11 މެއި 2017
އަމިއްލަ ގައުމުގައި ތިބެގެން، އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު މަތީ ތައުލީމް ހޯދޭނޭ ފުރުސަތު ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި 2007 ވަނަ އަހަރު ގާއިމްކޮށް ހިދުމަތް ދޭން ފެށި ވިލާ ކޮލެޖުން އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ ކޮލެޖުން އަންޑަގްރެޖުއޭޓް ޑިގްރީ ފުރިހަމަކޮށް 1100 ދަރިވަރުން ދަސްވެނިވެފައިވެ އެވެ. އަދި ޕޯސްޓްގްރެޖުއޭޓް ލެވެލްގެ ކޯސްތަކާއި މާސްޓާޒް ފުރިހަމަކޮށް 704 ދަރިވަރުން ދަސްވެނިވެފައިވެ އެވެ.
އަމިއްލަ ގައުމުގައި ތިބެގެން، އަތްފޯރާ އަގެއްގައި ފެންވަރު ރަނގަޅު މަތީ ތައުލީމް ހޯދޭނޭ ފުރުސަތު ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި 2007 ވަނަ އަހަރު ގާއިމްކޮށް ހިދުމަތް ދޭން ފެށި ވިލާ ކޮލެޖުން އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. އެގޮތުން މިހާތަނަށް އެ ކޮލެޖުން އަންޑަގްރެޖުއޭޓް ޑިގްރީ ފުރިހަމަކޮށް 1100 ދަރިވަރުން ދަސްވެނިވެފައިވެ އެވެ. އަދި ޕޯސްޓްގްރެޖުއޭޓް ލެވެލްގެ ކޯސްތަކާއި މާސްޓާޒް ފުރިހަމަކޮށް 704 ދަރިވަރުން ދަސްވެނިވެފައިވެ އެވެ.
ވިލާ ކޮލެޖް ހިމެނިފައި ވަނީ ރާއްޖޭގައި ޑިގްރީން ފެށިގެން މަތީގެ ކޯސްތަކުން އެންމެ ގިނަ އަދަދެއްގެ ދަސްވެނިން ނެރުނު މަތީ ތައުލީމުދޭ އެއް މަރުކަޒަށެވެ. ވިލާ ކޮލެޖްގެ ދަސްވެނިންގެ ގޮތުގައި ފާހަގަކޮށްލެވޭ ފަރާތްތައް ދައުލަތުގެ އިސް މަގާމްތަކުގައާ ބޮޑެތި ކުންފުނިތަކާއި ސްކޫލްތަކުގެ އިސްވެރިންގެ ގޮތުގައި އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެއީ އެ ކޮލެޖުން ގަބޫލުކުރާ ގޮތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެ ކޮލެޖުގައި ހިންގާ ޕްރޮފެޝަނަލް ކޯސްތައް ކަމުގައިވާ އެސޯސިއޭޝަން އޮފް ޗާޓާޑް ސަޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) އަދި ޕަޑީ އެކްރެޑިޓެޑް ޑައިވިން އަދި ވޯޓަސްޕޯޓްސް ކޯސްތައް ނިންމާފައިވާ ދަރިވަރުން އަންނަނީ ކަމާގުޅޭ ދާއިރާތަކުގައި ޕްރޮފެޝަނަލުންގެ ގޮތުގައި މަސައްކަތްކުރައްވަމުންނެވެ.
ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގައި ވިލާކޮލެޖުން އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލްކުރަމުންނެވެ. އެގޮތުން އެ ކޮލެޖް ހިމެނިފައި ވަނީ އޭސީސީއޭގެ "ގޯލްޑް ސްޓޭޓަސް" ހޯދި ރާއްޖޭގެ ފުރަތަމަ ކޮލެޖަށެވެ.
ވިލާ ކޮލެޖުން މި މަހު ފަށާ ކޯސްތަކަށް ހޮވުނު ދަރިވަރުން ރަޖިސްޓްރީވަނީ: އެ ކޮލެޖުން 1000އެއްހާ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުން.- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާސް ފެންވަރާ ހަމައަށް ތަފާތު ދާއިރާތަކުން ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަ ކޮލެޖުން ބުނީ އެންމެ އިސްކަމެއް ދެނީ ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ، ފެންވަރު ރަނގަޅު މަތީ ތައުލީމްގެ ޕްރޮގްރާމްތައް އަތްފޯރާ އަގެއްގައި، މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދިވެހި ދަރިންނަށް އަމިއްލަ ރަށުގައި ނުވަތަ ދިވެހިރާއްޖޭގައި ތިބެގެން ކިޔެވޭނޭ މަގު ފަހިކޮށްދިނުމަށެވެ.
