Roadha Mihaaru
ބުޅާ ގެންގުޅުމުގެ ފައިދާ އާއި ގެއްލުން

ބުޅާ ގެންގުޅުމުގެ ފައިދާ އާއި ގެއްލުން

13 ޖޫން 2017

ބުޅަލާ އިންސާނުންގެ ރަހްމަތްތެރިކަމަށް އެތައް ގަރުނެއްވެއްޖެ އެވެ. އިހު ޒަމާނުގައި މީދަލާއި އެކި ސޫފިތައް ގޭބިސީން މަދުކޮށްދޭތީ ބުޅަލަކީ ގޭގައި ގެންގުޅެން ވަރަށް މުހިންމު އެއްޗަކަށް އޮތީ ވެފަ އެވެ. އެކަމަކު މިހާރު ބުޅަލުގެ އެ ހިދުމަތް އެހާ މުހިންމެއް ނޫނެވެ. ބުޅާ ވަނީ މުޅި ދުނިޔޭގެ ވެސް އެންމެ މަގުބޫލު އެއް ޕެޓްގެ މަގާމު ހޯދައިފަ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ބުޅަލާ އިންސާނުންގެ ރަހްމަތްތެރިކަމަށް އެތައް ގަރުނެއްވެއްޖެ އެވެ. އިހު ޒަމާނުގައި މީދަލާއި އެކި ސޫފިތައް ގޭބިސީން މަދުކޮށްދޭތީ ބުޅަލަކީ ގޭގައި ގެންގުޅެން ވަރަށް މުހިންމު އެއްޗަކަށް އޮތީ ވެފަ އެވެ. އެކަމަކު މިހާރު ބުޅަލުގެ އެ ހިދުމަތް އެހާ މުހިންމެއް ނޫނެވެ. ބުޅާ ވަނީ މުޅި ދުނިޔޭގެ ވެސް އެންމެ މަގުބޫލު އެއް ޕެޓްގެ މަގާމު ހޯދައިފަ އެވެ.

މި މާލޭގައި ކުދި ތަންތަންކޮޅުގައި އުޅޭ މީހުން ވެސް ބުޅަލެއް ގެންގުޅެފާ އެވެ. އެކަމު އާއިލާގެ މެންބަރެއްގެ ދެކޮޅުވެރި ކަމާ ހުރެ ބުޅާ މަގުމަތިކޮށްލަން ޖެހުމަކީ އާންމު ކަމެކެވެ.

ބުޅަލުން ހަށިގަނޑަށް ފައިދާކުރާނެތަ؟

ބުޅަލުގެ ކަރުން ވަައިބްރޭޓްވާ ފާޑެއްގެ އަޑެއް ލައްވަ އެވެ. މިއީ 20-150 ހާޓްޒް އާ ދެމެދުގެ ފްރިކުއަންސީ ހުންނަ އަޑެކެވެ. މި ފްރިކުއަންސީގައި އަޑެއް ދަމަހައްޓައިފި ނަމަ ހަށިގަނޑަށް ފަރުވާ ލިބެ އެވެ. މި އަޑުން ކަށީގެ ޑެންސިޓީ އިތުރުވެ ގައިގެ މަސްތަކަށް ލިބިފައިވާ ވަރުބަލިކަމާއި ކުދި ގެއްލުންތަކަށް ފަރުވާ ލިބެ އެވެ. އަދި 10-35 ހާޓްޒްގެ ފްރިކުއަންސީތަކުން ހުޅުތައް ވަރުގަދަވެ އެވެ. ޖަރުމަންވިލާތާ އެމެރިކާގައި ކޮށްފައިވާ ދިރާސާތަކުން މިކަންކަން ވަނީ ކަށަވަރުވެފަ އެވެ.

ބުޅާ ލައްވާ އަޑުގެ ސަބަބުން އިންސާނުންނަށް ސިއްހީ ފައިދާތަކެއް ކުރޭ

ބުޅާ ލައްވާ އަޑުގެ ސަބަބުން އިންސާނުންނަށް ސިއްހީ ފައިދާތަކެއް ކުރޭ

ބުޅާ ލައްވާ އެކި އަޑުގެ ފްރިކުއަންސީތައް އިތުރަށް ދިރާސާކޮށްގެން، ޖައްވަށް ފޮނުވާ އެސްޓްރޮނޯޓުންގެ މަސަލްސް ނިކަމެތިވާ މައްސަލަ (މަސަލް އެންޓްރޮޕީ) އަށް ހައްލެއް ގެނެވިދާނެ ކަމަށް ގަބޫލުކުރެވިފައިވެ އެވެ. ގަބޫލުކުރެވޭ ގޮތުގައި ބުޅާ މި އަޑު ލައްވަނީ އިންސާނުންނަށް ފައިދާކޮށްދިނުމަށެވެ.

