Roadha Mihaaru
އާ ސަހަރާގައި ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން:ރައީސް

އާ ސަހަރާގައި ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން: ރައީސް

05 މެއި 2017

އާ ސަހަރާގައި މިހާރު އޮތް ޖާގައިގައި މީހުން ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އާ ސަހަރާގައި މިހާރު އޮތް ޖާގައިގައި މީހުން ވަޅުލެވޭނީ ހައެއްކަ މަސް ވަންދެން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ފަށައި، އަނެއްކާ ރެއިން ފެށިގެން އާ ސަހަރާ ބޭނުންކުރަން ވަނީ ފަށައިފަ އެވެ. މިއީ އެގޮތަށް ހުޅުމާލެ އަށް ގަބުރު އުފުލައި އެތަނުގައި ވަޅުލަން ފެށި ފަހުން މާލޭގެ އާ ސަހަރާ ބޭނުންކުރާ ދެ ވަނަ ފަހަރެވެ.

"ޕީޕީއެމް ހޮވަމާ" ނަމުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަރުވާ މީހުން މާލޭގައި ވަޅުޅާނެ ބިންތައް ފުރިފައިވާ ކަމަށެވެ. އަދި މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވި ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް ގޮތް ހުސްވީމަ އެކަންކަން ކުރަން ޖެހެނީ. އެ ނޫން އެހެން ގޮތެއް ނެތީމަ،" ރައީސް ވިދާޅުވި އެވެ.

"ހެންވޭރު ސަހަރާ. މާފަންނު ސަހަރާ ބައްލަވާލައްވާ. ކިތައް ފަށަލައަށް ވެލި އަޅާފަތޯ މީހުން ވަޅުލާފަ އެތިބީ. ދެން އިތުރަކަށް މާލޭ ސިޓީއަށް ބަލާ ނަމަ، މީހުން ވަޅުލާނެ ތަނެއް ވެސް ނެތެން ނޫންތޯ؟"

ރައްޔިތުން އުފުލާ އުނދަގުލާއި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާ އެކު ކަނޑު ހުރަސްކޮށް ދަތުރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ އާ ސަހަރާ ފުރެންދެން މާލޭގައި މީހުން ވަޅުލާ ގޮތަށް ހުއްދަ ދެއްވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އުއްމީދަކީ އާ ސަހަރާ ފުރުމުގެ ކުރިން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖްގައި ދަތުރުކޮށް ހުޅުމާލޭގައި މީހުން ވަޅުލުގެ ކަންކަން ހަމަޖެހިގެން ދިޔުން ކަމަށެވެ. އޭރުން ބްރިޖު މަތިން ސަންދޯއް އުފުލުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ގޮނޑިތަކަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ކެމްޕޭން ނިންމާލަން ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ކެންޑިޑޭޓަކާ ސަލާންކުރައްވަނީ ---މިހާރު ފޮޓޯ: ހުސައިން ވަހީދު

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ގޮނޑިތަކަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ކެމްޕޭން ނިންމާލަން ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ކެންޑިޑޭޓަކާ ސަލާންކުރައްވަނީ ---މިހާރު ފޮޓޯ: ހުސައިން ވަހީދު

މާލޭގައި މީހުން ވަޅުލާން އަލުން ފަށާ ގޮތަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމީ ރޭގެ ވަގުތެއްގަ އެވެ. އެހެންވެ، ރޭ ދަންވަރު 12 އިން ފެށިގެން ޖާނާޒާ އޮންނާނީ މާލޭގެ އާ ސަހަރާގަ އެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ދެ ވަނަ ފަހަރަށް ފެށީ މިދިއަ ފެބްރުއަރީ 1 ގަ އެވެ. އެ ކަމަށްޓަކައި ހުޅުމާލޭގެ ގަބުރުސްތާނުގައި ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރެވޭނެ އިންތިޒާމު ހަމަޖެއްސި އެވެ.

އެކަމަކު މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ވަޅުލަން ހުޅުމާލެ އަށް ގެންދިއުމުގައި ދިމާވާ ތަކުލީފުތަކާ ހެދި އާންމުންގެ ޝަކުވާ އިންތިހާ އަށް ބޮޑެވެ.