ވިލާ ކޮލެޖުން ކުރާ ކޮންމެ ކަމެއްގައި ވެސް ފެންވަރު ހިފެހެއްޓުމަށް އިސްކަންދެ އެވެ. އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުގައި ހިންގާ އެ ކޮލެޖްގެ އަމިއްލަ ކޯސްތަކާއި، ބޭރުގެ ޔުނިވާސިޓީތަކުގެ ކޯސްތަކުގެ ކިޔަވައިދިނުމާއި އަދި ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަމުގައި ފެންވަރު ހިފެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. މިގޮތުން ވިލާ ކޮލެޖުން ދިވެހި ދައުލަތުގެ ކަމާގުޅޭ މުއައްސަސާއިން ކަނޑައަޅާ ސްޓޭންޑާޑްތަކުގެ އިތުރަށް ދުނިޔޭގެ ކަމާގުޅޭ އިދާރާތަކުގެ ކޮލިޓީ ސްޓޭންޑާޑްތަކާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރެވޭތޯ ބަލާ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ހިންގާ ކޮލިޓީ އެޝުއަރަންސާ ބެހޭ ނެޓްވޯކް ނުވަތަ އެޖެންސީތަކުގެ މެމްބަޝިޕްކަން ވެސް ވިލާ ކޮލެޖުން ވަނީ ހޯދާފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވިލާ ކޮލެޖްގެ އަމިއްލަ ކޯސްތަކަކީ ވެސް ދުނިޔޭގެ އެހެނިހެން ޔުނިވާސިޓީތަކާއި އެހެނިހެން އިދާރާތަކުން ބަލައިގަންނަ ކޯސްތަކެކެވެ. މިސާލަކަށް، ވިލާކޮލެޖްގެ އެޑްވާންސް ސެޓިފިކެޓް ނުވަތަ ފައުންޑޭޝަން ކޯސްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް އިނގިރޭސިވިލާތާއި މެލޭޝިޔާގެ ޔުނިވާސިޓީތަކުގެ ޑިގްރީ ޕްރޮގްރާމްތަކުން ފުރުސަތު ލިބެ އެވެ.
ވިލާ ކޮލެޖުން ދެކޭ ގޮތުގައި އެ ކޮލެޖުން ފެންވަރު ރަނގަޅު މަތީ ތައުލީމް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލެކްޗަރާއިންނެވެ. ނަޖީބު ވިދާޅުވީ ރާއްޖޭގައި އެއް ފުރާޅެއްގެ ދަށުގައި، ޕީއެޗްޑީ ހާސިލްކުރައްވައިގެން ތިއްބެވި އެންމެ ގިނަ އަދަދެއްގެ ބޭފުޅުން މަސައްކަތްކުރައްވާ އެއް ތަނަކީ ވިލާކޮލެޖު ކަމަށެވެ. އެގޮތުން އެ ކޮލެޖްގައި ކިޔަވައިދެއްވާ ބޭފުޅުންގެ ތެރެއިން 20 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކުރައްވައިގެން ތިއްބެވި ބޭފުޅުންނެވެ. ނަޖީބު އިތުރަށް ވިދާޅުވީ، ވިލާކޮލެޖްގައި ކޮލިޓީ އެޝޫރަންސްގެ މަސައްކަތް ބަލަހައްޓާ "އިންސްޓިޓިއުޓް ފޯ އެކަޑެމިކް ޑިވެލޮޕްމަންޓުން" ކޮންމެ ސެމިސްޓާއަކު ދެ ފަހަރު ނަގާ ދަރިވަރުންގެ ފީޑްބެކުން، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކަމާއި ދަރިވަރުން ކިޔަވައިދިނުމާ މެދު ހިތްހަމަޖެހޭކަން ހާމަވާކަމަށެވެ. މިގޮތުން ވިލާކޮލެޖްގައި ކިޔަވާ ދަރިވަރުން ކިޔަވައިދިނުމުގެ ފެންވަރަށް އަބަދުވެސް ފަހަކުން ހަތަރަކަށް ވުރެ މަތިން ރޭޓްކުރާ ކަމަށް ވިދާޅުވި އެވެ.