ބުޅާ ގެންގުޅޭ މީހުން އެއްބަސްވާނެ އެވެ. ބަލިވެ ނުވަތަ ދެރަވެފައި އިންނަ އިރު ބުޅާ ކައިރިއަށް އައިސް އެ އަޑުލައްވާނެ އެވެ. ބުޅަލަކީ ބަލި މީހުން ދެނެގަނެ އެމީހުނަށް ހާއްސަ ޝައުގުވެރިކަމެއް ދޭ ޖަނަވާރެއްކަން ކުދި ދިރާސާތަކަކުން ބުނި ނަމަވެސް، މިކަން ކަށަވަރު ކުރަން އިތުރު ދިރާސާތައް ބޭނުންވެ އެވެ.

އޯޓިސްޓިކް ކުދިންނަށް އެހީތެރިވޭ

ޔުނިވާސިޓީ އޮފް މިޒޯރީގެ ދިރާސާތަކުން އެނގުނު ގޮތުގައި އޯޓިސްޓިކް ކުދިން ހެދިބޮޑުވާ އިރު ކައިރީ ބުޅަލެއް އުޅެންޏާ އެ ކުދިން މުޖުތަމައަށް ހޭނެން ފަސޭހަވެ އެވެ. ކޮންމެ ބާވަތެއްގެ ޕެޓެއް ވިޔަސް އޯޓިސްޓިކް ކުދިންނަށް ކުރިއެރުން ލިބޭ އިރު، ހެދި ބޮޑުވުމުގައި އެންމެ ފައިދާ ލިބެނީ ކުއްތާ އާއި ބުޅަލުގެ ފަރާތުންނެވެ. "ޖާނަލް އޮފް އޯޓިޒަމް އެންޑް ޑިވެލޮޕްމަންޓް ޑިޒްއޯޑާސް" އާއި "ޕްލޮސް ވަން" ގައި މި ދިރާސާތަކުގެ އަލީގައި އެކުލަވާލި ލިޔުންތައް ޝާއިއު ކޮށްފައިހުންނާނެ އެވެ.

ބުޅާ ކަހަލަ ހެލިފެލިވެ، ތެޅިފޮޅި، އަބަދު ކުޅެން އުޅޭ ޖަނަވާރަށް އޯޓިސްޓިކް ކުދިން ދޭ ސަމާލުކަން ވަރަށް ބޮޑެވެ. ބުޅަލަކީ އޭގެ ޒާތުގައި ސަމާލުކަން ބޭނުންވާ ސޮރެކެވެ. ކުޅުމުގައްޔާއި އެނޫންވެސް އެކި ކަންކަމުގައި ކުއްޖާއާ އެކީ ބުޅާ ވަގުތު ހޭދަ ކުރާނެއެވެ. މި ގުޅުން އިތުރަށް ރަނގަޅުވަނީ އާއިލާ އެންމެން ގުޅިގެން ކުއްޖާއާއި ބުޅަލާ އެކު ކުޅޭ ނަމައެވެ. ކޮންމެ ކުޑަކުއްޖަކަސް، ބުޅަލަކާއި އެކު ބޮޑުވެއްޖެ ނަމަ، އެ ކުދިން މުޖުތަމައުގައި އެހެން މީހުނަށް އޯގާތެރިވެ އަދި ހިތްހެޔޮ ބަޔަކަށް ވުން އެކަށީގެންވާ ކަމަށް އެ ދިރާސާތަކުން ދައްކައެވެ.

