Roadha Mihaaru

ބޮޑެތި ޖޫރިމަނާތަކާއެކު، ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް

ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހި ކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާއެކު ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބޮޑެތި ޖޫރިމަނާތަކާއެކު، ޖަނަވާރު ރައްކާތެރިކުރާ ބިލެއް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

03 މާޗް 2025

ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި ވިޔަފާރިކުރަން މަގުފަހި ކުރުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކަކާއެކު ޖަނަވާރު ރައްކާތެރިކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

އެ ބިލު ދަށުން ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލުގައި ވަނީ ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ޓްރާންސިޓް ކުރުމާއި އެތަކެތި ގަނެވިއްކުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ކަނޑައަޅައިފަ އެވެ. އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، އާލާކުރުމަށް މަގުފަހިކުރުމަށްޓަކައި ޖަނަވާރު ގެންގުޅުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތަކެއް ވެސް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.

އެ ބިލުގައި ވަނީ އެ ގާނޫނާ ހިލާފުވެއްޖެނަމަ ބޮޑެތި ޖޫރިމަނާތަކެއް ވެސް ކަނޑައަޅާއިފަ އެވެ. އެގޮތުން، ޖަނަވާރަށް އަނިޔާއެއް ދިނުން ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000ރ. 50،000ރ. އާ ދެމެދުގެ އަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކޮށްފިނަމަ 5،000ރ. 500،000ރ. ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭއިރު، ގާނޫނާ ހިލާފަށް ޖަނަވާރު އާލާކޮށް ނުވަތަ ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެ ނުވަތަ، ސާމްޕަލް އޮޅުވާލައި ނުވަތަ ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފިނަމަ 10،000ރ. 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން ޖަނަވާރުގެ ސަބަބުން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އެ ބިލުގައިވާ ގޮތުން ސިޔާސަތު ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ އެނިމަލް ވެލްފެއާ މިނިސްޓްރީ އެވެ. މީގެ ކުރިން ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ނުރައްކާތެރި ޖަނަވާރު އެތެރެކުރުމަށް ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހުނު ނަމަވެސް، މި ބިލުގައި ވަނީ އެ ހުއްދަ އެނިމަލް ވެލްފެއާ މިނިސްޓްރީން ނަގަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ނިމިދިޔަ 19 ވަނަ މަޖިލިސް ދައުރުގައި ވެސް ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެއް ހުށަހަޅައި، އެ ބިލުގެ އެ މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ނިމުނުއިރު ވެސް އެ ބިލްގެ މަސައްކަތެއް ނުނިމެ އެވެ. އަލަށް ހުށަހެޅި ބިލުގައި ވަނީ ޖޫރިމަނާގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.