ކޮލެޖުން ހިންގާ ޕްރޮގްރާމްތައް ފަރުމާކުރުމުގައި އެ ޕްރޮގްރާމްތަކާ ގުޅޭ އިންޑަސްޓްރީތަކުގެ ބޭނުންތަކަށް އަދި ވަޒީފާގެ ބާޒާރަށް ބެލުމަށްފަހު ޕްރޮގްރާމްތައް ފަރުމާކޮށް، ރާވާ ހިންގަން ސަމާލުކަން ދޭ ކަމަށް އެ ކޮލެޖުން ބުންޏެވެ. އެ ތަނުގައި ހިންގާ ޕާޓްނާ ޔުނިވާސިޓީގެ ޕްރޮގްރާމްތަކަކީ ވެސް މިގޮތަށް ފަރުމާކޮށް ހިންގަމުން އަންނަ ޕްރޮގްރާމްތަކެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވިލާ ކޮލެޖްގެ ޑިގްރީ އަދި މާސްޓާސް ގިނަ ޕްރޮގްރާމްތަކަކީ އެ ޕްރޮގްރާމްތަކާ ގުޅޭ ''އިންޓަނޭޝަނަލް ޕްރޮފެޝަނަލް އެސޯޝިއޭޝަން'' ތަކުގެ އެކްރެޑިޓޭޝަން އެ ޕްރޮގްރާމްތަކަށް ލިބިފައިވާ ޕްރޮގްރާމްތަކެވެ. މި ޕްރޮގްރާމްތައް ނިންމާ ދަރިވަރުންނަށް އެފަދަ އެސޯސިއޭޝަންތަކުން ހިންގާ ޕްރޮފެޝަނަލް ޕްރޮގްރާމްތަކުގެ ނުވަތަ އެ ޕްރޮގްރާމްތަކުން ބަޔަކަށް އެގްޒެމްޕްޝަން ލިބުމާއި، އެފަދަ ޖަމިއްޔާތަކުގެ މެމްބަޝިޕް ލިބުމަށް މަގު ފަހިވެގެން ދެ އެވެ. މިސާލަކަށް، ވިލާ ކޮލެޖްގައި ހިންގާ ބެޗްލާސް ޑިގްރީ (އޮނާސް) އިން އެކައުންޓިން އެންޑް ފައިނޭންސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ދަރިވަރުންނަށް އެސޯސިއޭޝަން އޮފް ޗާޓާޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީ) ގެ އެކައުންޓިން ކޮލިފިކޭޝަންގެ ނުވަ ޕޭޕަރު ނުވަތަ ފުރަތަމަ ދެ ލެވެލް (ނޮލެޖް އަދި ސްކިލްސް ލެވެލް) އެއްކޮށް އެގްޒެމްޕްޝަން ލިބެ އެވެ.
ވިލާ ކޮޮލެޖު އިމާރާތުގެ ބޭރު: އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު ކޯސްތައް އަންނަނީ ވިލާ ކޮލެޖުަގައި ހިންގަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިންޑަސްޓްރީއާ ރައްޓެހި އަދި އިންޑަސްޓްރީއަށް ބޭނުންވާ ކަހަލަ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ކިޔަވައިދިނުމުގައި ވީހާ ވެސް ބޮޑަށް އިންޑަސްޓްރީގެ ތަޖުރިބާ އާއި އެކްސްޕޯޝާ ލިބިފައިވާ ފަރާތްތައް ކިޔަވައިދިނުމުގައި ބައިވެރިކުރުމަށް ކޮލެޖުން އިސްކަންދެ އެވެ. މީގެ އިތުރަށް ކިޔަވައިދިނުމުގައި ސިމިއުލޭޝަން ބޭނުންކޮށްގެން ވަޒީފާގައި ކުރަން ޖެހޭ މަސައްކަތާ ވީހާ ވެސް އެއްގޮތް ކަންތައްތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފޯރުކޮށްދެވޭތޯ ވިލާ ކޮލެޖުން ބަލަ އެވެ. އަދި ގިނަ ޕްރޮގްރާމްތަކުގައި އިންޑަސްޓްރިއަލް ތަމްރީން ނުވަތަ އިންޓާންޝިޕް ކަހަލަ ބައިތައް ހިމަނާފައިވެ އެވެ.