ބުޅާ ކައިރީ އަބަދު އުޅެންޏާ އެލާޖީސް މަދުވުން އެކަށީގެންވޭ

ބުޅާ ކެހެރިއަށް ކުޑައިރު އާދަވެއްޖެ ނަމަ ނޭވާލުމުގެ ނިޒާމްގެ މައްސަލަތަކާ، އެލާޖީ މައްސަލަތައް ޖެހުން މަދުވެ އެވެ. މިކަން އެނގުނީ 2002 ވަނަ އަހަރު އެމެރިކާގެ އިންސްޓިޓިއުޓްސް އޮފް ހެލްތުން ކުރި ދިރާސާތަކަކުންނެވެ. ބުޅަލާ އެކީ ބޮޑެތިވާ ކުދިންގެ ދިފާއީ ނިޒާމް ވެސް ވަރުގަދަ އެވެ.

މިއީ އާކަމެއް ނޫނެވެ. މިހާރު އުޅޭ ކުދިންގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ދަނީ ނިކަމެތި ވަމުންނެވެ. ވެއްޔާ ކުޅެ ނޫޅޭ ކުއްޖާގެ ދިފާއީ ނިޒާމުން، ވެލީގައި ހުންނަ ޖަރާސީމުގެ މައުލޫމާތު ނަގައެއް ނުގަނެވޭނެ އެވެ. ޔުނިވާސިޓީ އޮފް ވިސްކޮންސިންގެ ދިރާސާތަކުން ދެއްކި ގޮތުގައި މީގެ ނަތީޖާއަކީ ބޮޑު ވީމާ އެކުއްޖާއަށް އެ ޖަރާސީމުތަކުން ވާ އުނދަގޫތައް އިތުރުވުމެވެ.

ބުޅާ ގެންގުޅެގެން ނަފްސާނީ ގޮތުން ހިތްހަމަ ޖެހުން ލިބޭ

ބުޅަލަކީ އަމިއްލަ އެދުން ބޮޑު، ދަހި އެއްޗެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އޮޅުވާ ކަމަށް ހެދިގެން އުޅެނީ އެ ދަހި ކަމުގެ ސަބަބުން ކަމަށް ކިޔައި އުޅެ އެވެ. އެކަމު މި އަހަރުގެ ދިރާސާއަކުން އެނގިގެން ދިޔައީ، ކާ އެއްޗެއްސަށް ވުރެ ބުޅާ އިންސާނުންނާ ގާތްވާން ބޭނުންވާ ކަމެވެ.

އޮރީގަން ސްޓޭޓް ޔުނިވާސިޓީގެ ދިރާސާގައި ބުޅާތަކެއް ކާ އެއްޗެއްސާއި ކުޅޭ އެއްޗިއްސާއި އިންސާނުންގެ ކިބައިން މަހްރޫމުކޮށްފައި ބޭތިއްބި އެވެ. އެތަށް ގަޑިއިރެއް ފަހުން ދޫކޮށްލީމާ ހުރިހާ ބުޅަލެއްހެން ދިޔަގޮތަށް ދިޔައީ އިންސާނުން ކައިރިއަށެވެ. ކާން ދަނީ އެސޮރުމެން ހިތްހަމަޖެހޭ ވަރަށް ފިރުމައިދީ ނިންމީމަ އެވެ.

ބުޅަލަކީ އިންސާނުން ދެކެ ވަރަށް ލޯބިވާ އެއްޗެއް.

ބުޅަލަކީ އިންސާނުން ދެކެ ވަރަށް ލޯބިވާ އެއްޗެއް.

ބުޅާ ގެންގުޅޭ މީހުނަށް ނަފްސާނީ ހިތްހަމަ ޖެހުން ލިބެނީ ބުޅާ މިހެން އުޅޭތީ އެވެ. ނަފްސާނީ އުނދަގޫތައްވާ މީހުނަށް ބުޅަލުގެ ސަބަބުން ހިތަށް ލުއިކަމެއް ލިބެ އެވެ. ހާއްސަކޮށް ޑިޕްރެޝަން، އެންޒަޔަޓީ، އަދި ސްޓެރެސް ކުޑަ ކުރަން ބުޅަލަކީ އެންމެ ރަނގަޅު އެއް ޕެޓެވެ. އެކަނިވެރިކަން ފިލައި، އޯގާތެރި މާހައުލެއްގައި އުޅެވޭތީ އެވެ. ލޯބި ދީފައި ލޯބި ބަލައިގަތުމަށް ބުޅާ ވަރެއް ނޯންނާނެ އެވެ.

