Roadha Mihaaru
މޮނާކޯ ބަލިކޮށް ޔުވެންޓަސް ފައިނަލަށް

މޮނާކޯ ބަލިކޮށް ޔުވެންޓަސް ފައިނަލަށް

10 މެއި 2017

ޓިއުރިން (މެއި 10) – ފްރާންސުގެ މޮނާކޯ 2-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ތިން އަހަރުގެ ތެރޭ ދެ ވަނަ ފަހަރަށް އިޓަލީގެ ޔުވެންޓަސް ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (މެއި 10) – ފްރާންސުގެ މޮނާކޯ 2-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ތިން އަހަރުގެ ތެރޭ ދެ ވަނަ ފަހަރަށް އިޓަލީގެ ޔުވެންޓަސް ޖާގަ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ދެ ވަނަ ލެގުން ހޯދި މޮޅާ އެކު އެ ޓީމު ފައިނަލަށް ދިޔައީ ދެ ލެގުން 4-1 އިން ކުރި ހޯދައިގެންނެވެ. މޮންޓެކާލޯގައި ކުޅުނު ފުރަތަމަ ލެގު ޔުވެންޓަސް ކާމިޔާބުކުރީ 2-0 އިންނެވެ.

ފައިނަލުގައި ޔުވެންޓަސް ބައްދަލުކުރާނީ، އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒައިނުއްދީން ޒިދާން މިހާރު ކޯޗުކޮށްދޭ ރެއާލް މެޑްރިޑް ނުވަތަ އެތުލެޓިކޯ މެޑްރިޑާ އެވެ. އެ ދެ ކްލަބުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގު މިރޭ އޮންނައިރު ފުރަތަމަ ލެގު ރެއާލް މެޑްރިޑް ކާމިޔާބުކުރީ 3-0 އިންނެވެ. ފައިނަލް މެޗު އޮންނާނީ ވޭލްސްގެ ކާޑިފުގައި އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ގަ އެވެ.

މި މުބާރާތް 1985 އަދި 1996 ވަނަ އަހަރު ކާމިޔާބުކުރި ޔުވެންޓަސް ވަނީ އޭގެ ފަހުން ކުޅުނު ހަތަރު ފައިނަލުން ވެސް ބަލިވެފަ އެވެ. އެގޮތުން 1997 ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބަލިވިއިރު 1998 ގައި ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ. އަދި 2003 ގައި ވާދަވެރި އޭސީ މިލާން އަތުން ބަލިވެ ތަށި ގެއްލުނުއިރު 2015 ގައި ބަލިވީ ބާސެލޯނާ އަތުންނެވެ.

މި ސީޒަނުގެ ޗެމްޕިއަން ލީގުގެ ތަށްޓަށް ސީދާ އަމާޒުކޮށްގެން ނުކުތް ޔުވެންޓަސް ރޭގެ މެޗަށް ކުރިމަތިލީއިރު ވެސް އޮތީ ފުރަތަމަ ލެގުގެ ލީޑާ އެކު ހިތްހަމަޖެހުމެއްގަ އެވެ. އެ ޓީމުގެ އިތުބާރު ބޮޑުކޮށްދިނީ 33 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް، ފައިނަލް ކަށަވަރުކޮށްދިނީ، މީގެ ދެ އަހަރު ކުރިން ބާސެލޯނާ އަތުން ޔުވެންޓަސް ބަލިވިއިރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޑެނިއަލް އަލްވެސް އެވެ.

މޮނާކޯގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ 69 ވަނަ މިނެޓުގައި ގޯލެއް ޖެހި ނަމަވެސް ނަތީޖާއަށް އަސަރެއް ނުކުރި އެވެ. އެކަމަކު މި ގޯލުގެ ހާއްސަކަން ވަނީ ބޮޑުވެފަ އެވެ. މިއީ މުބާރާތުގެ ނޮކްއައުޓް ބުރުގައި ޔުވެންޓަސް ކޮޅަށް ވަން ހަމައެކަނި ގޯލެވެ. ފްރާންސުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ދިޔަތާ ހައެއްކަ މަސް ފަހުން އުފަންވި އެމްބާޕޭ ގޯލާ އެކު އުމުރުން 18 އަހަރުގެ ފޯވާޑް ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއާއަށެވެ.

މުބާރާތުގައި ޔުވެންޓަސް ކޮޅަށް އެއް ގޯލަށް ވުރެ ގިނައިން އެއްވެސް ޓީމަކަށް ޖެހިފައިނުވާއިރު އެ ޓީމުގެ ކާމިޔާބީގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ވެސް ބިޔަ ފާރެއް ފަދަ ޑިފެންސް ލައިނަށެވެ. ބުފޮންއާ އެކު ޖިއޯޖިއޯ ކިއެލީނީ އާއި ލެއޮނާޑޯ ބޮނޫޗީ އާއި އަންދްރޭ ބަރްޒާލީ ބަލަހައްޓާ މި ގޯލަށް ޔޫރަޕުގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތް ބާސެލޯނާ އަށް ދެ މެޗުން ގޯލެއް ވައްދާނުލެވުނެވެ.