Roadha Mihaaru
މޮނާކޯ އަށް ދިމާވީ ތަޖުރިބާގެ މައްސަލަ: އެމްބާޕޭ

މޮނާކޯ އަށް ދިމާވީ ތަޖުރިބާގެ މައްސަލަ: އެމްބާޕޭ

04 މެއި 2017

ޕެރިސް (މެއި 4) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އަތުން ބަލިވި މެޗުގައި މޮނާކޯ އަށް ދިމާވީ ތަޖުރިބާ މަދުވުމުގެ މައްސަލަ ކަމަށް އެ ޓީމުގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މެއި 4) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އަތުން ބަލިވި މެޗުގައި މޮނާކޯ އަށް ދިމާވީ ތަޖުރިބާ މަދުވުމުގެ މައްސަލަ ކަމަށް އެ ޓީމުގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

ގޮންޒާލޯ ހިގައިންގެ ދެ ލަނޑުން 2-0 އިން މޮނާކޯގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދިއިރު، މިއީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން މޮނާކޯ އަށް އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

"އަހަރެމެންނަށް ދިމާވީ ތަޖުރިބާ މަދުވުމުގެ މައްސަލަ. އަހަރެމެންނަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރެވުނު އެކަމަކު އޭގެ ބޭނުމެއް ނުހިފުނު،" އެމްބާޕޭ ބުންޏެވެ.

އޭނާ ބުނީ ޔުވެންޓަސްއާ ދެކޮޅަށް މި މެޗުން މޮނާކޯގައި ތިބި ޒުވާން ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ.

"ޔުވެންޓަސް އަށް ލިބުނީ މާ ހުސް ފުރުސަތުތަކެއް ނޫން. އެކަމަކު މުހިއްމު ކަންތައް އެ ޓީމުން ކުރި ބޭނުންވަނީ ލަނޑުޖަހަން. އަހަރެމެންގެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް މި ކަހަލަ މެޗުތަކުން ގިނަ ކަންތައްތަކެއް ދަސްވެއްޖެ،" އެމްބާޕޭ ބުންޏެވެ.

ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ރޭގެ މެޗުގައި މޮނާކޯގެ ނުރައްކާތެރި ހަމަލާތަށް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެމްބާޕޭ ވަނީ ބުފޮން ދެއްކި ކުޅުމަށް ތައުރީފްކޮށްފަ އެވެ.

"މި މެޗުގައި ބުފޮން ވަރަށް މޮޅު. އަހަރެން އުއްމީދުކުރަނީ ދެ ވަނަ ލެގުގައި ލަނޑު ޖެހޭނެ ކަމަށް،" މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ބުންޏެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރެ އެވެ.