ސާފުތާހިރު ކަމަށް އިސްކަން ނުދެންޏާ ބުޅަލުން ގެއްލުން ލިބޭ

ބުޅާ ގެންގުޅެގެން ފައިދާ ތަކެއް ލިބުނަސް އެ ސޮރުގެ ފަރާތުން ގެއްލުން ވެސް ލިބެ އެވެ. ބުޅަލުގެ ސަބަބުން ޖެހޭ އެންމެ ނުރައްކާ ބައްޔަކީ ޓޮކްސޮޕްލާސްމޯސިސް އެވެ. އެއީ ބުޅަލުގެ ނަޖިހުގައި ހުންނަ ޓޮކްސޮޕްލާސްމޯސިސް ގޮންޑައި ކިޔާ ޕެރެސައިޓަކުން ޖެހޭ ބައްޔެކެވެ. މި ޕެރެސައިޓާ ހުރެ ބައެއް މީހުންގެ ލޯ އަނދިރިވެ އެވެ. ކޮންމެ ބާވަތެއްގެ ޕެޓެއް ގެންގުޅުނަސް، އެއީ ޖަނަވާރަކަށް ވާތީ، ރައްކާތެރި ފިޔަވަޅުތައް އަޅައިގެން އުޅުން ބުއްދި ވެރި އެވެ. ހައްލަކީ ސާފުތާހިރުކަމެވެ. ބުޅާ ފެންވަރުވައި، އެ އުޅޭ ތަން ސާފުކުރަން ޖެހޭނެ އެވެ.

ދެން ބުލަލުގެ ކިބައިން ޖެހޭ ނުރައްކާތެރި ބައްޔަކީ "ކެޓް-ސްކްރެޗް ޑިޒީޒް" އެވެ. މީ ބުޅާ ވަކި އެޅީމާ ލޭ ނާރަށް ފޯރާ ބާޓޮނެއްލާ ހެންސޮލޭ ކިޔާ ބެކްޓީރިއާއަކުން ޖެހިދާނެ ބައްޔެކެވެ. މި ބެކްޓީރިޔާ ބުޅަލާ ހަމައަށް ފޯރަނީ އުކުނުގެ ސަބަބުންނެވެ. އެމެރިކާގެ "ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" ގެ މި ބައްޔާ ބެހޭ ކަރުދާސް ކިޔައިލީމާ އެނގެނީ މިއީ މަދު ހާލަތެއްގައި ޖެހޭ ބައްޔެއް ކަމެވެ. މީހުން ބުޅާ ގެންގުޅޭ ނިސްބަތަށް ބަލާއިރު ބަލި ޖެހޭ މީހުންގެ ނިސްބަތް މަދު ކަމަށްވެ އެވެ.

"ކެޓް ސްކްރެޗް ޑިޒީޒް" ޖެހިގެން ބޮޑު ވަރު ވަނީ ދިފާއީ ނިޒާމް ނިކަމަތި މީހުނަށާއި ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ބަލިތައް ޖެހިފައިވާ މީހުންނަށެވެ. މި ބައްޔާ ގުޅޭ މައުލޫމާތު ކަށަވަރުކުރަން އިތުރު ދިރާސީ މައުލޫމާތު ބޭނުންވާ އިރު، މިހާރުން މިހާރަށް ފެންނަން އޮތް ހައްލަކީ ބުޅަލުގެ ގައިގައި އުކުނު އެޅުމަށް ހުރަސްއެޅުމެވެ.

ބުޅާ އަމިއްލަ ގައިގައި ދޫލިއަސް އެއީ މާ ބޮޑު މައްސަލައަކަށް ނުވަނީ، ބުޅަލުގެ ކުޅުން ގިނަ ޖަރާސީމުތައް ނައްތާލާތީ އެވެ. އެކަމު ތިމާ ކާ އެއްޗެއްސާ ބުޅާ މާ ކައިރި ކުރުން ރަނގަޅެއް ނުވާނެ އެވެ. ބުޅާ ތިމާ ގައިގައި ދޫލައިގެން މާ ބޮޑު ގެއްލުމެއް ނުލިބޭނެ އެވެ. އެކަމު އަމިއްލައަށް ބުޅަލުގެ ގައިގާ ދޫލުން ރަނގަޅެއް ނޫނެވެ.