަށް އިހުތިރާމާ އެކު ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަނިޔާވެރި ހަމަލާތަކެއްގައި މަރާލި ޔާމީން ރަޝީދުގެ ބައްޕަ ހުސެން ރަޝީދު، ފުލުސް އޮފީހަށް ދިޔުމުން އޭނާއާ ހުތުރު ބަހުން މުއާމަލާތު ނުކުރާ ކަމަށާއި ވާހަކަ ދެއްކީ ވަރަށް އިހުތިރާމާ އެކު ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

ހުސެން ރަޝީދާ ހަވާލާދީ ޔާމީންގެ ވަކީލު، އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އިއްޔެ ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު އަދި ވީހާ ވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އާއި ހެޔޮއެދޭ މީހުން ފުލުސް އޮފީހަށް ހުށަހެޅި 800 ސިޓީ ބަލައި ނުގަތުމުން އެ އެއްޗިއްސާ ހަވާލުވާން ދިޔުމުން އޭނާއާ ފުލުހުން މުހާތަބު ކޮށްފައިވަނީ ވަރަށް ހުތުރުކޮށް ކަމަށެވެ.

އެގޮތުން ޔާމީންގެ މަރާ މެދު ދިވެހި ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށް ފުލުހަކު ރަޝީދާ ދިމާއަށް ބުނި ކަމަށާއި އޭނާ އެހެން ބުނީ ވެސް މަލާމާތުގެ ގޮތަކަށް ހެވިފައި ހުރެގެން ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވަނީ އެހެން ބުނި ފުލުސް މީހާގެ ނަން ވެސް އާއްމުކުރައްވައިފަ އެވެ. އަދި ފުލުހަކު މިިހެން ބުނުން ސުއޫދު ސިފަކުރެއްވީ ބިރުވެރި، ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު ފުލުހުން ވަނީ އެހުރިހާ ވާހަކައެއް ދޮގުކޮށްފަ އެވެ.

ރަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަނީ: ފުލުހުން އޭނާއާ މުހާތަބު ކުރީ ހުތުރުކޮށް ކަމަށް ސުއޫދު ވިދާޅުވި-- ނިޝާން އަލީ/ މިހާރު

ރަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަނީ: ފުލުހުން އޭނާއާ މުހާތަބު ކުރީ ހުތުރުކޮށް ކަމަށް ސުއޫދު ވިދާޅުވި-- ނިޝާން އަލީ/ މިހާރު

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެއީ ނުވެސް ހިނގާ ކަމެއް ކަމަށާއި ރައްޔިތަކު ހިދުމަތަކަށް ބޭނުން ވެގެން އަތުވެއްޖެ ނަމަ އެކަން ކޮށްދޭނީ ވަރަށް އިހުތިރާމާ އެކުގައި ކަމަށެވެ.

"ވަކި މީހަކު ވެގެން ވަކި ތަފާތު ގޮތަކަށް ކަމެއް ނުކޮށްދޭނެ. ޔާމީންގެ ބައްޕައާ މެދު ވެސް އަމަލު ކޮށްފައިވާނީ ހަމަ އެފަދައިން،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމެއް ދިމާވެގެން ނުވަަ ކުށެއް ކޮށްގެން މަދަދު ހޯދަން ފުލުސް އޮފީހަށް އަންނަ މީހުންނަށް އެކަން ކޮށްދޭނެ ކަމަށާއި ހުތުރު ބަހުން ވާހަކަ ދެއްކުން ފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި ޔާމީންގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަނީ އެކަމަށް ވަރަށް ހާއްސަ ކަމެއް ދީގެން، ބޮޑު ޓީމަކުންނެވެ. އަދި އެ މައްސަލައިގައި މިހާރު ލިބިފައިވާ ހެކިތައް، ދުނިޔޭގެ ބޮޑެތި ލެބޯޓަރީތަކަށް ފޮނުވައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަން މި ކުރަނީ ކުޑަ ތަންކޮޅެއް ވެސް ދޫކޮށް ނުލައި، ވަރަށް ޑެޑިކޭޓެޑްކޮށް،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ކުރިން ވަނީ، ޔާމީންގެ މަރުގެ މައްސަލައިގެ "މޯޓިވް" ބަޔަކު ބަދަލުކޮށްލަން އުޅޭ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

އެކަމަކު ސުއޫދު އިއްޔެ ވިދާޅުވީ މައްސަލައިގެ ފޯކަސް ނުވަތަ މޯޓިވް ބަދަލު ކުރަން ޔާމީންގެ އާއިލާ އިން ވެސް ބޭނުން ނުވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފަރާތްތަކާ އެކު މިނިވަން ތަހުގީގަކަށް ގޮވައިލީ، ޔާމީނަށް ތަކުރާރުކޮށް ދެމުން ދިޔަ މަރުގެ އިންޒާރުތަކަށް ފުލުހުން ކުރިން އަޅާނުލުމުގެ ސަބަބުން މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިތުބާރު ކުޑަވެފައިވާތީ ކަަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ހަތް އަހަރު ކުރިއްސުރެ ޔާމީނަށް ދެމުން ދިޔަ މަރުގެ އިންޒާރުތަކަށް ފުލުހުން އަޅާލާފައި ނުވާތީ، ޔާމީން މަރާލުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އެ މައްސަލަ އޭނާގެ އާއިލާއިން އިއްޔެ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

ޔާމީން، 29، މަރާލިކަމުގެ ތުހުމަތުގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ.