Roadha Mihaaru
މެސީ ރެކޯޑް ލަނޑާ އެކު އާޖެންޓީނާ ސެމީ އަށް

މެސީ ރެކޯޑް ލަނޑާ އެކު އާޖެންޓީނާ ސެމީ އަށް

19 ޖޫން 2016

ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލިއޮނަލް މެސީގެ ރެކޯޑް ލަނޑާ އެކު 4-1 ވެނެޒުއޭލާ އަތުން މޮޅުވެ އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފޮކްސްބޮރޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ލިއޮނަލް މެސީގެ ރެކޯޑް ލަނޑާ އެކު 4-1 ވެނެޒުއޭލާ އަތުން މޮޅުވެ އާޖެންޓީނާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗަކީ މި ފަހަރުގެ މުބާރާތުގައި މެސީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ދެ ވަަނަ ހާފްގައި މެސީ ކާމިޔާބުކުރި ލަނޑާ އެކު އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ގަބްރިއެލް ބަޓިސްޓޫޓާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. ދެ ކުޅުންތެރިންގެ ޖުމްލައަކީ 54 ލަނޑެވެ.

"ރެކޯޑް ހެދުމުން ވަރަށް ހިތްހަމަޖެހޭ. ބަޓިސްޓޫޓާ ފަދަ ކުޅުންތެރިއަކާ ހަމަކުރެވުމަކީ ވެސް ލިބުނު އުފަލެއް. އެކަމަކު މިހުރިހާ ކަމަކަށް ވުރެން އަހަންނަށް މުހިއްމު ޓީމަށް ލިބުނު މޮޅު،" މެޗަށް ފަހު މެސީ ބުންޏެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ 30 މިނިޓްގެ ތެރޭގައި އާޖެންޓީނާގެ ގޮންޒާލޯ ހިގުއައިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ހިގުއައިން އެ ޓީމަށް ލީޑު ނަގައިދިނީ މެސީ ދިން ބޯޅަ އަކުންނެވެ. ދެ ވަނަ ލަނޑު މެޗުގެ 28 ވަނަ މިނިޓްގައި ކާމިޔާބުކުރީ ވެނެޒުއޭލާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެނެޒުއޭލާ އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލުއިސް މެނުއަލް ސެއިއާސް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ މަތަކުރި އެވެ.

ދެ ވަނަ ހާފް ފެށިގެން މެޗުގެ 61 ވަނަ މިނިޓްގައި މެސީ އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖެހި އެވެ. މި މެޗުގައި ވެނެޒުއޭލާ އިން ޖެހި ހަަމައެކަނި ލަނޑު 70 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސޮލޮމަން ރޮންޑޮން އެވެ. އޭގެ އެއް މިނިޓް ފަހުން އެރިކް ލަމޭލާ ވަނީ އާޖެންޓީނާ އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޗިލީ ވަނީ މެކްސިކޯ ކޮޅަށް ހަތް ލަނޑު ޖަހައިފަ އެވެ. ޗިިލީގެ ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރީ އެޑުއާޑޯ ވާގާސް އެވެ. އަނެއް ތިިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އެޑްސަން ޕޫޗް އެވެ. ދެން ލަނޑު ޖެހީ އަލެކްސިސް ސަންޗޭޒެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ޗިލީ ކުޅޭނީ ކޮލަމްބިއާއާ އެވެ. އަދި މުބާރާތް ބާއްވާ ގައުމު އެމެރިކާ ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.