ވިލާ ކޮލެޖްގައި ކިޔަވާ ގިނަ ދަރިވަރުންނަކީ ވަޒީފާގައި ތިބެގެން ކިޔަވާ ދަރިވަރުންނަށް ވިޔަސް، އެ ދަރިވަރުން މިހާރު އަދާކުރަމުން އަންނަ ވަޒީފާއަށް ވުރެ ރަނގަޅު ވަޒީފާއެއް ނުވަތަ އަދާކުރަމުން ދާ ވަޒީފާގައި ތިބެ، މަތީ ހަރުފަތަކަށް ދިޔުމުގެ މަގު ފަހި ކުރުމުގެ ގޮތުން ވިލާ ކޮލެޖުން ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ. މިގޮތުން، ވިލާ ކޮލެޖްގެ ދަރިވަރުންނާއި، ރަނގަޅު ކުންފުނިތަކާ ގުޅުވާލައިދީ، ދަރިވަރުން މުސްތަގުބަލުގައި އަދާކުރަން ބޭނުންވާ ވަޒީފާއަށް ބޭނުންވާ ބައެއް ކަހަލަ ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތް ރަނގަޅު، ބޮޑެތި ކުންފުނިތަކާ ގުޅިގެން އެ ކޮލެޖުން ކުރެއެވެ.
ޑރ. ނަޖީބު "މިހާރު"އަށް އިންޓަވިއު ދެއްވަނީ: ކޮލެޖުގެ 10 އަހަރުވީ ހިދުމަތުގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައި.-- މިހާރު ފޮޓޯ
ނަޖީބު ވިދާޅުވީ، އެ ކޮލެޖުން ހިންގާ ''ކޯޕަރޭޓް އެކްސެސް ޓު ދަ ސުޓޫޑެންޓް ޓެލެންޓް'' (ކާސްޓް) ޕްރޮގްރާމަށް ދަނީ ކޮލެޖްގެ ދަރިވަރުންނާއި ކުންފުނި ތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. މީގެ އިތުރުން ވިލާ ކޮލެޖުން ދަނީ ޔޫރަޕްގެ ޔުނިވާސިޓީތައް ބައިވެރިވާ ދަރިވަރުންނާއި، މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން، ވިލާ ކޮލެޖްގެ ދަރިވަރުންނަށް ޔޫރަޕްގެ ޔުނިވާސިޓީތަކުގައި އެއް ސެމިސްޓާގެ މުއްދަތަށް ކިޔެވުމުގެ ފުރުސަތު ހޯދައިދެމުންނެވެ. އަދި މިފަދަ އުނިވާސިޓީތަކުގެ ދަރިވަރުން ރާއްޖެ އައިސް ވިލާކޮލެޖްގައިވެސް ކިޔަވަމުންދެ އެވެ.
އަތްފޯރާ އަގެއްގައި ދުނިޔޭގެ ފެންވަރުގެ މަތީ ތައުލީމް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ގޮތުން ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތްކުރަނީ ވީހާ ވެސް ހެޔޮއަގެއްގައި އެ ކޮލެޖްގެ ޕްރްގްރާމްތަކުގައި ކިޔެވޭނޭ މަގު ތަނަވަސްކޮށްދިނުމަށެވެ. މިގޮތުން ވިލާ ކޮލެޖްގައި މިހާރު ކިޔަވައިދެމުން އަންނަ، އިނގިރޭސިވިލާތުގެ ޕްރޮގްރާމްތަކުގެ ކޯސް ފީ ވެސް ހުރީ ރާއްޖޭގައި ހިންގާ މިފަދަ ކޯސްތައް ހިންގޭ އެންމެ ކުޑަ އަގުގައެވެ. ކޯސް ފީ ދެއްކުމުގައި ދަރިވަރުންނަށް ވީހާ ވެސް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށާއި، ފައިސާ ދެއްކުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މާލީ އިދާރާތަކާ ގުޅިގެން ތަފާތު އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ވެސް ވިލާ ކޮލެޖުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ނަޖީބު ވިދާޅުވީ މިހާރު ވެސް ވިލާ ކޮލެޖްގެ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް އިންސްޓޯލްމަންޓް އަދި މަހުން މަހަށް ކޯސްފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
ވިލާ ކޮލެޖުގެ ގްރެޖުއޭޝަންގެ ތެރެއިން:-- ފޮޓޯ: ވިލާ ކޮލެޖު
"މޯލްޑިވްސް އިސްލާމިކް ބޭންކްގެ ''ހަޔަ އެޑިޔުކޭޝަން ފައިނޭންސް ފެސިލިޓީ'' ގައި ބައިވެރިވެގެން އެއް އަހަރު ދުވަހުގެ ކޯހެއްގެ ކޯސް ފީ ހަތަރު އަހަރުން އަދި ތިން އަހަރު ދުވަހެއްގެ ކޯހެއްގެ ފީ ހަ އަހަރަށް ބަހާލައިގެން ދެއްކޭނޭ އިންތިޒާމް ވާނީ ހަމަޖައްސާފައި،" ނަޖީބު ވިދާޅުވި އެވެ.
ވިލާ ކޮލެޖްގައި ހިންގާ ހުރިހާ ޕްރޮގްރާމްތަކެއްގައި ވެސް ދިރާސާގެ ބައި ހިމަނާފައި ވެ އެވެ. ދިރާސާކުރުމުގެ ރޫހު ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އަށަގަންނަވާ އާލާކުރުމުގެ މަގުސަދުގައި ވިލާ ކޮލެޖުން 2012 ވަނަ އަހަރު "އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް އިނޮވޭޝަން"ގެ ނަމުގައި ރިސާޗް އިންސްޓިޓިއުޓެއް ގާއިމްކޮށްފައި ވެ އެވެ. މިއީ ދިވެހިރާއްޖޭގައި ގާއިމްކުރެވުނު މިފަދަ ފުރަތަމަ އިންސްޓިޓިއުޓެވެ. މި އިންސްޓިޓިއުޓުން ދަނީ ރިސާޗް ދާއިރާއިން މާސްޓާޒް ޑިގްރީގެ އެކިއެކި ކޯސްތައް ހިންގަމުންނެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ދިރާސާކުރުމުގެ އިލްމާއި ހުނަރު ދަސްކޮށްދިނުމަށް ތަފާތު ވޯކްޝޮޕްތައް ރާވާ ހިންގަމުން ގެންދެ އެވެ. މީގެއިތުރަށް ރާއްޖޭންބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވިލާ ކޮލެޖުން ދަނީ އާންމުކޮށް ހުޅުވާލައިގެން ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސްތަކާއި ސެމިނާތައް ބާއްވަމުންނެވެ. މިއީ ޖުމްލަކޮށް ވިލާ ކޮލެޖްގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުން، ހާއްސަކޮށް މާސްޓާޒް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރުން ވަރަށް ބޮޑަށް ބަލައިގަންނަ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
ވިލާ ކޮލެޖުން އެންމެ އިސްކަމެއް ދެނީ އެ ކޮލެޖުގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވެސް އެ ދަރިވަރުންގެ ކިޔެވުމާއި އެކަމާ ގުޅޭ އެހެނިހެން ކަންކަމުގައި ވީހާ ވެސް ބޮޑަށް އަޅާލާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ވިލާ ކޮލެޖްގައި ކިޔަވާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވާ ބޭރުގެ ޔުނިވާސިޓީއެއްގެ އޮންލައިން ލައިބްރަރީގެ ހުރިހާ ހިދުމަތެއް ލިބުމުގެ އިތުރަށް ވިލާ ކޮލެޖްގެ ކެމްޕަސް ލައިބްރަރީ އާއި އޮންލައިން ލައިބްރަރީގެ ހިދްމަތް ލިބެ އެވެ. މިގޮތުން މި ލައިބްރަރީތަކުން އެތައް ހާސް ފޮތާއި، ޖާނަލް އާޓިކަލްއަށް ދަރިވަރުންނަށް އެކްސެސް ލިބެ އެވެ. އަދި ދަރިވަރުންގެ އުނގެނުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ވޯކްޝޮޕްތަކާއި ސެމިނާތައް ހިންގަމުން އަންނަކަމަށް ނަޖީބު ވިދާޅުވި އެވެ.
"މިސާލަކަށް އިނގިރޭސި ބަސް އިތުރަށް ރަނގަޅުކުރަން ބޭނުންވާ ދަރިވަރުންނަށް އިންސްޓިޓިއުޓް ފޯ އެކަޑެމިކް ޑިވެލޮޕްމަންޓުން އެހީތެރިވެދޭނެ. މީގެއިތުރުން ސްޓަޑީ ސްކިލްސް އާއި ރިފަރެންސް ލިޔާނެ ގޮތާއި ރިސާޗާ ބެހޭ ވޯކްޝޮޕް ވެސް އިތުރު އެހީ ބޭނުންވާ ދަރިވަރުންނަށް އަޅުގަނޑުމެން އެބަ ހިންގަން. އަނެއްކާ މިފުރުސަތުތައް އެބައޮތް 'އީޓިއުޓް' ނުވަތަ އޮންލައިން ޓިއުޓޯރިއަލް މެދުވެރިކޮށް ވެސް ހޯދެން،" ނަޖީބު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ބެންޗުގައި ދަރިވަރުންތަކެއް ކިޔަވަން މަޑުކޮށްލައިގެން: ކިޔެވުމަށް ހިތްފަސޭހަ މާހައުލެއް ވަނީ ގާއިމްކޮށްފައި.--މިހާރު ފޮޓޯ
މީގެއިތުރަށް، ހިތްފަސޭހަ އަދި ހިތްހަމަޖެހިލައިގެން ކިޔެވޭނެ މާހައުލެއް ދަރިވަރުންނަށް ގާއިމްކޮށްދިނުމަށް ވިލާ ކޮލެޖުން ވަރަށް ބޭނުން ވެ އެވެ. އެގޮތުން އޯކިޑް އަދި ފިނިފެންމަލުގެ ބަގީޗާ ވަށައިގެން އޮންނަ ކޮލެޖްގެ ގޯތިތެރޭގައި ހަދާފައިވާ ބެންޗުތަކުގައި ތިބެގެން ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ކިޔެވުމަށް މަގު ފަހިކުރުމުގެ ގޮތުން ކޮލެޖްގެ ހުރިހާ ކެމްޕަސްތަކެއްގައި ވެސް ހިލޭ އިންޓަނެޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޖުމްލަ ނުވަ ކެމްޕަހެއްގަ އާއި ހަ ލާނިން ސެންޓަރުގައި މަތީ ތައުލީމްގެ ޕްރޮގްރާމަތައް ހިންގަމުން އަންނަ ވިލާ ކޮލެޖަކީ ޑރ. ނަޖީބުގެ ބަހުންނަމަ ''ޓްރެންޑް ސެޓަރ'' އެކެވެ. ދެހާސް ހަތް ވަނަ އަހަރު ވިލާ ކޮލެޖް އުފެދުނީއްސުރެ މިހާތަނަށް އެ ކޮލެޖުން އަންނަނީ ކޮންމެ ސެމިސްޓާއަކު ވެސް އާ ޕްރޮގްރާމްތަކާއި ކިޔަވައިދިނުމާއި ދިރާސާކުރުމާއި ކޮންސަލްޓެންސީ އަދި ޓްރެއިނިންގެ ދާއިރާއިން އާ ކަންތައްތަކާއި ގޮތްތައް ތައާރަފްކުރަމުންނެވެ.
އުކުޅަހުގައި ވިލާ ކޮލެޖުގެ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: ވިލާ ކޮލެޖު
"މިސާލަކަށް، އަޅުގަނޑުމެން މިތާ ބޭރުގެ ޑިގްރީ ކޯހެއް ފެށިއިރު، އެއްވެސް ބަޔަކަށް ގަބޫލެއްނުކުރެވޭ ދިވެހިރާއްޖޭގައި ޕްރައިވެޓް ކޮލެޖަކަށް ޑިގްރީއެއް ހިންގިދާނެކަމަކަށް. އެ ކޮންފިޑެންސް މި މަތީ ތައުލީމްގެ އިންޑަސްޓްރީގައި ބިލްޑްކުރި ބަޔަކީ އަޅުގަނޑުމެން،" ނަޖީބު ވިދާޅުވިއެވެ.
ވިލާ ކޮލެޖުން މިހާރު އަމާޒު ހިފާފައި ހުރީ އެ ކޮލެޖަށް ޔުނިވާސިޓީގެ ދަރަޖަ ހޯދުމަށެވެ. ވިލާ ކޮލެޖް ޔުނިވަރސިޓީއަކަށް ވުމުން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީން އަދި ދިރާސާ ކުރުމުގެ ފުރުޞަތު ދިވެހި ދަރީންނަށް ފަހިވެގެން ދާނެކަމުގެ ޔަގީންކަން ދެ އެވެ.
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ވިލާ ކޮލެޖު: ފައުންޑޭޝަން ޕްރޮގްރާމްތަކަށް ވެސް ހާއްސަ
އޭސީސީއޭގެ ދާއިރާއިން ވިލާ ކޮލެޖަށް ބޮޑު ކުރިއެރުމެއް
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން
ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުން 309 ދަރިވަރުން ގްރެޖުއޭޓުވެއްޖެ